ގައުމީ ކުތުބުޚާނާ ޔަތީމު ހާލުގައި ފަގީރުކަމުގައި

ގައުމީ ކުތުބުޚާނާ

މީގެ 1100 ވަރަކަށް އަހަރު ކުރީން، މުސްލިމް ސްޕޭނުގެ ވެރިރަށް ޤުރްޠުބާ ނުވަތަ ކޯރޑޯވާ އަކީ އިންސާނީ ހަޒާރަތުގެ އެންމެ މަތިވެރި އެއް މަރުކަޒެވެ. އެއިރު މުޅި ޔޫރަޕަށް މަގު ދައްކައިދެމުން ގެންދިޔަ އެއް އާރުކާޓީ އަކީ އެ ޝަހަރާއި އެ ޝަހަރުގެ ތަހުޒީބެވެ. އެ ދުވަސްވަރު ޤުރްޠުބާގައި އެންމެ ބިޔަ ކުތުބުޚާނާގެ 17 ކުތުބުޚާނާ ހުއްޓެވެ. މީގެ ތެރެއިން އެންމެ ތަނެއްގައި 4 ލައްކަ ފޮތް އޮތް ކަމަށް ފެންނާން ހުރި ރިކޯޑުތަކުން ދައްކައެވެ. އެހެން ތަންތަނުގައި ހުރި ފޮތްތަކާ އެކު، ޤުރްޠުބާގެ ކުތުބުޚާނާތަކުގައި އެއިރު ހަ މިލިއަނަށް ވުރެ ގިނަ ފޮތް ހުރި ކަމަށް ބެލެވެއެވެ. މި ދަންނަވަނީ ކޮންމެ ފޮތެއް ވަކީން އަތުން ލިޔެއުޅުނު ޒަމާނުގެ ވާހަކައެވެ.

މިއީ 21 ވަނަ ގަރުނެވެ. މި ޒަމާނަކީ ބިޔަ މެޝިންތަކުގެ އެހީގައި ގަޑިއަކު އެތައް ލައްކަ ފޮތެއް ޗާޕް ކުރެވި، ފަސޭހަކަމާ އެކު އެ ފޮތްތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޮނުވޭ އަދި ގެނެވޭ ޒަމާނެވެ. މިއޮތް ފަދަ ޒަމާނުގައި، އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތް ބަލައިލަމާތޯއެވެ؟ ތަރައްގީގެ މަގުގައި ދިގު ރާސްތާއެއް ކަޑައްތު ކޮށްފީމޭ ބުނެ ދައުވާ ކުރާ މި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހުރީ އާއްމު ކުތުބުޚާނާގެ އެންމެ ދެ ކުތުބުޚާނާއެވެ. އެ ދެ ތަނުގައި ހުރި ހުރިހާ ފޮތެއްގެ ޖުމުލަ 70 ވަރަކަށް ހާހަށް ވެސް ނާރައެވެ. ގައުމުގެ އެހެން އެއްވެސް ހިސާބެއްގައި އާއްމު ކުތުބުޚާނާއެއް ނެތެވެ.

މީގެ 1100 އަހަރު ކުރީގެ މުސްލިމުންނާއި، 21 ވަނަ ގަރުނުގެ މުސްލިމުންގެ ތަފާތަކީ މިއީއެވެ.

ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަތްޕުޅުގައި ހުރި ޢަރަބި ފިޤުހު ފޮތްތަކަކާ އެކު، މީގެ 70 އަހަރަށް ވުރެ ކުރީން ދިވެހިރާއްޖޭގައި ކުތުބުޚާނާއެއް ގާއިމު ކުރެވުނެވެ. ފަހުން އެ ކުތުބުޚާނާ ބަދަލު ވެގެން ދިޔައީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާއަށެވެ. ގައުމީ ކުތުބުޚާނާ އުފެދުމަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ޓަކައި އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމާ މެދަކު ޝައްކެއް ނެތެވެ. މުޖުތަމައެއްގެ ރޫހާނީ، އަޚްލާގީ އަދި އިލްމީ ތަރައްގީއަށް ހިއްސާ ވާ އެންމެ މުހިއްމު އެއް ތަނަކީ ކުތުބުޚާނާތަކެވެ. ފޮތްތެރިކަމެވެ. ނަމަވެސް އޭގެ ފަހުން މިއަދާ ހަމަޔަށް ކުތުބުޚާނާގެ ކަންކަން ހިނގަމުން އައިސްފައި ވާ ގޮތަށް ބަލައިލުމުން، އުފެދެނީ ކަންބޮޑުވުންތަކެވެ.

