ޕޮގްބާގެ އަގު 100 މިލިއަން ޕައުންޑަށްވުރެ މަތިވާނެ: ޕިރްލޯ

ޔުވެންޓަސްގެ ޒުވާން ތަރި ޕޯލް ޕޮގްބާ -- ފޮޓޯ: އޭޕީ

ޔުވެންޓަސްގެ ފްރާންސް ތަރި ޕޯލް ޕޮގްބާގެ އަގު 100 މިލިއަން ޕައުންޑަށްވުރެ މަތިވާނެ ކަމަށް އެކްލަބުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް ޕޮގްބާ ނިންމާފައިވާކަން އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.

"ޔުވެންޓަސްއިން ޕޮގްބާ ބަހައްޓަން ބޭނުންވާނެކަމުގެ އެއްވެސް ޝައްކެއް ނެތް. އެކަމަކު ބައެއް ފަހަރު ކުޅުންތެރިން ބޮޑު އަގުގައި ވިއްކާލުމަށްފަހު، ރަނގަޅު ޓީމެއް އެ ފައިސާއިން ބިނާކުރަން ޖެހޭނެ. އެހެން ކްލަބަކަށް ޕޮގްބާ ބަދަލުވާން ބޭނުންނަމަ، އޭނާ ވިއްކާލާނީ ރެކޯޑް ޓްރާންސްފާގެ އަގަކަށް،" ޕިރްލޯ ބުންޏެވެ.

އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އެމެރިކާގެ ނިއު ޔޯކް ސިޓީއަށް މިދިޔަ އަހަރު ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޔުވެންޓަސްގައި ޒުވާން ކުޅުންތެރިޔާ ޕޮގްބާއާއެކު ކުޅެފަ އެވެ.

"އަހަރެން މޮޅެތި ޒުވާން ކުޅުންތެރިންތަކަކާއެކު އެއް ޓީމަކަށް ކުޅުނިން. އެކަމަކު އޭގެ ތެރެއިން ވެސް އަހަރެންނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮގްބާ. އަހަރެމެންނަށް އޭނާގެ ފުރަތަމަ ޓްރެއިނިން ސެޝަނުން ވެސް އެއީ ހާއްސަ ކުޅުންތެރިއެއް ކަން އެނގުނު. މެންޗެސްޓާ ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލި ހިސާބުން އޭނާ ވެގެންދިޔައީ އެންމެ ފުރިހަަމަ މިޑްފީލްޑަރުގެ ގޮތުގައި،" އުމުރުން 36 އަހަރުގެ މިޑްފީލްޑަރު ޕިރްލޯ ބުންޏެވެ.

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން 2012 ވަނަ އަހަރު ޔުވެންޓަސްއަށް ދޫކޮށްލި ޕޮގްބާ ހޯދުމަށް މިދިޔަ ސީޒަނުން ފެށިގެން ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް