ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ދެކުނުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އެފްވައިއެސް) އާއި މިސްކިތްމަގު އެންމެންގެ ގުޅުން (އެމްއީޖީ) ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.
ޏ. ފުވައްމުލަކުގައި ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ސައުތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، އެފްވައިއެސް އާއި އެމްއީޖީ ތާވަލުގެ ކުރިއަށް އަރާފައިވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު ބައްދަލުކުރި މެޗުގައި ފުވައްމުލަކު ސްޕޯޓްސް ކްލަބު (އެފްއެސްސީ) އަތުން އެފްވައިއެސް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އެފްވައިއެސް އިން ގެންދިޔައީ 13-25، 16-25 އަދި 13-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްވައިއެސްގެ އައިޝަތު ރަޝީދާ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ (ޑީޒެޑްޖޭ) އަތުން އެމްއީޖީ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެމްއީޖީ އިން 19-25 އިން ގެންދިޔައިރު، 25-18 އިން ދެވަނަ ސެޓު ގެންދިޔައީ ޑީޒެޑްޖޭ އިންނެވެ. ތިން ވަނަ ސެޓާއި ފަހު ސެޓު އެމްއީޖީ އިން ގެންދިޔައީ 11-25 އަދި 15-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއީޖީގެ އައިޝަތު މާޖިދާ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ފައިނަލްގައި މަތިމަރަދޫ ޒުވާނުންގެ ރޫހު ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ލ. ފޮނަދޫ ޒުވާނުންގެ ރޫހެވެ.