ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓުން ފެށުން ރަނގަޅުކޮށްފި

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގައި އިއްޔެ ހަވީރު ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަނާއި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑެވެލޮޕްމަންޓުން މޮޅުވީ 3-2 ސެޓުން -- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ދެކުނުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ފެށުން ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ރަނގަޅުކޮށްފި އެވެ.

ޏ. ފުވައްމުލަކުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އަތުން ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓު މޮޅުވީ 3-2 ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ދެ ސެޓު 25-16، 25-18 އިން ގެންދިޔައީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓެވެ. ޖެހިގެން އައި ދެ ސެޓު 17-25، 23-25 އިން ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ގެންދިޔަ ނަމަވެސް، މެޗުގެ ފަހު ސެޓު 15-7 އިން ގެންދިޔައީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓުގެ ފާތިމަތު ޝަހުލާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ފުވައްމުލަކު ސްޕޯޓްސް ކްލަބާއި ވެށިނަލަ ޖަމިއްޔާ އެވެ. އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ވެށިނަލަ ޖަމިއްޔާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓު 9-25، 18-25 އިން ގެންދިޔައީ ވެށިނަލަ ޖަމިއްޔާ އެވެ. މެޗުގެ ތިން ވަނަ ސެޓު 27-25 އިން ފުވައްމުލަކު ސްޕޯޓްސް ކްލަބުން ގެންދިޔަ ނަމަވެސް، ފަހު ސެޓު 11-25 އިން ގެންދިޔައީ ވެށިނަލަ ޖަމިއްޔާ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެށިނަލަ ޖަމިއްޔާގެ ފާތިމަތު ނުޒުހަތު އެވެ.

އެ މުބާރާތުގައި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން މޮޅުވެފައިވާ އިރު، ދެ މެޗުގެ ތެރެއިން އެއް މެޗުން ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ވަނީ މޮޅުވެފަ އެވެ. މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވެށިނަލަ ޖަމިއްޔާ މޮޅުވެފައިވާ އިރު، ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ފުވައްމުލަކު ސްޕޯޓްސް ކްލަބު ވެސް ވަނީ މޮޅުވެފަ އެވެ. އަދި މުބާރާތުގައި މިސްކިތްމަގު އެންމެންގެ ގުޅުން މިހާތަނަށް ކުޅުނު ހަމައެކަނި މެޗުން ވަނީ މޮޅުވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ފައިނަލްގައި މަތިމަރަދޫ ޒުވާނުންގެ ރޫހު ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ލ. ފޮނަދޫ ޒުވާނުންގެ ރޫހެވެ.

comment ކޮމެންޓް