ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރަކު ވިދާޅުވީ، އެފަދަ ނިޔަތެެއް ނެތި، ސިޔާސީ ގޮތުން ދެއްކެވި ވާހަކަ އަކަށް ވެދާނެ އެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތަކީ ތިން ޕަސެންޓް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ވާހަކަފުޅަކީ އެ ބަލި ޑައުންގްރޭޑް ކުރުމަށް ނޫނީ އެއީ ކަމެއް ނޫން ކަމަށް، ސައިންޓިފިކް ހެކިތަކާ ދެކޮޅަށް ވިދާޅުވި ވާހަކަފުޅެއް ކަމަށް ބެލެވިދާނެ އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުމާ އެއްގޮތް ވިސުނުމެކެވެ. ހަމަ އެ ބީދައިން "ވަރަށް އެކަށީގެންވެއޭ މި ރަށުގައި ވެސް ކޮރޯނާ ވައިރަސް ވެސް އުޅުން، ދެން އެކަމަކާއި މާ ކަންބޮޑުވެގެން އުޅުއްވާނެ ކަމެއް ނެތޭ" ވިދާޅުވެ، މަލާމާތުގެ ރާގެއް އަޑުފުޅަށް ލައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަކީ ވެސް ކޮރޯނާ ނޫނީ ކޮވިޑަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދެއްކުމުގެ ގޮތުން ވިދާޅުވި ވާހަކައެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
ތެދުފުޅެކެވެ. އެ ބޭފުޅުން އެ ވާހަކަފުޅުތައް ވިދާޅުވީ ބަލީގެ ވަރަށް ކުރީކޮޅުގަ އެވެ. ނަމަވެސް ކޮވިޑް ބަލީގައި، ރާއްޖޭގައި މިއޮތް، ކުޑަ އާބާދީގެ ތެރެއިން، ދުވާލަކު ދިހަ، ބާރަ ވަރަކަށް މީހުންގެ ރޭޓުން މީހުން މަރުވެ، މަރުތަކުގެ އަދަދު 150އާ ގާތް ކުރި އިރު، އެބޭފުޅުން އޭރު އެ ދެއްކެވި ވާހަކަފުޅާ ދެކޮޅަށް އެއްޗެއް ވިދާޅުވެެފައި ނުވުމަކީ އަދިވެސް އެއީ އެ ބޭފުޅުންގެ ވިސްނުންކަން ގަބޫލުކުރަން ޖެހެ އެވެ.
އިންޑިއާއެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ބަލީގެ ކުރީ ކޮޅު އެޅީ ވަރަށް ރަނގަޅު ފިޔަވަޅުތަކެކެވެ. ބައެއް ފަހަރު ހާލަތާ ނުބައްދަލު ފިޔަވަޅުތައް އެޅި ނަމަވެސް ޖުމުލަކޮށް އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ. ހަމަ އެހެންމެ ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރި ގައުމުތަކުގެ އިސް ސަފުގައި، ޑަބްލިއުއެޗުއޯ އިން ރާއްޖެ ހިމެނީ ވެސް އެހެންވެގެންނެވެ. އެއީ ދެބަސްވުމެއް ނެތް ހަގީގަތެކެވެ. އަދި އެކަންކަމުގެ ހެޔޮ ނަތީޖާ ވެސް ދިޔައީ ފެންނަމުންނެވެ. ރިސޯޓްތައް ހުޅުވާލައި ކޮންޓްރޯލް މާހައުލެއްގައި ޓޫރިޒަމް ފެއްޓުމަށް ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ އިގްތިސާދަށާއި މީހުންނަށް ވެސް ކުރި އެވެ.