ކުތުބުޚާނާގެ މަޖުމޫއާ

2005 ވަނަ އަހަރާ ހަމަޔަށް އައި އިރު، ގައުމީ ކުތުބުޚާނާގެ މަޖުމޫއާގައި އޮތީ ގާތްގަނޑަކަށް 53000 ފޮތެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ބަހުން ހުރި ފޮތުގެ 11300 ވަރަކަށް ފޮތާއި، އިނގިރޭސި ބަހުން ހުރި ފޮތުގެ 40000 ވަރަކަށް ފޮތާއި، ޢަރަބި އަދި އުރްދޫ ބަހުން ހުރި ބައެއް ފޮތްތަކެވެ. މިއީ އެއް ފޮތެއްގެ ދެ ކޮޕީ ވެސް ގުނުމުން ނުކުންނަ އަދަދެވެ. ދެވަނަ ކޮޕީ ނުގުނާ ނަމަ، ކުތުބުޚާނާގެ މަޖުމޫއާގައި އެއިރު އޮތީ 36000 ވަރަކަށް ފޮތެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ހިމެނުނީ ޚިޔާލީ ވާހަކަ ކަމާއި، އިލްމީ ފޮތްތައް އިންތިހާއަށް މަދު ކަން ވެސް ފާހަގަ ކޮށްލާން ޖެހެއެވެ. ހަމައެހެންމެ، އެއިރު ކުތުބުޚާނާގައި ހުރި ގިނަ އިލްމީ ފޮތްތަކަކީ އޭގެ އެތައް ދަހަތަކެއް ނުވަތަ އަހަރުތަކެއް ކުރީން ނެރެވި، ފުރަސޫދަ ވެފައި ހުރި އިސްދާރުތަކެއް ވެސް މެއެވެ.

2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް، ކުތުބުޚާނާއަށް އައު ފޮތް ހޯދުމުގެ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. ނަމަވެސް އެއިރު ވެސް ހޯދުނު ގިނަ ފޮތްތަކަކީ އިނގިރޭސި ބަހުން، ވިޔަފާރި އުސޫލުން ލިޔެވި ނެރެވޭ، އަދަބިއްޔާތުގެ ތެރެއަށް ވެސް ނުލެވޭ ފެންވަރުގެ ޚިޔާލީ ވާހަކަތަކެވެ. އަޚްލާގީ ހަމަތަކަށް ނުފެތޭ، ފާފަވެރި ދިރިއުޅުން ދައްކުވައިދޭ، ކިޔާ ބައެއްގެ ރޫހާނީ އަދި އަޚްލާގީ ފޭރާން ހާވިޔާ ކޮށްލާ "ރޮމޭންސް" ގިސްމުގެ ވާހަކަތަކެވެ.

2008 ވަނަ އަހަރަށް ފަހު ދެން ފެނިގެން ދިޔައީ ގައުމީ ކުތުބުޚާނާ ޔަތީމު ކޮށްލެވި، ފަގީރު ހާލުގައި ޖެއްސުނު ތަނެވެ. ކުތުބުޚާނާގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހަދައިފައި ހުރި ރަނގަޅު އިމާރާތެއްގައި ތަން ހިނގަމުން ދަނިކޮށް، އެ ތަނުން ބޭރު ކޮށްލެވި، ކުތުބުޚާނާއަކަށް އެއްވެސް ގޮތަކުން ނުފުދޭ އަދި ޖާގަ ވެސް ދަތި ތަނަކަށް ކުތުބުޚާނާ އަރުވައިލެވުނު މަންޒަރެވެ. މިއަށްވުރެ ވެސް ހިތްދަތި ކަމަކީ، ޢަރަބި އަދި އިސްލާމީ ސަގާފަތާ ދިވެހިރާއްޖެއާ ދެމެދުގައި އެއްވެސް ގުޅުމެއް ނުބާއްވާން އެދޭ ފަރާތްތަކެއްގެ ބާރާއި ނުފޫޒުގެ ދަށުން، ކުތުބުޚާނާގައި ހުރި ޢަރަބި އަދި އުރްދޫ ފޮތްތަކުގެ މަޖުމޫއާ އެކީގައި ކަހަލަ ގޮތަކަށް ތަނުން ބޭރު ކޮށްލެވުނު ކޮށްލެވުމެވެ. ރާއްޖޭގެ ވަރަށް ފުންނާބު އުސް ޢިލްމީ ބޭފުޅަކު އަޅުގަނޑުގެ ގާތުގައި ވިދާޅުވި ގޮތުގައި، އެ މަޖުމޫއާ ގައި ޚުދު އިންޑިޔާ އާއި ޕާކިސްތާނުން ވެސް ހޯދުން ދަތި އުރްދޫ ފޮތްތައް ހުއްޓެވެ. ނަމަވެސް މިހާރު މި ފޮތްތަކަށް ވީނުވީއެއް ވެސް ޔަގީންކަމާ އެކު ބުނެދޭން އެނގޭ މީހަކު ހުރި ކަމެއް ނޭނގެއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފޮތް ވަނީ ގެއްލި، ހަލާކު ވެގެން ގޮސްފައެވެ. އެ ފޮތްތައް ހޯދައި، އަލުން ކުތުބުޚާނާއަށް ގެނައުމުގެ އެއްވެސް ޕްލޭނެއް ވެސް އޮތް ކަމެއް އެނގިފައެއް ނެތެވެ. މި ވާހަކަ ދައްކާ އިރު، މި ކަމުގައި ކުތުބުޚާނާގެ ބޭފުޅުންގެ އިހުމާލެއް ނެތް ކަމާއި، މި ދެންނެވި ޖަރީމާ ހިންގީ ރާއްޖޭގެ ވެރިކަން ކުރި އިސްލާމް ދީނަށާއި ޢަރަބި އިސްލާމީ ސަގާފަތަށް ނުހަނު ބޮޑަށް ނަފުރަތު ކުރާ ބައެއް ކަން ފާހަގަ ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް ދެކޭތީ، އެކަން ވެސް ފާހަގަ ކޮށްލަމެވެ.

