ނަޝީދުގެ ސެކިއުރިޓީ ފޫއެޅިތަ؟

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޕަރުވޭޒު މުޝަރައްފު ރާވަލްޕިންޑީ އިން 2003 ވަނަ އަހަރު ދަތުރު ކުރައްވަނިކޮށް، ބުރިޖެއްގެ ދަށުގައި ހަރުކޮށްފައި އޮތް ބޮޑު ބޮމެއް ގޮވީ މުޝައްރަފު ބުރިޖު ހުރަސްކުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. ރިމޯޓްކޮންޓްރޯލް ޑިވައިސަކުން ގޮއްވާލި ބޮމުން މުޝައްރަފަށް އަދި އެއްވެސް މީހަކަށް ހާނީއްކަ ނުވެ ސަލާމަތްވީ، އެފަދަ ޑިވައިސްތައް ޖޭމު ކުރުމަށް މުޝައްރަފުގެ މޮޓޯކޭޑުގައި ހަރުކޮށްފައިވާ ސިސްޓަމްގެ ސަބަބުންނެވެ. ނޫން ނަމަ ބޮން ގޮވީހީ މުޝައްރަފާ އެކު އެވެ.

ރާއްޖޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރައްވާ އިރު، މޮޓޯކޭޑުގައި އެފަދަ ޑިވައިސް ޖޭމް ކުރުމަށް ބޭނުންކުރާ ވެހިކަލެއް އޮވެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަފަނޑިޔާރު ދަތުރު ކުރައްވާ އިރު، އެފަދަ ޖޭމިން ވެހިކަލް އޮންނަތަނެއް ނުފެނެ އެވެ. ފަހަރުގައި ރައީސުލްހުމްހޫރިއްޔާ އަށް އަރުވާ ވަރުގެ ސެކިއުރިޓީ އެބޭބޭފުޅުންނަށް ނާރުވަނީ ކަމަށްވެދާނެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު އުޅުއްވާ ގޮތުން އެ މަނިކުފާނަކީ ވަރަށް އާދައިގެ ގޮތަކަށް އުޅުއްވަން ބޭނުންފުޅުވާ ބޭފުޅެއްހެން ހީވެ އެވެ. ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި ނަޝީދު މަދު ސެކިއުރިޓީ ބޭފުޅުންނާ އެކު ޖޮގިންގައި އުޅުއްވަނިކޮށް އަޅުގަނޑަށް ވެސް ވަނީ ފެނިފަ އެވެ. އަދި އެކުވެނި ޓްރެކްގައި އާންމުންނާ އެކު ޖޮގިންގައި އުޅުއްވަނިކޮށް ވެސް ވަނީ ފެނިފަ އެވެ. އެއިން އެއްވެސް ފަހަރަކު ނަޝީދުގެ މޫނުމަތީން ސެކިއުރިޓީއާ ދޭތެރޭ މާބޮޑަށް ސަމާލުކަމެއް ދެއްވާހެނެއް ހިއެއްނުވެ އެވެ. ފަހަރުގައި ނަޝީދަށް އެހާ ލުއި ސިކިއުރިޓީއެއް ސަލާމަތީ ފަރާތްތަކުން ދެއްވަނީ ނަޝީދު އެގޮތަށް ބޭނުންފުޅުވާތީ ކަމަށްވެދާނެ އެވެ.

