މާސިންގާހާ ބޮޑު ބިމެއް ހުޅުމާލޭގައި ހިއްކާފައި އޮއްވައި އެ ތަން އެއްފަރާތްކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މާލޭގައި އޮތިއްޔާ އޮތް ހުސް ބިމެއްގައި ބިޔަ ފްލެޓްތައް އަޅައި އެ ފްލެޓްތަކުގެ ބައެއް ބޭރު މީހުންނަށް ލިބޭ ގޮތަށް އެކަން ކުރަން ފެށުމުން އެކަމާ ދެކޮޅަށް ބަސް ބުނާ ހިތްވި އެވެ. ނަމަވެސް އެ ވާހަކަ އޭރު ނުދެއްކީ މާލޭގައި އުޅޭ މީހުންގެ ބޯހިޔާވަހި ކަމުގެ ވާހަކައަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ހައްސާސް އަދި އެހާމެ ކަންބޮޑުވުން އޮތް ކަމަކަށްވާތީ، އެފަދަ ވާހަކައެއް ދެއްކުމުން ބަޔަކަށް އެ ވާހަކަ ހަޖަމު ކުރަން އުނދަގޫވެދާނެތީ އެވެ. އަދި ހަމަ އެހެންމެ ކޮންމެ ކޮންމެ ކަމަކާ ފާޑުކިޔަން ވެސް ބޭނުން ނުވުމުންނެވެ.
މާކެޓް އެކޮނަމީ ނުވަތަ ޑިމާންޑް އެންޑް ސަޕްލައިގެ އުސޫލުން ބަލާ އިރު، ކޮންމެ ވިޔަފާރިއެއް ވިޔަސް، މައުނަވީ ގޮތަކަށް ކުރުމަށް އެކަށީގެންވާ އާބާދީއެއް އޮންނަން ޖެހެ އެވެ. އެއީ ދެބަސްވާންވީ ކަމެއް ނޫނެވެ. އެ އުސޫލުން ބަލާ އިރު ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ތަރައްގީ ކުރަން ޖެހެ އެވެ. އެކަމާ ދެބަސް ވުމެއް ނެތެވެ. އަދި ދެބަސްވާކަށް ވެސް ނެތީމެވެ. އެއީ މާލޭގައި އުޅޭ، ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އޮތް، ބޯހިޔާވަހިކަމުގެ އެންމެ އަވަސް މަގަކީ އެއީ ކަމަށް ވާތީ ވެސްމެ އެވެ. އަދި ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން، އެ ރީތި 'ބަނާނާ ރީފް' ނުހިއްކުމަށް އަޑުއުފުލައުފުލައި ތިއްބައި، 1997 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ މަޝްރޫއު ފެއްޓެވީ ވެސް 'މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހި ކަމުގެ ހައްލެއް' ހޯއްދަވައި ދެއްވުމަށް އެ ނޫން ކުރު މަގެއް އޭރު ނެތުމުންނޭ ދެންނެވުމަކީ ވެސް ކުށަކަށް ނުވާނެ އެވެ.
އެ އުސޫލުން ބަލާ އިރު އެއީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ކާމިޔާބު މަޝްރޫއު އެކެވެ. ނަމަވެސް އެ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ޒުވާނުން އަދި ވަކިން ހާއްސަކޮށް ކުދި ރަށްތަކުގެ އެންމެން ހިޖުރަކުރުމަށް، ތައްޔާރު ކުރާ 'މަހެފިލް' އަކަށް ހެދުމަށް ވަކާލާތު ކުރުވޭ ނަމަ އެކަމާ ދޭތެރޭ ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހެ އެވެ. އަދި އެކަމުގެ އާހިރު ނަތީޖާ އެހާ ރަނގަޅު ނުވެދާނެތީ ކަންބޮޑުވާން ޖެހެ އެވެ.