ގައުމީ ކުތުބުޚާނާގެ މަޖުމޫއާގެ ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި ފާހަގަ ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ކުތުބުޚާނާގައި ދީނީ ފޮތްތައް ހައިރާން ވާހައި މަދު ކަމެވެ. ދިވެހި އަދި އިނގިރޭސި ބައިގައި ވެސް މެއެވެ. އިންޑިޔާ އާއި ޕާކިސްތާނާއި މެލޭޝިޔާ ފަދަ ގައުމުތަކުގެ އިތުރުން، ޔޫރަޕާއި އެމެރިކާގައި ވެސް އިސްލާމް ދީނާ ބެހޭ ގޮތުން ނުހަނު ބޭނުންތެރި އެތައް ހާސް ފޮތެއް އިނގިރޭސި ބަހުން ކޮންމެ އަހަރަކު ޗާޕް ކުރެވެމުން ނެރެވެމުން ދާ އިރު، މީގެ ތެރެއިން މަދު ފޮތެއް ނޫނީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާއިން ލިބޭކަށް ނުހުރެއެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ އެތައް ބޭފުޅަކު ކުރައްވައި، އޭގެ ތެރޭގައި އިސްލާމީ ދުނިޔޭގެ މަގުބޫލުކަން ލިބިފައި ވާ އެތައް ތަރުޖަމާތަކެއް ހުރި އިރު، އޭގެ ތެރެއިން ހައެއްކަ ތަރުޖަމާ ވެސް ކުތުބުޚާނާގައި ނެތެވެ. ކުރީންވެސް ދެންނެވި ފަދައިން، ޢަރަބި އަދި އުރްދޫ ފޮތްތައް ވަނީ މާ ކުރީއްސުރެ، ކުތުބުޚާނާއަށް "ބޭނުން ނެތް" ފޮތްތަކަކަށް ވެގެން، ބޭރު ކޮށްލެވި އުކައިލެވިފައެވެ.

ދިވެހި ބަހުން ޝާއިއު ކުރެވިފައި ހުރި ލިޔުންތަކާއި ފޮތްތައް، ޚާއްސަ ގޮތެއްގައި މުސްކުޅި ދިވެހި ބައެއް ލިޔުންތަކާއި ފޮތްތައް، ހޯދައިލާން މަސައްކަތް ކުރުމުން ވެސް ކުތުބުޚާނާގެ ފަގީރުކަން ވަރަށް ބޮޑަށް ފެނެއެވެ. ދިވެހި ބަހުން އިހުޒަމާނުގައި ޗާޕް ކުރެވުނު ގިނަ ފޮތްތަކާއި ލިޔުންތައް ކުތުބުޚާނާގައި ނުހުރެއެވެ. ހަނގުރާމައިގެ ރަންހާރު، ސައިފް ރަސްގެފާނު ވާހަކަ، އީރަޖް ވާހަކަ، އަމީރު ޙަމްޒާ ވާހަކަ، ޙަލަބުގެ ރާނީ ފަދަ މަޝްހޫރު ވާހަކަތައް ކުތުބުޚާނާގައެއް ނެތެވެ. މިއީ އާދައިގެ، ކުޑަކުޑަ މައްސަލައެއް ނޫނެވެ. ދިވެހިރާއްޖޭގައި ގައުމީ ކުތުބުޚާނާއެއް ހުރެ، ދިވެހި ބަހުން ޝާއިއު ކުރެވުނު ގިނަ ފޮތްތަކާއި ލިޔުންތައް އެ ކުތުބުޚާނާއިން ނުލިބުމަކީ ވަރަށް ލަދުވެތި ކަމެކެވެ. ހަގީގަތުގައި، ދިވެހި ބަހުން ނެރެވުނު ކޮންމެ ފޮތެއް، ކޮންމެ ނޫހެއް، ކޮންމެ މަޖައްލާއެއްގެ ކޮޕީ ރަނގަޅު ހާލަތެއްގައި ގައުމީ ކުތުބުޚާނާގައި ރައްކައު ކުރެވިފައި އޮންނާން ޖެހެއެވެ. އެ ލިޔުންތައް ބަލައި، ދިރާސާ ކުރާން ބޭނުން ވާ ކޮންމެ މީހަކަށް އެ ޚިދުމަތް ފޯރު ކޮށްދެވޭ ފަދަ ހަރުދަނާ ނިޒާމެއް ކުތުބުޚާނާގައި ގާއިމު ކުރެވިފައި އޮންނާން ޖެހެއެވެ. އަލިފާނުގެ ހާދިސާއެއް ފަދަ ގުދުރަތީ ކާރިސާއެއްގައި މުޅި ކުތުބުޚާނާ ހަލާކު ވުން ފަދަ ކަމެއް ދިމާ ވީކީއެއް ނޫނެވެ. ވީ އިރު، މި ދަންނަވާ މައްސަލަ އަކީ ބައެއްގެ ފަރުވާކުޑަކަމާއި، ކަންކަން އިންތިޒާމު ކުރެވި ބެލެހެއްޓުނު ގޮތުގެ ދޯދިޔާކަމުގެ ނަތީޖާ ކަމަށް ނޫނީ ބެލެވޭކަށް ނެތެވެ.

