ހަވީރު އޮންލައިން ނޫހުގެ މަސައްކަތް ވެސް ހުއްޓާލަން އަންގައިފި

ހަވީރުން މިއަދު ޝާއިއު ކުރި އެންމެ ފަހުގެ ހަބަރުތައް --

ހަވީރު ނޫހުގެ އޮންލައިން ނޫހުގެ މަސައްކަތް ވެސް ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު އަންގައިފި އެވެ.

ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް އެންގި ލިޔުމުގައި ބުނެފައި ވަނީ "ޝަރީއަތުގެ އިންސާފަށް ޓަކައި، ޝަރީއަތުގެ ފަރާތުން 2016 މާޗު 31 ވަނަ ދުވަހު ސިވިލް ކޯޓުގެ ... ވަގުތީ އަމުރުގެ ނަތީޖާ އާއި މަގްސަދު ގެއްލޭ ގޮތަށް ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީގެ ނަމާއި ލޯގޯ އާއި އަދި "ހަވީރު" އަށް ނިސްބަތްވާ ގޮތަށް އެއްވެސް އެއްޗެއް ލިޔެ، ޝާއިއުކޮށް އަދި މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށް، އާންމު ކުރުން ފަދަ އެއްވެސް ކަމެއް ކުރާ ނަމަ" ކުރަން ވާނީ ސިވިލް ކޯޓުގެ ވަގުތީ އަމުރުގައިވާ ގޮތަށް ކަމަށެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ވަނީ ހަވީރު ނޫސް އެޖެންސީގެ އެއްވެސް ބޭންކް އެކައުންޓަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި އަދި ނޫހާއި ނުސްއެޖެންސީގެ އެއްވެސް ކަމެއް، ގ. ކޮއްކިރި ފާރޫގު ހަސަނާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދިއުމަށެވެ.

ހަވީރުން ނޫހުން ކުރިން ބުނެފައި ވަނީ ސިވިލް ކޯޓުން ކުރި އަމުރު ހަވީރު އޮންލައިނަށް ރައްދު ނުވާތީ ކުރިއެކޭ ވެސް އެއްގޮތަށް ހަވީރު އޮންލައިން ކުރިއަށް ދާނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެގޮތަށް އެއަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ ހެންވޭރު ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އޮގަސްޓު މަހު އެވެ.

ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ބުނެ ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށި ހިސާބުން މިއަދާ ހަމަ އަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮންނާނެ ކަމަށެވެ.

ހައި ކޯޓުން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ހަތަރު ވަނަ ހިއްސާދާރަކީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމު އެވެ.

ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެން ދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ބަދަލުކޮށްގެން މިހާރު ހިންގަމުން ދިޔަ ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަވީރު އޮންލައިން ނޫހުގެ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން އެންގި އިރު، އެ ނޫހަކީ ޑރ. ޒާހިރު ހުސައިންގެ ތިން ބޭފުޅުން ކަމަށްވާ، ލުބުނާ ޒާހިރު ހުސައިނާއި ލީނާ ޒާހިރު ހުސައިނާއި ވާއިލު ޒާހިރު ހުސައިންގެ ނަމުގައި އޮންނަ ހަވީރު މީޑިއާ ގްރޫޕުން ހިންގާ ނޫހެކެވެ.

comment ކޮމެންޓް