އެހެން ނަމަވެސް އެއް ކަމަކަށް ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހުނީ ލޯކަލް ކައުންސިލް އިންތިހާބާ ހިސާބުންނެވެ. އެ ކަމުގައި ވެސް އިސް ދައުރެއް އަދާ ކުރީ، ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެއް އެމްޑީޕީ އަށް އޮންނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެޗުޕީއޭގެ އޮފިޝަލުންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެރިންގެ "އަތްއަނބުރުވާލައި" އެމްޑީޕީގެ ލީޑަޝިޕް ބޭނުންވާ ގޮތަށް ގަވާއިދުތައް ބަދަލުކޮށް، ކެމްޕޭނަށް ހުޅުވާލި އެވެ. އަދި ކޮވިޑް ޖެހުނު މީހެއް ނުޖެހޭ މީހެއް ބެލުމެއް ނެތި މާލޭގައި ތިބި މީސްމީހުން ރަށްރަށް ދިއުމުގެ ފުރުސަތުދީ، ލާމެހިގެން ވޯޓު ލުމަށް ފުރުސަތު ދިނެވެ. އޭރު އަހަރު ދުވަސްވަންދެން ކިތަންމެ ބޮޑު ކަމެއް ޖެހުނަސް ރަށަށް ނުދެވިފައި ތިބި، ތިބުން 24 ގަޑި އިރުގެ ތެރޭގައި އެކޮޅުކޮޅުން ޖެހިގެން ދިޔައީ އެވެ.
އެ މައްސަލާގައި އަޅުގަނޑު ކުށްވެރި ކުރަނީ ރައްޔިތުންގެ މަޖިލީހެވެ. ހާއްސަކޮށް އެ މަޖިލީހުގެ ލީޑަޝިޕެވެ. އެއާ ހިލާފަށް ސަރުކާރު އިހުމާލުވި ހިސާބެއް ވެސް އެބައޮތެވެ. އިންޑިއާގައި ހެސްކިޔާފައި ކޮވިޑް ފެތުރި، އަދި އިހުނަށް ވުރެ ނުރައްކާތެރި އާ ވޭރިއަންޓެއްގެ ކޮވިޑް ވަބާއެއް ފެތުރުމުން ދަނިކޮށް، އިންޑިއާ މީހުންގެ ކަރަންޓީނު ފެސިލިޓީއަކަށް ރާއްޖެ ހެދި ހެދުމެވެ. ހާއްސަަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަކީ، އިންޑިއާ އިން މެދުއިރުމައްޗަށް މަސައްކަތު ދިއުމަށް ތައްޔާރަށް ތިބި މީހުންގެ ކަރަންޓީން ފެސިލިޓީއަކަށް ހެދި ހެދުމަކީ ސަރުކާރުން އެޅި ވަރަށް ބޮޑު ޅައެއްޗެކެވެ. އެއީ ގޯހެއް ކަމަށާއި އިންޑިއާ މީހުން، މީހުން އުޅޭ ރަށްރަށް ނުގެނެއުމަށް ތަކުރާރުކޮށް މީޑިއާތަކުން އަޑުއުފިލި އިރު ވެސް ސަރުކާރަށް އިވޭ ކަމަކަށް ނުހެދި އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު މައުސޫމު ވެސް ގޯސް ކުރީ މީޑިއާ އެވެ. އެންމެ ފަހުން އިންޑިއާ މީހުން، ރަށްރަށް ދިއުން މަނާ ކުރުމުން އޭނާ އެކަން ވެސް އެޅުވީ މީޑިއާއި އިދިކޮޅުގެ ބޮލުގަ އެވެ. އަދި އެކަން އޭނާ ސިފަކުރީ އޭނާގެ ބޮލުގައި މީހަކު ތަފާލަކުން ޖެހުން ފަދަ ކަމަކަށެވެ. ލާރިލިބެނިކޮށް ވަރިހަމައޭ ބުނާ ކަހަލަ އެވެ.