ދެން ވެސް މި މައްސަލަ ހައްލު ކޮށް، ރާއްޖޭގެ އެތަންމިތަނުގައި އަތްފުނާ އަޅައިގެން ވެސް، ކުތުބުޚާނާގައި ނެތް ފޮތްތަކާއި ލިޔުންތައް ހޯދައި، ކުތުބުޚާނާއަށް ގެނައުމަކީ ކުރާން ޖެހިފައި އޮތް މުހިއްމު މަސައްކަތެކެވެ. މިހާރު ވެސް އަޅުގަނޑު ކުރީން ދެންނެވި ފަދަ އެތައް ލިޔުމެއް، އެތައް ފޮތެއް އަމިއްލަ މީސްމީހުންގެ މަޖުމޫއާތަކުގައި، ރާއްޖޭގެ ކަންކޮޅުތަކުގައި އެބަ ހުއްޓެވެ. އެ ތަކެތި ގައުމީ ކުތުބުޚާނާއަށް ހޯދުމުގެ މަސައްކަތް ހަމަ ކުރާން ވީ ނޫންތޯއެވެ؟

ޑިވެއި ޑެސިމަލް ކްލެސިފިކޭޝަން

މިހާރު ކުތުބުޚާނާގެ މަޖުމޫއާ ގިސްމު ކުރެވިފައި ވަނީދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގެ ކުތުބުޚާނާތަކުގައި ފޮތްތައް ގިސްމު ކުރުމުގައި ބޭނުން ކުރާ "ޑިވެއި ޑެސިމަލް ކްލެސިފިކޭޝަން" މިންގަނޑާ އެއްގޮތަށެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި، މީލާދީން 1876 ވަނަ އަހަރު ތައާރަފު ކުރެވުނު "ޑިވެއި ޑެސިމަލް ކްލެސިފިކޭޝަން" މިންގަނޑު ރާއްޖޭގައި ބޭނުން ކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބު ފެންނަނީ މި މިންގަނޑުގެ 200 ވަނަ ގިސްމަށް ކަޅިހިންގާލުމުންނެވެ. މި ގިސްމު ޚާއްސަ ކުރެވިފައި ވަނީ ދީންތަކަށެވެ. ގިސްމުގައި މުޅިއެކު 10 ބައި ހުރި އިރު، އޭގެ ތެރެއިން އަށް ބަޔަކީ ނަސާރާ ދީނުގެ އިލްމުތަކަށް ޚާއްސަ ކޮށްފައި ހުންނަ ބައިތަކެވެ. އިސްލާމީ އިލްމުތަކަށް ޚާއްސަ ކުރެވިފައި ވަނީ އެ ގިސްމުގެ އެންމެ ބައެކެވެ.

