މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ފަށައިފި

ސޮކާ ވެޓަރެންސް އާއި މައިލޯ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ސޮކާ ވެޓަރެންސް އާއި ނެސްލޭ މައިލޯ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކިޑްސް ފުޓްބޯލް ފިއެސްޓާ މިއަދު ފަށައިފިއެވެ.

އެ ފެސްޓިވަލް މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މިއަދު ހަވީރު ރަސްމީކޮށް ފެސްޓިވަލް ހުޅުވި ނަމަވެސް މިއަދު ހެނދުނު ވަނީ މެޗުތައް ފަށާފައެވެ.

ސޮކާ ވެޓަރެންސް އާއި މައިލޯ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކިޑްސް ފުޓްބޯލް ފިއެސްޓާ ފައްޓަވައި ދެއްވުމުގެ ގޮތުން ހައުސިން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދާ އެ ފެސްޓިވަލް ހުޅުއްވައިދެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ ސޮކާ ވެޓްރަންސް އިން އިސްނަގައިގެން ގެންދާ އެ ހަރަކާތަކީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ބައްޓަން ކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ ތުއްތުކުދިން ފުޓުބޯޅަ އަށް ތަމްރީން ކޮށް ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް އުޖާލާކުރެވޭ ފަދަ ވަރުގަދަ ކުޅުންތެރިން ތަކެއް އުފެއްދުމަށް މި ފަދަ މުބާރާތްތަކުގެ ބޭނުން ވެސް ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

ސޮކާ ވެޓަރެންސް އާއި މައިލޯ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކިޑްސް ފުޓްބޯލް ފިއެސްޓާ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޖުމްލަ 15 ސުކޫލަކުން 540 ކުދިން ބައިވެރިވާ އެ ފެސްޓިވަލްގައި 30 ޓީމުގެ މެދުގައި 240 މެޗު ކުޅޭނެ ކަމަށް ސޮކާ ވެޓްރެންސް އިން ބުންޏެވެ.

މިއަދު ފެށި އެ ފެސްޓިވަލް ހަމައެކަނި ގްރޭޑް 2 އަދި 3 ގެ ދަރިވަރުންނަށް ޚާއްސަކުރި ކަމުގައިޔަސް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރީސްކޫލް އަދި ގުރޭޑް 1 ގެ ދަރިވަރިވަރުންނަށް އަމާޒު ކޮށްގެން އިތުރު ފެސްޓިވަލެއް ބާއްވާނެ ކަމަށް ސޮކާ ވެޓްރެންސް އިން ބުންޏެވެ.

comment ކޮމެންޓް