ސަބަބުތައް ބައިވަރެވެ. ނަމަވެސް ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަ ކުރާނީ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނުކުންނަ ބޮޑެތި މައްސަލަތަކެވެ. ތޮއްޖެހިފައިވާ މާލެ އަށް ނޫނީ މާލެއާ ގުޅިފައިވާ ދެ އަވަށަށް ރާއްޖޭގެ އެންމެން ޖަމާ ކުރުމުގެ ވިސްނުމެއް ގެންގުޅެވޭ ނަމަ، މިހާރު ވެސް ބިމަށް ނުކަތާ ވަރަށް ތޮއްޖެހިފައިވާ މި ސަރަހައްދުގައި ކުށް ކުރުމުގެ ސަގާފަތް އިތުރަށް "ތަޣައްޔަރު" ވުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެހެނީ ތޮއްޖެހުން އޮތްވަރުން މިހާރު ވެސް ތިމާގެ ނޭބާހްޑް ނޫނީ އަވަށްޓެރިންގެ 'އެ ގަހުކޭލެއް މި ގަހު ކޭލެއް' ވަކި ނުވާ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ދެވަނަ ކަމަކީ ސިއްހީ ގޮތުން ނުކުންނަ މައްސަލަތަކެވެ. އެއް ގެއެއްގައި ބަލި މަޑުކަމެއް ފެތުރިއްޖެ ނަމަ މުޅި ރަށަށް އެ ރޯގާއެއް ނުވަތަ ބަލިމަޑުކަމެއް ފެތުރޭކަށް ގިނަ އިރުތަކެއް ނުނަގަ އެވެ. އަދި އެއަށް ވުރެ ބޮޑު އަދި ހައްސާސު މައްސަލައަކީ އެއްގަމު ދަތުރުފަތުރުގެ މައްސަލަ އެވެ. ވަކި ގަޑިތަކެއްގައި މާލޭގެ މަގުތަކަށް ނުކުތުމުން ބޮލަށް އެއޮއްވާ ތުރާލެއްގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. ދެކޮޅުން ކުރެ ކޮޅަކަށް ގުޑާ ނުލައި އެތައް އިރަކު ޓްރެފިކްގައި ތާށިވެފައި ތިބެން ޖެހެ އެވެ. މީހާގެ ސްޓްރެސް ލެވެލް ވަގުތުން ސަތޭކަށް އަރަ އެވެ. ވެހިކަލްތަކުން ބުރުވާ ދުމުން މަގަށްވާ ގޮތަށް ހުންނަ ގެއެއްގެ ފުރަތަމަ ބުރި ނަމަ، ދުވާލަކު ދެ ފަހަރު ސާފު ކުރިއަސް، މުޅި ތަޅުން އޮންނާނީ 'ކަޅުތެލުން' ތަޣައްޔަރުވެފަ އެވެ. އެ ހުރިހާ ގެދަބުޅިއަކީ އެ ތަޅުމާ އެއްވަރަށް އިންސާނާގެ ހަށިހަގަނޑަށް ވެސް ވާސިލުވާނެ އެއްޗެތި ނޫންތޯ އެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ކުރާ 3000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ރެކޯޑްތަކުން ދައްކާ އިރު، އޭގެ ތެރެއިން ބޮޑުބަޔަކީ މިދެންނެވި ފަދަ މައްސަލަތަކުން ދިމާވާ މައްސަލަތައް ނޫންކަން އެނގެނީ ކާކަށްތޯ އެވެ؟ އެކަން ކަށަވަރު ވާނީ ހޯދައި ބެލީމަ އެވެ.
ދެން އޮތީ މާލޭގެ ޓްރާންސްޕޯޓްގެ މައްސަލަ ހައްލު ކުރުމަށް، ސިންގަޕޫރު ފަދަ ގައުމުތަކުގައި ބިމުގެ އަޑީން ދަމާލާފައިވާ ޓްރާންސްޕޯޓް ނެޓްވޯކެއް އެޅުމުގެ ވިސްނުމުގެ ވާހަކަ އެވެ. ނަމަވެސް އެއީ ގާތްގަނޑަކަށް މުސްތަހީލު ކަމެކޭ ދެންނެވިއަސް ގޯހަކަށް ނުވާނެ އެވެ. ފެން ތިލަ ކަމާއި މަގުތައް ހުރި ގޮތުންނެވެ. އަދި އޯވާހެޑް މަގުތައް ހެދުމަކީ ކުރެވުމަށް ވުރެ ދުރުގައި އޮތް ކަމެއް ކަމަށް ގަބޫލު ކުރަން ޖެހެ އެވެ.