މުސްލިމުންގެ ފިކުރީ މިނިވަންކަން ކުރިއަރުވައި، އިލްމީ ގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދު ވާން ކޮންމެހެން މަސައްކަތް ކުރާން ޖެހިފައި ވާ ދަނޑިވަޅެއްގައި، ޤައުމީ ކުތުބުޚާނާގައި ބޭނުން ކުރާ ގިސްމު ކުރުމުގެ މިންގަނޑަކީ އިސްލާމީ ރޮނގަކުން އެކުލަވައިލެވިފައި ވާ މިންގަނޑަކަށް ވުމަކީ މުހިއްމު ކަމެއް ކަން ޔަޤީނެވެ. "ޑިވެއި ޑެސިމަލް ކްލެސިފިކޭޝަން" ނޫން އެހެން މިންގަނޑުތައް ވެސް ދުނިޔޭގައި ބޭނުން ކުރެވެއެވެ. މިސާލަކީ "ޔުނިވަރސަލް ޑެސިމަލް ކްލެސިފިކޭޝަން" މިންގަނޑެވެ. ދުނިޔޭގެ ގިނަ ތަންތަނުގައި މިހާރު ބޭނުން ކުރަނީ ވެސް އަމިއްލަ ގިސްމީ މިންގަނޑުތަކެވެ. އަމިއްލަ މިންގަނޑުތައް ބޭނުންކުރާ ތަންތަނުގެ ތެރޭގައި ތެރޭގައި އެމެރިކާގެ ކޮންގްރެސްގެ ކުތުބުޚާނާ އާއި މިޞްރުގެ އިސްކަންދަރިއްޔާގެ ކުތުބުޚާނާ ފަދަ މަޝްހޫރު ކުތުބުޚާނާތައް ހިމެނެއެވެ. ވީމާ، އިސްލާމް ދީނަށާއި ރާއްޖޭގެ ސަޤާފަތާއި ދިވެހި ފޮތްތެރިކަމަށް އިސްކަން ދެވިގެން ފަރުމާ ކުރެވޭ އަމިއްލަ ގިސްމީ މިންގަނޑެއް ގެނައުމަކީ ދިވެހީންގެ ކުތުބުޚާނާއަށް ލިބޭ ނިކަމެތިކަމެއް ނޫނެވެ.

މުވައްޒަފުން

ކުތުބުޚާނާ ފަދަ އިދާރާއެއް ކާމިޔާބުކަމާ އެކު ހިންގުމުގައި، މުވައްޒަފުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެކެވެ. ކުތުބުޚާނާއެއްގެ މުވައްޒަފުންނަށް ފޮތްތެރިކަމާއި، ފޮތާއި، މުސައްނިފުންނާ ބެހޭގޮތުން އެކަށީގެން ވާ މިންވަރަކަށް މައުލޫމާތު ލިބިފައި ހުންނާން ވާނެއެވެ. ކުތުބުޚާނާގެ ބޭނުން ކުރާ މީހަކު، ފޮތެއްގެ ނުވަތަ މުސައްނިފެއްގެ ވާހަކައިން ސުވާލު ކޮށްލުމުން، އެ ސުވާލަށް ކުތުބުޚާނާގެ ކަމާބެހޭ މުވައްޒަފުންނަށް ޖަވާބު ދެވޭން ވާނެއެވެ. މުވައްޒަފުންނަކީ ފޮތްތެރި، ކިޔުންތެރި ބަޔަކަށް ވާން ޖެހޭނެއެވެ. ނަމަވެސް މި ފެންވަރަށް މުވައްޒަފުން ގެނައުމަކީ މަސައްކަތްތަކެއް ކޮށްގެން ކުރެވޭ ކަމެކެވެ. ސުވާލަކީ މިހާރު ކުތުބުޚާނާގެ މެނޭޖްމަންޓުން އެ މަސައްކަތް ކުރައްވާތޯއޭ، މިއެވެ.

"ލައިބްރަރީ ސައެންސް" އިން މަތީ ފެންވަރަކަށް ކިޔަވައިގެން ތިބި މީހުން ރާއްޖޭގައި ވަރަށް މަދެވެ. މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް 2005 ހައި ތަނުގައި ކުތުބުޚާނާއިން ކުރައްވައިފައި ވެސް ވެއެވެ. ނަމަވެސް އަދި ވެސް މިކަން އޮތީ މައްސަލައެއްގެ ގޮތުގައެވެ. ބޮޑު މުސާރަ ލިބޭ، ނުވަތަ މާލީ ބާޒާރުން ވަޒީފާ ލިބޭ ދާއިރާތަކުން ނޫނީ ދިވެހިން ނުކިޔެވުމުގެ މައްސަލައިގެ ސަބަބުން، މި ބާވަތުގެ ބޭނުންތެރި ދާއިރާތަކުން ކިޔަވާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ނެތެވެ. ނަތީޖާ އަކީ ވަރަށް ގިނަ ދާއިރާތަކާއި އިދާރާތަކަށް ނުހަނު ބޮޑު އުނިކަމެއް ލިބުމެވެ. ގައުމީ ކުތުބުޚާނާ އަކީ ވެސް މި މައްސަލައިގެ ހިތި ނަތީޖާ ތަހައްމަލު ކުރާ އެއް އިދާރާއެވެ.

