މީގެ ހަތް އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އެރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މީގެއިތުރުން އެރަށު ބީޗްވިލާ އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
ސިފާމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލިޔަސް އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ހުކުމްގައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ބުނާ ގޮތުން އުފުލާފައިވާ ދައުވާ ސާބިތު ނުވި ނަމަވެސް, އެހެން ކުށެއް ކުރި ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެ އެ ކުށުގެ ރުކުންތައް ސާބިތުވާ ނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.
އެހެންކަމުން ހުށަހަޅާފައިވާ ހެއްކަށް ބަލައި ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި, ޒިޔަދަމް އާއި ޝަނޫން އާއި ސިފާމް އަކީ ތިން އެކުވެރިންނެވެ. އެ ހާދިސާ ހިނގާފައި ވަނީ މުންޑޫގައި، ތިން މީހުން އެކުގައި ބަނގުރާ ބޯން ތިއްބައެވެ.
އެގޮތުން ތިން މީހުންގެ ތެރޭގައި މައްސަލަ އުފެދުނީ ސިފާމްގެ ކޮއްކޮއާ ގުޅޭ ގޮތުން ޒިޔަދަމް ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ޒުވާބުކޮށް އެ ދެ މީހުން މާރާމާރީ ހިންގަން ފެށުމުން އެ ދެމެދަށް ޝަނޫނު ވަދެ ވަޅިއަކުން ސިފާމްއަށް ހަމަލަ ދިން ކަމަށް ހެކިވެރިއަކު ވަނީ ބުނެފައެވެ.
ވަޅިން ހަމަލަ ދިނުމުން ޒިޔަދަމް ދުވެފައި ގޮސް ވަނީ އެ ރަށު ވަގުތީހިޔާގޭގެ ބަދިގެއަށެވެ. ނަމަވެސް އެތަނަށް ޝަނޫނު ވަދެ ޒިޔަދަމްއަށް ހަމަލާދިންއިރު އެކަމަށް އެހީތެރިވެ މަގުފަހިކޮށްދީފައިވަނީ ސިފާމް ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.