ރަށްރަށުގެ މީހުންނަށް ހުޅުމާލެއިން ބޯހިޔާވަހިކަން ދިނުމަކަށް އަޅުގަނޑު އިންކާރެއް ނުކުރަމެވެ. އަދި އެކަން އޮންނަން ވާނީ ވެސް އަތޮޅަކުން ހިޖުރަކޮށްފައިވާ މީހެކޭ މާލޭގެ މީހެކޭ ވެސް އެއް އުސޫލަކުން ކަމަށް ވެސް ވަކާލާތު ކުރަމެވެ. އެމީހެއްގެ ހާލަތު ވަޒަން ކުރުމަށް ފަހު ޕޮއިންޓްދޭ ގޮތް ތަފާތު ނުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް ކުދި ކުދި ރަށްރަށުގެ މީހުން ހިޖުރަ ކުރުމަށް ހަދާ ހަމައެކަނި މަހެފިލް އަކަށް ހުޅުމާލެ ހެދުމާ ދޭތެރޭ އަޅުގަނޑުގެ ހިޔާލު މުޅިން ތަފާތެވެ. އެއީ ހައްލެއް ނޫނެވެ. އެހެނީ މިހާރު ވެސް ހުޅުމާލޭގައި ހަތަރު ބުރިއަށް ވުރެ މައްޗަށް އިމާރާތް ނެގޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައުމުން ލަހެއް ފަހެއް ނެތި ހުޅުމާލެ 'މާލެ ފަދަ މޮޑެލަކަށް' ވުމަކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ އެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ދައުރުވާ އާބާދީގެ މައްސަލައަށް ހައްލެއް ހޯދޭނީ، މާލޭ ސަރަހައްދެކޭ އެއް ހަމައަކުން އުތުރުގެ ޒޯނަކާއި ދެކުނުގެ ޒޯނެއް ތަރައްގީ ކުރުމަށް އަމާޒު ހިފައިގެންނެވެ. އަދި އެތަންތަނުގައި ދިރޭ އެކޮނަމީ އަކާއި ތައުލީމާއި ސިއްހީ ހިދުމަތާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމުން ކޮންމެހެން އެންމެނަކު އަބަދު މާލެ އަށް ނުވަތަ ހުޅުމާލެ އަށް ހިޖުރަ ކުރުމަކަށް އިސްކަމެއް ދޭނެ ކަމަށް ގަބޫލުކުރާކަށް ނުޖެހެ އެވެ.
ހުޅުލެ އާއި އަދި ހުޅުމާލެ ގުޅުވާލުމަށް ގާއިމު ކުރާ ބުރިޖު މަޝްރޫއަކީ މި ސަރަހައްދުގެ ތަރައްގީ ހަލުއިވުމަށް މުހިންމު މަޝްރޫއަކަށް ވެދާނެ އެވެ. ނަމަވެސް ހުޅުމާލެ ވެސް އަދި އެ ނޫން ތަނެއް ވެސް ތަރައްގީ ކުރަން ވާނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކު ދުޅަހެޔޮ ލައިފް ސްޓައިލެެއްގައި އުޅެވޭ ގޮތަށެވެ. އެއަށް ވުރެ މުހިންމު ކަމެއް ވަކި އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ބުރިޖަކީ ހުރިހާ މައްސަލައެއްގެ ހައްލު ކަމަށް ވެސް ގަބޫލުކުރާކަށް ނުވާނެ އެވެ. އެއީ ޓޯޓަލް ސޮލިއުޝަނެއް ނޫނެވެ.