އެކަމު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރީ ރޭ ދެއްވި ނޫސްކޮންފަރެންސުގައި ވިދާޅުވި ބަސްފުޅުތަކުން އެއީ އެ ބޭފުޅުން އެގޮތަށް ދޫކޮށްލައްވައިގެންވާނެ ކަމެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެނީ ސަލާމަތީ ބާރުގެ ދެ މުއައްސަސާ އިން ވެސް ގަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ސެކިއުރިޓީ ތުރެޓެއް އޮންނަ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ކަމަށްވާތީ އެވެ. އެހެންކަމަށްވާ ނަމަ އެހާ ލުއި ސިކިއުރިޓީއެއް އެބޭފުޅުން ނަޝީދަށް ދެއްވީ ކީއްވެންތޯ ސުވާލު އުފެދެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީ ހިމެނިވަޑައިގަންނަވާ ގޮތަށް އެމްއެންޑީއެފުން ބޭއްވި ޕްރެސްކޮންފަރެންސުގައި އަޅުގަނޑަށް ފުރަތަމަ ގަބޫލުކުރެވުނީ އެ ބޭފުޅުން ކަންތައްތައް ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށެވެ. ޝަމާލު ވިދާޅުވީ ނަޝީދު ހިންގަވާފައި ކާރުކޮޅާ ދިމާލަށް ވަޑައިގަތް އިރު، އެމަނިކުފާނުގެ ފަހަތުގައި ދޮޅު ފޫޓެއްހާ ހިސާބުގައި އެއް ބޮޑީގާޑު އަދި ކުރިމަތީން އެއް ބޮޑީގާޑާ އެކު ނަޝީދު ވަޑައިގަތީ ސިކިއުރިޓީގެ ފުރިހަމަ ހިމާޔަތުގައި ކަމަށެވެ. އެކަމަކު ނަޝީދު ހުންނަވާގެ، ކެނެރީގޭ ގޯޅިތެރެއިން އެމަނިކުފާނު ހިންގަވާފައި ވަޑައިގަންނަވާތަން ފެންނަ ވީޑިއޯ ފުލުހުން އޭގެ އަނެއް ދުވަހު އާންމު ކުރުމުން އަޅުގަނޑުގެ ވިސްނުން މުޅިން ބަދަލުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ނަޝީދު އެ ގޯޅިން ހިންގަވާފައި މަޖީދީމަގާ ދިމާލަށް ވަޑައިގަތް އިރު، ނަޝީދުގެ ފަހަތުގައި އެ ބުނާ ދޮޅު ފޫޓެއްހާ ކައިރީގައި ބޮޑީގާޑަކު ހުއްޓެވެ. އެއީ ރަނގަޅު ވާހަކަ އެކެވެ. އެކަމަކު ކުރިން ދިޔަ ބޮޑީގާ ނަޝީދާ ދޭތެރޭ އިތުރު މީހަކު ހިނގާފައި ދިޔަތަން ފެނެ އެވެ. އެކަމަކު އެމީހާ އެއްފަރާތް ކުރުމަށް އަދި ސިކިއުރިޓީ ޒޯންގެ ތެރެއިން އޭނާ ދުރަށް ޖެއްސުމަކަށް ބޮޑީގާޑުން މަސައްކަތް ކުރި ތަނެއް ނުފެނުނެވެ. ސުވާލަކީ އެއީ އެރޭގެ ހަމަލާއާ ގުޅޭ ކަމަކަށް ނުވިއަސް، އެއީ ސެކިއުރިޓީ ބުރީޗެއް، ނޫނީ ސެކިއުރިޓީ ފޫއެޅުމެެއް ނޫންތޯ އެވެ؟ ތެދެކެވެ. އެ ރޭގެ ހާދިސާއާ ގުޅެމެއް ނެތެވެ. އެކަމު ނަޝީދުގެ ކުރިން ހިނގާފައި ދިޔަ އާންމު މީހާ އެނބުރި ކުއްލިއަކަށް ނަޝީދުގެ ގަޔަށް ވަޅިއެއް ފަދަ އެއްޗެއް ހަރާލި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ މަތީ ފެންވަރުގެ ސެކިއުރިޓީ އަރުވާ ބޭފުޅުންގެ ދެމެދަށް މީހުން ވަނަ ނުދެނީ އެފަދަ ކަންކަމަށް ޖާގަ ނުދިނުމަކަށް ނޫންތޯ އެވެ.

ފުލުހުންގެ ސީސީޓީވީ ފޫޓޭޖް: ދެ ބޮޑީގާޑު ކައިރީގައި ތިއްބެވި އިރު، ނަޝީދުގެ ކުރިމަތީގައި އިތުުރު މީހެއް

ރަނގަޅު ވާހަކަ އެކެވެ. އެ ބޮން ގޮއްވާލުމާ އެކު ނަޝީދުގެ ސެކިއުރިޓީން އަމަލުކުރީ ވަރަށް ފުރިހަމައަށް ކަމަށް ބެލެވިދާނެ އެވެ. އަދި ކޮންޑަކްޓް ފުރިހަމައަށް އަދާ ކުރި ކަމަށް ވެސް ގަބޫލުކުރެވެ އެވެ. އެހެނީ މަދު މިނިޓްކޮޅެއްގެ ތެރޭގައި ސެކިއުރިޓީ އިން ވަނީ ނަޝީދު އެތަނާ އެންމެ ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ވާސިލުކޮށްދީފަ އެވެ.

އެމްއެންޑީއެފުގެ ފަރާތުން ވަނީ ކެނެރީގޭ ގޯޅިތެރޭގައި ޕާކްކުރާ ސައިކަލްތައް އެހެން ތަނަކަށް ބަދަލު ކުރުމަށް އެދިފަ އެވެ. ހަމައެއާ އެކު އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ، ނަޝީދު ފަދަ ހައި ސެކިއުރީއެއް ފޯރުކޮށްދޭން ޖެހޭ ބޭފުޅަކު ހުންނަވަން ބެދިފައި ހުންނަ ގޯޅިގަނޑެއްގެ އެތެރޭގައި ހުންނަ ކެނެރީގެއަކީ ރަނގަޅު ތަނެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ލަފާދީފަ އެވެ. އަދި ރެހެންދި ފްލެޓްގައި ހުންނަ ސަރުކާރުގެ ފްލެޓްތަކުގެ ތެރެއިން ތަނަކަށް ބަދަލުވުމަށް އެދުނު ކަމަށްވެ އެވެ. އެކަމަށް އެމަނިކުފާނު އިޖާބަ ނުދިނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަދި ކުރިން ނަޝީދު ދިރިއުޅުއްވި ލައިލާ އަލީ މެންގެ ގެ، މާފަންނު ޔާގޫތުގެ ގެއިން ކެނެރީގެއަށް ބަދަލުވެވަޑައިގަތީ ކީއްވެގެން ކަމެއް ވެސް ނޭނގެ އެވެ. އެނގޭ ކަމަކީ އެފަދަ މަތީ ފެންވަރުގެ ސެކިއުރިޓީއެއް އަރުވަން ޖެހޭ ފަދަ ބޭފުޅަކަށް ހަމަ ޔަގީނުން ވެސް ކެނެރީގެއަކީ އެންމެ ރަނގަޅު ތަނަކަށް ނުވާނެ ކަމެވެ. އުންމީދު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އިން، ނަޝީދުގެ ސެކިއުރިޓީ ބުރީޗުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ނިމޭ އިރު، އެކަންކަން ސާފުވާނެ ކަމަށެވެ.