ކަން މިހެން ހުރުމާ އެކުގައި ވެސް، އަޅުގަނޑު އުފަލާ އެކު ފާހަގަ ކޮށްލާން ބޭނުން ވާ ކަމެއް އެބައޮތެވެ. އެއީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން، އެއްވެސް އޮފީހަކުން ނުލިބޭ ފަދަ ހިތްހެޔޮ، އެކުވެރި، އަދި ޕްރޮފެޝަނަލް ޚިދުމަތް އަޅުގަނޑަށް ގައުމީ ކުތުބުޚާނާއިން ތަޖުރިބާ ކުރެވޭ ކަމެވެ. ތަނުގެ މަޖުމޫއާ ކިތަންމެ ފަގީރަސް، ތަނުގެ އިމާރާތާއި ޖާގައިގެ ދަތިކަން ކިތަންމެ ބޮޑަސް، ތަން ތަރައްގީ ކުރުމުގެ އެއްވެސް ޕްލޭނެއް ފެންނާން ނެތަސް، ގައުމީ ކުތުބުޚާނާއަށް ޒިޔާރަތް ކުރާ މީހުންނާ މެދު އެތަނުގެ މުވައްޒަފުން މުއާމަލާތު ކުރާ ހިތްހެޔޮ ގޮތާއި، މީހަކު ޚިދުމަތަކަށް އެދުމުން އެ ޚިދުމަތް ފޯރު ކޮށްދިނުމަށް ޓަކައި ކަމަށް ކަމޭ ހިތައިގެން މުވައްޒަފުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރަމެވެ. އެތައް ދުވަހެއްގެ ތަޖުރިބާއިން އަޅުގަނޑަށް މި ކަން ވަނީ ފެނިފައެވެ. އަދި އަޅުގަނޑު ބައެއް ރައްޓެހީން ވެސް މިކަން ފާހަގަ ކޮށްފައި ވެއެވެ.

ތަރައްގީގެ ޕްލޭން

ގައުމީ ކުތުބުޚާނާ އަކީ ހަމައެކަނި ފޮތްކޮޅެއް އެއްކޮށްލައިގެން ނިދައިފައި އޮންނަ އިދާރާއަކަށް ވެގެން ނުވާނެއެވެ. ފޮތްތެރިކަން ނެތުމުގެ ބިރުވެރި އިންސާނީ ބަލީން ރާއްޖެ ސަލާމަތް ކުރުމަށް ޓަކައި އިސް ދައުރެއް އަދާ ކުރެވޭނެ އެއް ފަރާތަކީ ގައުމީ ކުތުބުޚާނާއެވެ. އެގޮތުން، މުޅި ގައުމުގައި ފޮތްތެރިކަމާއި ކިޔުންތެރިކަން ދިރުވައި އާލާ ކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ކުތުބުޚާނާއިން ވެސް ހިންގިދާނެއެވެ.

މިފަދަ ހަރަކާތްތަކެއް ހިންގޭނީ ކުތުބުޚާނާއަށް އެކަށީގެން ވާ ވަސީލަތްތައް ވެސް ލިބިގެންނެވެ. އެންމެ ފުރަތަމަ ކަމަކީ ކުތުބުޚާނާގެ މައި މަރުކަޒު ހިންގާނެ އެކަށީގެން ވާ އިމާރާތެކެވެ. އިސްލާމީ އަދި ދިވެހި ސަގާފަތުގެ ރަމްޒެއް ކަމަށް ހިމެނޭ، އިމާރާތް ކުރުމުގެ ފަންނުގެ އާނަންދަ މިސާލެއް ކަމަށް ހިމެނޭ ފަދަ ރީތި އިމާރާތެކެވެ. އެއާއެކު، ކުތުބުޚާނާގެ މުވައްޒަފުންނަށް އިތުރު ކުރިއެރުމާއި ތަމްރީނު ހޯދައިދޭން ޖެހެއެވެ. ދިވެހި ބަހުން ލިޔެވިފައި ހުރި ފޮތްތަކުގެ އިތުރުން، ޢަރަބި ބަހާއި، އުރްދޫ ބަހާއި، އިނގިރޭސި ބަސް ފަދަ ބަސްބަހުން ހުރި ފޮތްތަކާއި ލިޔުންތަކާ އެކު ކުތުބުޚާނާގެ މަޖުމޫއާ މުއްސަނދި ކުރާން ޖެހެއެވެ. ކުރީންވެސް ދެންނެވި ފަދައިން، ކުތުބުޚާނާގެ މަޖުމޫއާ ގިސްމު ކުރުމަށް ޓަކައި އައު މިންގަނޑެއް ބޭނުމެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުތުބުޚާނާގެ ޚިދުމަތް ފުޅާ ކުރުން ވެސް މުހިއްމެވެ.

