ދަގަނޑޭއަށް ބޫޓާން ގޯލު ފޫއަޅުވާލަން އުނދަގޫވާނެ: ބޫޓާން ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ބޫޓާން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޫޓާން ކޯޗު ޕެމާ ޑޯޖީ ވާހަކަ ދައްކަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މާދަމާ ރާއްޖެ ކުޅޭ މެޗުގައި ގައުމީ ޓީމްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ބޫޓާން ގޯލު ފޫއަޅުވާލަން އުނދަގޫވާނެ ކަމަށް ބޫޓާން ކޯޗު ޕެމާ ޑޯޖީ ބުނެފިއެވެ.

މާދަމާ ރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑޯޖީ ބުނީ ދަގަނޑޭ ހިފަހައްޓަން ބޫޓާންގެ ޑިފެންޑަރުންނަށް އުނދަގޫވާނެ ކަމަށާއި ނަމަވެސް ދަނގަޑޭއަަށް ވެސް ބޫޓާން ޑިފެންޑަރުން ބީޓް ކޮށްފަ ދާން ފަސޭހައެއް ނުވާނެ ކަމަށެވެ.

"އަހަރެމެންނަށް އަބަދުވެސް އުނދަގޫ ދަގަނޑޭ ހިފަހައްޓަން. ނަމަވެސް ބޫޓާން ޓީމް ކުރިއަށް ވުރެން ވަރުގަދަ ވާނެ. މާދަމާގެ މެޗަށް ދެ ޓީމް ވެސް ނިކުންނާނީ މޮޅުވާން އެހެން ކަމުން ބަލާހިތްވާ ކަހަލަ ފޯރިގަދަ މެޗެއް ފެނިގެން ދާނެ،" ޑޯޖީ ބުންޏެވެ.

ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ރާއްޖެ އެ ގައުމުގައި ކުޅުނު މެޗުގައި ދަގަނޑޭ ހެޓްރިކެއް ހަދާފައިވާ އިރު މިދިޔަ ހަފްތާގައި ޗައިނާ އަތުން ރާއްޖެ ބަލިވި މެޗުގައި އަނިޔާގެ ސަބަބުން އޭނާ ކުޅެފައެއް ނުވެއެވެ. ނަމަވެސް ދަގަނޑޭ މިހާރު ވަނީ އަނިޔާއިން މުޅިން ސަލާމަތްވެ ޓީމާއި އެކު ފަރިތަކުރަން ވެސް ފަށާފައެވެ.

ކޮލިފައިންގެ ގްރޫޕް ސީގެ ފަހު މެޗަށް ނިކުންނައިރު ރާއްޖޭގެ ކޯޗު ރިކީ ހާބަޓް ބުނީ ބޫޓާނަކީ މިހާރު އާދައިގެ ޓީމެއް ނޫންކަމަށާއި އެއީ މިހާރު ވަރަށް ތަފާތު ޓީމެއް ކަމަށެވެ.

"ވޭތުވެ ދިޔަ އަހަރުތަކު ރާއްޖެއިން ވަނީ ވަރަށް ގިނަ ފަހަރު ބޫޓާނާ ދެކޮޅަށް ކުޅެފައި. އެ މެޗުތަކުން ރާއްޖެ ބޮޑު ތަފާތަކުން މޮޅުވެފަ ހުރި ނަމަވެސް މިހާރު އެ ޓީމަކީ ގޮތް ނޭނގޭ ޓީމެއް. އާދައިގެ ޓީމެކޭ ނުބުނެވޭނެ،" ހާބަޓް ބުންޏެވެ.

މާދަމާ ރޭ 21:00 ރަސްމީ ބޯޅަ ދަނޑުގައި މި ދެ ޓީމް ނިކުންނައިރު ދެ ޓީމަށް ވެސް ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.

comment ކޮމެންޓް