ތެދެކެވެ. ފައިސާ ވެސް ބޭނުންވާނެ އެވެ. އެކަމަކު ފުރަތަމަ ކުރަން ޖެހޭ ކަމަކީ މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުން ނޫންތޯ އެވެ. ރާއްޖޭގެ ސިއްހީ އޮފިޝަލުން ވިދާޅު ނުވި ނަމަވެސް މީހުން މަރުވާ ރޭޓާއި އަދި ޒުވާން އުމުރުގެ މީހުން ވެސް އެ ބަލީގައި މަރުވާ އަދަދު އިތުރުވާތީ ވަރަށް ބޮޑަށް ގަބޫލު ކުރެވެނީ އިންޑިއާގެ ވޭރިއަންޓް ރަނގަޅަށް ރާއްޖޭގައި ވަކިހިއްޕާލާފައިވާ ކަމަށެވެ.
ކޮވިޑްގައި އެންމެ އުނދަގޫ ކަަމަކީ އިގްތިސާދީ ލޮޅުން ކުޑަކޮށް، ވަށާ ޖެހޭ ރަނގަޅު ސިއްހީ ނިޒާމެއް އެކުލަވާލުމެވެ. އަދި ކޮވިޑް ވެކުސިން އަވަހަށް ހޯދައިދިނުމެވެ. އެކަމަކު ކުރިން ދެންނެވި ދެ ހާލަތު ނިމުނު އިރު، ރާއްޖޭގެ 70 ރަށެއްގައި ގަދައަށް ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި އެކްޓިވް 23،000 ކޭސް މީހުން ތިބި އިރު، މެޑިކަލް ފެސިލިޓީ ނެތް ރަށްރަށުގައި ގެއަކަށް ކޮވިޑް ވަދެއްޖެ ނަމަ މުޅި ގޭގެ އެންމެނަށް އެ ބަލި ޖެހެން ވަނީ ދޫވެފަ އެވެ. އޭގައި ޒުވާނެއް، ތުއްތު ކުއްޖެއް، މުސްކުޅިއެއް ނެތެވެ. މިކަމުގައި ދޮޅު އަހަރު ހޭދަކުރި އިރު، އަދި ތިން ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރި އިރު، އެެއްވެސް ރަށެއްގައި ބަލި ޖެހޭ މީހުން އެކަހެރި ކުރެވޭނެ ނިޒާމެއް ނެތެވެ. ކީހާޅެން ވަނީ ފަރިއްސަށްވެ ނިމިފަ އެވެ. މާތް ﷲގެ ރަހުމަތުން ގަދަވި ބަޔަކު ގަދަވީ އެވެ. ދެވޭ ފަރުވާއެއް ނެތް ތަނުގައި ކޮންޓްކެޓް ޓްރޭސިން ނުހެދި، އަދި ނަގާ ސާމްޕަލް މާލެ ފޮނުވައިގެން ހަފުތާ، 10 ދުވަސް ވާއިރު ވާނެ ހަ އެތި އޮންނަނީވެ ނިމިފަ އެވެ.