ދިވެހި ބަހުން ފެންވަރު ރަނގަޅު ފޮތްތައް ޝާއިއު ކުރެވޭ މިންވަރު މަދު ވުމަކީ ރާއްޖޭގެ އިންސާނީ ތަރައްގީއަށް އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހެވެ. މި ހުރަސް ނެއްތައިލުމަށް ޓަކައި، އެކިއެކި އިދާރާތަކުން ގުޅިގެންނާއި ވަކިވަކީން ބޮޑެތި މަސައްކަތްތަކެއް ކުރާން ޖެހޭ އިރު، ގައުމީ ކުތުބުޚާނާއަކީ ވެސް މި ކަމުގައި ޒިންމާއެއް ނަގާން ޖެހޭ ފަރާތެކެވެ. ކުތުބުޚާނާގެ މަޖުމޫއާގައި ހިމެނޭ، ބިދޭސީ ބަސްބަހުން ހުންނަ، މުހިއްމު ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުވުމުގެ މަޝްރޫއެއް ކުތުބުޚާނާއިން ނުފަށާން ވީ ކީއްވެގެން ތޯއެވެ؟ ކުތުބުޚާނާގެ ބަޖެޓުގައި ފަސް ވަރަކަށް މިލިއަން ރުފިޔާ މި ކަމަށް ޓަކައި ހިމަނުއްވައިދެއްވައިފި ނަމަ، ކުތުބުޚާނާއިން އެ މަސައްކަތް ކުރައްވާނެ ކަން ޔަގީނެވެ. އެއިރުން އަހަރެއްގެ މައްޗަށް، ރަނގަޅު ފޮތުގެ ދިހަ ވަރަކަށް ފޮތް ދިވެހި ފޮތް އަލަމާރިއަށް އިތުރު ވީއެވެ.

ކުޑަކުދީންނަށާއި ޒުވާނުންނަށް އަމާޒު ކޮށްގެން، ކިޔުންތެރިކަން އާލާ ކޮށް ދިރުވުމުގެ ޕްރޮގްރާމްތައް ވެސް ކުތުބުޚާނާގެ ފަރާތުން ހިންގެވިދާނެއެވެ. ކުޑަކުދީންނަށް ޚާއްސަ ބައެއް ކުތުބުޚާނާގައި ކުރީން ވެސް ހުއްޓެވެ. އެ ބައި ތަރައްގީ ކުރައްވައި، ކުޑަކުދީން ކިޔާނެ އިސްލާމީ ދިވެހި ސަގާފަތާ ގުޅޭ ފޮތްތައް ހޯއްދަވައި، ލިޔުއްވައި، ތަރުޖަމާ ކުރުއްވައި، އެ ފޮތްތައް ކުދީން ލައްވައި ކިޔުއްވުމަށް ޓަކައި ރާއްޖޭގެ ހުރިހާ މަދަރުސާތަކާ ގުޅިގެން ގައުމީ ކުތުބުޚާނާގެ ފަރާތުން ހިންގެވޭނެ އެކިއެކި ޕްރޮގްރާމްތައް ހުންނާނެއެވެ.

ކުތުބުޚާނާގެ ޚިދުމަތް ރަނގަޅު ކުރުމަށް ޓަކައި، އާއްމުންގެ ބޭނުންތަކަށް އިޖާބީ ގޮތެއްގައި ޚިދުމަތް ދިނުން ވެސް ވަރަށް މުހިއްމެވެ. ދުނިޔޭގެ ގައުމުތަކުގައި، ގައުމީ ކުތުބުޚާނާ އަކީ ބޭރަށް ފޮތް ދޫ ކުރާ، އާއްމު ކުތުބުޚާނާއެއް ނޫނެވެ. ގައުމީ ކުތުބުޚާނާގެ ބޭނުން ކުރާ މީހުން އެތަނަށް ޒިޔާރަތް ކުރަނީއެވެ. ނަމަވެސް ރާއްޖޭގައި ފޮތްތެރިކަމާއި ކިޔުންތެރިކަން އޮތް ގޮތުންނާއި، މާލެ ފަދަ ތަންތަނުގައި ޖާގަ ހުރި ގޮތުން، ގައުމީ ކުތުބުޚާނާ ވަކީން، އާއްމު ކުތުބުޚާނާތައް ވަކީން ގާއިމު ކުރުމުގެ ޒަރޫރަތެއް ނެތެވެ. ވީމާ ގައުމީ ކުތުބުޚާނާ އާއްމު ކުތުބުޚާނާއެއްގެ ގޮތުގައި ވެސް ހިންގާން ވީއެވެ. މިގޮތުގެ މަތީން ކުތުބުޚާނާ ހިންގާ ނަމަ، މިހާރުން މިހާރަށް ވެސް، ކުތުބުޚާނާގެ ޚިދުމަތް ދޭ ވަގުތުތަކާ މެދު ވިސްނައިލާން ޖެހެއެވެ. މިހާރު ކުތުބުޚާނާގެ ޚިދުމަތް ދެވެނީ ގާތްގަނޑަކަށް ސަރުކާރުގެ ރަސްމީ ގަޑީގައެވެ. ރޭގަނޑާއި، ހަފުތާ ބަންދުގެ ވެސް ވަރަށް ގިނަ ވަގުތުތަކުގައި، ތަން ހުންނަނީ ބަންދު ކޮށްފައެވެ. މިއީ ކުތުބުޚާނާގެ ޚިދުމަތް ހޯދުމުގައި، އޮފީސްތަކުގައި އުޅޭ އެތައް ހާސް ބަޔަކަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

