މާފަރު ހަސަންބެގެ ގާތިލަކު އުމުރަށް ޖަލަށް ލައިފައި ހުއްޓާ ދޫކޮށްލައިފި

ގ. އިރުފާ، އަހްމަދު ނައުޝާދު

މީގެ 11 އަހަރު ކުރިން ނ. މާފަރުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކޮށް، މަރާލި ކަމުގެ ކުށް ސާބިތުވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ނ. މާފަރު، ހިތްފަސޭހަގޭ ހަސަން އަބޫބަކުރުގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ، ގ. އިރުފާ އަހްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓު މުހައްމަދު ފައިސަލްގެ މައްޗަށެވެ.

އޭގެ ތެރެއިން، ނައުޝާދު ދޫކޮށްލައިފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އޭނާ ދޫކޮށްލި ވަކި ތާރީޚެއް އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ނުލިބެއެވެ.

ނައުޝާދަކީ ހަސަން އަބޫބަކުރަށް ދޮންކާފަ ކިޔާ މީހެކެވެ.

އެ ދެމީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ މައްސަލަ އެ ދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަަމަށް 2017ވަނަ އަހަރު އެ ކޯޓުން ވަނީ ނިންމައިފައެވެ.

އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރުގެ އަނގަމަތީގައި ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އަޅައި، އިންސިއުލޭޝަން ޓޭޕުން ދެ އަތްބަދެ މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހަސަން އަބޫބަކުރު ދިރިއުޅޭ ގޭގެތެރޭގައި އޭނާ ރަހީނުކުރުމުގެ އަމަލު ހިންގާފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރުއެވެ.

ނައުޝާދާއި ފައިސަލް އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ، ކުރީގެ ޓެރަރިޒަމް ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

comment ކޮމެންޓް