ސަލާމަތީ ކަންކަމާ ބެހޭ ދެ މުވައްސަސާ އިން ފުރަތަމަ ދިން ދެ ބްރީފިން އަށް ބަލާ އިރު، ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަން ބޮޑުތަނުން ރަނގަޅު ކަން އަޅުގަނޑަށް ފާހަގަވި އެވެ. އެމްއެންޑީއެފްގެ ބޭފުޅުން ތަންކޮޅެއް ޖަޒުބާތީ ގޮތެއްގައި ވާހަކަ ދެއްކެވި އިރު، ފުލުހުންގެ އިންޓެލިޖެންސް ފެއިލްވި ކަމަށް، މީޑިއާތަކުން ތުހުމަތު ކުރި އިރު ވެސް އެ މުއައްސަސާ އިން އަމަލުކުރި ގޮތް ތަފާތުކަން ފާހަގަ ކުރެވުނެވެ. ތެދެކެވެ. އިންޓަލިޖެންސަށް އެކަން އެނގިފައި ނެތްކަން އެބޭފުޅުން އިއުތިރާފުވި އެވެ. އެކަމަކު މުޅި ޕްރޮސަސް ގެންދިޔަ ގޮތް ގޯހެއް ނޫނެވެ. ހާއްސަކޮށް ސައިކަލްގެ އިންޖީނުގެ ނަމްބަރު ފޮހެލަން މަސައްކަތްކޮށްފައި އޮތަސް، ނަމްބަރު ހޯދުމުގެ އިތުރަށް ކެތްތެރިކަމާ އެކު މުޅި ކޭސް ނިއުޅުވައިލި ގޮތް ފުރިހަމަ އެވެ. އެހެން ނަމަވެސް ބޮން ގޮއްވާލި ކަމަަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް އެރޭ މުޅި މާލެ ކުޑަކޮށް އަދި ބުރިޖު ހުރަސްކޮށް ހުޅުމާލެ އަށް އޭނާ އަށް ދެވުނީ ކިހިނެއްތޯ މިއީ ސީރިއަސް ސުވާލެއް ނޫންތޯ އެވެ. ކޮވިޑްގެ މި ދުވަސްވަރު ނޫން ނަމަ އެއީ އޭނާ ފުރައިގެން ދިއުމަށް ވެސް އެކަށީގެންވާ ވަގުތު ނޫންތޯ އެވެ.

އެމްއެންޑީއެފުގެ ނޫސް ކޮންފަރެއްސަށް އެ ބޭފުޅުން އެރުއްވި އިރު ވެސް ވާހަކަތަކުން ދޭހަވީ، އަމިއްލަ ދިފާއު ވުމާ އެކު ޖަޒުބާތު ކުރިއަށް ނެރުވިއް ތަނެވެ. ފަހަރުގައި އެހެންވީ ނަޝީދުގެ ދަރިކަނބަލުން މީރާ ނަޝީދުގެ ޓުވީޓްތަކާ އެކު ޕްރެސް އަށް އެރި އިރު، އޭގެ އަސަރު ނުފިލައި ހުރުމުން ކަމަށްވެދާނެ އެވެ. އެކަމަކު ދައުލަތުގެ އެފަދަ މަތީ މަގާމުތަކުގައި ތިއްބަވަން ޖެހޭނީ އެއަށްވުރެ ހަންބޯ ބޭފުޅުން ކަމަށް އަޅުގަނޑު ދެކެމެވެ.

މިއީ ވެސް މިހާލަތުގައި ދައްކާލަން ބޭނުން ވާހަކަ އެކެވެ. މުޅިން މައުލޫއާ ނުގުޅުނަސްމެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ވެސް އެފަދަ ދެ ހަމަލާއެއް ކުރިން އަމާޒުވި އެވެ. އެ ދެ ފަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި އަދި އާންމު މީޑިއާގައި އެއީ ސްޓަންޓް ކަމަށާއި އެއީ ކަމެއް ނޫން ކަމެއް ކަމަށް ދެއްކި ގޮތަށް މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާ ސިޔާސީކޮށްލުމަށް މަސައްކަތް ނުކުރާކަން ފާހަގަ ކުރެވެ އެވެ. އެއާ ހިލާފަށް އެ ފަރާތްތަކުން ގޮވަމުން އަންނަނީ އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަޅުގަނޑު ހިތުން މިއީ އަޅުގަނޑުމެން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ.

comment ކޮމެންޓް