ގައުމީ ކުތުބުޚާނާގެ ތަރައްގީގެ ޕްރޮގްރާމް 600 ވަރަކަށް މިލިއަން ރުފިޔާގެ ބަޖެޓަކުން ވެސް ހިންގިދާނެއެވެ. މި އަދަދު އެއް އަހަރުން ހޭދަ ކުރާކަށެއް ވެސް ނުޖެހެއެވެ. ދިހަ ވަރަކަށް އަހަރަށް ބަހައިލައިގެން، އަހަރަކަށް ޖެހޭ މިންވަރު ޚަރަދު ކުރީމާ އޮންނާނީ އެކަން ކުރެވިފައެވެ. މިފަދަ މަޝްރޫއުތަކަށް އިސްލާމީ ގައުމުތަކާއި، އެކުވެރި އެހެން ގައުމުތަކުގެ އެހީތެރިކަން ވެސް ލިބޭނެއެވެ. މިސާލަކަށް، މިޞުރާއި ލުބުނާނާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ގައުމުތަކުން، އިސްލާމީ ޢިލްމުތަކުގެ "ކްލެސިކްތައް" ހިލޭ ވެސް ހޯދިދާނެއެވެ.

ގައުމީ ކުތުބުޚާނާގެ ބަޖެޓަށް އަހަރެއްގެ މައްޗަށް 60 މިލިއަނެއް ހައި ރުފިޔާ ދޭ ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކަންކަން މިހާރު ހުރި ގޮތުން، ހަގީގަތަކަށް ނުވާނެ ހުވަފެނެއްގެ ވާހަކަ ދެއްކުން ކަމަށް ވެސް ވެދާނެއެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ދަށުން މިހާރު ހިންގާ ގައުމީ ކުތުބުޚާނާއަށް ދައުލަތުގެ ބަޖެޓުން 2016 ވަނަ އަހަރަށް ކަނޑައަޅައިފައި ވަނީ ކެޕިޓަލް ޚަރަދަށް އެންމެ 240400 ރުފިޔާ އާ އެކު، ޖުމުލަ 7.2 މިލިއަން ރުފިޔާއެވެ. އެއްވެސް ފައިދާއެއް ނެތް، ނުހަނު ބޮޑު ގެއްލުން ހުރި ޚަރަދެއްގެ ގޮތުގައި، މި އަހަރު ވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 23.3 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.

އިއްތަފޫ ކައިގެން ޒަންބީލަ އަރައި އިންނަ ހެން، ރާއްޖޭގެ ގައުމީ މަސްލަހަތާއި ގައުމުގެ މުސްތަގުބަލު ދިރުވައިލައިގެން ގައުމުގެ އޮޑީގެ ދިރުނބާކޮޅު މުލައްގަނޑު މައްޗަށް އަރައި އިން ސިޔާސީ ޕާޓީގެ ނިޒާމާއި، ގައުމަށް ޖެހިފައި ވާ ކެންސަރެއް ފަދަ ލޯކަލް ކައުންސިލް ނިޒާމަށް ޚަރަދު ކުރާ ބޭކާރު ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ގައުމީ ކުތުބުޚާނާ ތަރައްގީ ކުރުމަށާއި، އެ ތަނުގެ ޚިދުމަތް ހަރުދަނާ ކުރުމަށް ޚަރަދު ކުރެވޭ ނަމަ ވެސް، ގައުމަށް ކުރާ ފައިދާ ބޮޑު ވާނެއެވެ. ގައުމު ތަރައްގީ ކުރުމަކީ ޚިޔާލު ފާޅު ކޮށް ސިޔާސީ ހަރަކާތް ހިންގަނީއޭ ކިޔައިގެން މުޅި މުޖުތަމައު ގަޑުބަޑު ކޮށް، ތަން ފަސާދަ ކޮށް، ސަރުކާރަށް ނޭވާ ނުލެވޭ ވަރު ކުރުން ކަމުގެ ނުބައި ފިކުރު އެއްފަރާތް ކޮށްލައި، ހަގީގީ ތަރައްގީގެ މަގަށް ގައުމު ގެންދާ ނަމަ، މިއީ ކުރާން ޖެހިފައި ހުރި މުހިއްމު ކަންތައްތަކެވެ. ދުނިޔޭގެ ތާރީޚު ބައްލަވާށެވެ. ފޮތްތެރިކަމާއި ކިޔުންތެރިކަމާއި ފޮތަށް ކަމޭ ހިތައި، އެ ކަންކަމަށް ޚަރަދު ކޮށް، އެ ކަންކަން ކުރި އެރުވި ގައުމުތައް މެނުވީ ތަރައްގީ ވެ ކުރި އަރައިގެން ގޮސްފައެއް ނެތެވެ.

comment ކޮމެންޓް