އައްޑޫ ވިޔަފާރިވެރިޔާ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި: ފުލުހުން

އަލީ އަބްދުﷲގެ ހަށިގަނޑު ނަގަނީ: އޭނާ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ބަޔަކު ދުރާލައި ރާވައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، ސ. ހިތަދޫ އެޅެދީދީ މަގުގައި ހުންނަ ހެޕީފިއުޗާ ގޭގައި އަލީ އަބްދުﷲ ހިންގާ ހިތަދޫ ޓޫވޭ ނަމަކަށް ކިޔާ ފިހާރައަކީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށެވެ.

އޭނާ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވިއެވެ.

ޝަތީހު ވިދާޅުވީ، މިމަހުގެ ދެވަނަ ދުވަހު އަލީ އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އުމުރުން ދުވަސްވީ އަންހެނަކަށް ވަލުތެރެއަށް އަލީ އަބްދުﷲގެ ސައިކަލް އެއްލާފައި އޮއްވައި ފެނުނު ކަމަށެވެ. އެ ސައިކަލް އޮތް ސަރަހައްދާއި ތިން ފޫޓު ދުރުގައި އަލީ އަބްދުﷲގެ ހަށިގަނޑު އޮއްވައި ފެނުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއިރު ހަށިގަނޑުގެ އެއްބައި މޭކަށިގަނޑުން މަތި އޮތީ އޮޅުތެރޭގައި. އަނެއްބައި އަލައޮޅުތައް ކައިރީ ހުރި ވިނަތައް މަތީގައި އޮތީ،" ޝަތީހު ވިދާޅުވިއެވެ.

އަލީ އަބްދުﷲގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ދެ އަތުގެ އުޅަނބޮށީގެ ތެޔޮހަން ގޮސްފައިވުމާއި، ދޫ ބޭރަށް ނުކުމެފައި ހުރުމުގެ އިތުރުން ކަރުގައި އެއްޗެއް އޮޅާލާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުރިއިރު، ދެ ލޯ ވަރަށް ބޮޑަށް ހުޅުވި، ދެލޮލުގެ ކަޅި މައްޗަށް ހުރިކަން ފާހަގަ ކުރެވުނުކަމަށް ވެސް ޝަތީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލީ އަބްދުﷲގެ ހަށިގަނޑު ބިންމަތީގައި ދަމާފައި ގެންދިޔަ ކަމުގެ ނިޝާންތަކެއް ވެސް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި އަލީ އަބްދުﷲގެ ހަށިގަނޑު އޮތް ސަރަހައްދު ފާސްކުރި އިރު، އެތަނުން އޭނާގެ ފޯނު ފެނިފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވިއެވެ.

އެ ސަރަހައްދުން ފެނުނު އަލީ އަބްދުﷲގެ ފިހާރައިގައި ރީލޯޑު ކުރަން ބޭނުންކުރާ ފޯނުގައި ހުރި ހުރިހާ ފައިސާތައް އެހެން ފޯނަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަފާތު އެކި ދުވަސްމަތިން އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޝަތީހު ވިދާޅުވީ، އަލީ އަބްދުﷲގެ މަރުގެ މައްސަލާގައި އާއިލީ ކަންތައްތަކެއް ވެސް އުޅޭ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލީ މައުލޫމާތު އެނގޭނީ އިތުރަށް ތަހުގީގުކޮށްގެން ކަމަށެވެ.

comment ކޮމެންޓް