ވެކުސީންގެ މައްސަލައަކީ ވެސް ހިތާމަ ހުރި ވާހަކަ އެކެވެ. ހަތަރު ލައްކަ ވަރަކަށް މީހުންނަށް ބޭނުންވާ ވެކުސީން ކޮޅު މި އުޅެނީ ނުލިބިގެން ވިއްޔާ އެވެ. އެ ވެސް އިންޑިއާ އިން ދިން 200،000 ޑޯސް ވެކްސީން ހުސްވުމުން ވައްސަލާމެވެ. އެ ވެކްސީން ޖެހީ ވެސް، "އެޔޮރެމެން ދޭނީ" ހެޔޮވަރަށޭ ބުނާ ގޮތަށެވެ. ވެކްސީން ފުރިހަމަ ވަނީ ދެ ޑޯސް ޖަހައިގެންނެވެ. ދެ ލައްކަ ޑޯސްއަކީ 100،000 މީހުންނަށް ޖެހޭނެ ވެކްސިންނެވެ. އެކަމަކު ފުރަރަތަމަ ޑޯސް އެންމެނަށް ޖަހައި ހުސްކޮށްލީ އެވެ. އޭރު އަށް ހަފުތާ ފަހުން ދެ ވަނަ ޑޯސްގެ ވެކިސީން ޖަހަން ބެލި އިރު، ރިޒާވެއް ނެތެވެ. އައި ބަޔަކަށް ވެެކުސީން ޖަހައި އޮތީ ހުސްވެފަ އެވެ. މިހާރު ބުނަނީ 12 ހަފުތާ ފަހުން ދެ ވަނަ ޑޯސް ޖެހިއަސް ރަނގަޅު ވާނެ ކަމަށެވެ. އެކަމަކު އެއީ ބައެއް ސައިންސިސްޓުންގެ ހިޔާލު ތަފާތު މައްސަލައެކެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ކުރިން ވިދާޅުވީ، ސިންގަޕޫރަށް އޯޑަރުދިން 700،000 ޑޯސް އެސްޓްރާ ޒެނެކާ ވެކްސީން މާޗު މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. މާޗު މަސް ހުސްވެ، އެޕްރީލު މަސް ހުސްވެ، މޭ މަސް ވެސް ހުސްވަނީ އެވެ. މިހާރު ބުނާތީ އަޑު އިވެނީ ޖޫން މަހުގެ ތެރޭގައި އެ ވެކްސީން ލިބޭނެ ކަމަށެވެ. އެ ވެސް މާތް ﷲ އާ ވަކީލެވެ. ރައީސުލްޖުމްހޫރިއްޔާ މީޑިއާއާ ކުރިމަތި ނުލައްވާތާ ހެލްތު މިނިސްޓަރު ވެސް ވީތަނެއް ނޭނގެ އެވެ. ކުރިން ދެއްކެވި ވާހަކަ އަށް ޖަވާބުދާރީވުމެއް ނެތެވެ. އަޅުގަނޑުމެން މި ތިބެން ޖެހެނީ ލިބޭ މަދު ލާރިކޮޅުން ޓެކްސް ދައްކާލަދައްކާލަ އެވެ. ދެން ދަންނަވާނީ ކީކޭތޯ އެވެ؟
ސައިނަފޯމް ނޫނީ ރަޝިޔާ ވެކްސީން ވެސް ޖެހުނީހީ، ކޮވިޝީލްޑްގެ އެއް ޑޯސް ވެސް ނުޖަހައި ތިބި ނަމަ ނޫންތޯ އެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓައި އިތުރު "ލޮކް ޑައުން" އަކަށްދާން ޖެހުނީ އެވެ. އަޅުގަނޑު ވެސް އެއްބަހެވެ. މި ހާލަތަށް ދިއުމުން ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހެ އެވެ. އެކަމާ ދެބަސްވާކަށް ނެތީމެވެ. އެކަމަކު މިހާ ހިސާބަށް ކަންކަން ދިޔައީ ކޮން ބައެއްގެ އިހުމާލުންތޯ މިއީ މިއަދު ސުވާލުކުރަން ޖެހޭ ކަމެއް ނޫންތޯ އެވެ. އަނެއްކާ ވެސް ލޮކްޑައުންއަކާ އެކު ކުރިން ވެސް "ފުނޑިފައި" އޮތް ކުދި ވިޔަފާރިތައް އިތުރަށް ފުނޑުނީ އެވެ. ބުނާނެ އެއްޗެއް ނެތެވެ. ރައްޔިތުންގެ ނިންމުމެވެ. އެ ނިންމުމުގައި މުޅިން ވެސް އޮތީ ފަރުދީ ޒިންމާ ދެއްތޯ އެވެ.
މިއީ ޕެންޑަމިކެކެވެ. އަޅުގަނޑުގެ ނަޒަރުގައި ދެން ވެސް ކުރާން އޮތީ ދެކަމެކެވެ. ސިފައިންނާއި ފުލުހުން ނެރެ، ރަނގަޅު އެޑްމިނިސްޓްރޭޓަރަކަށް އިހުތިޔާރުދީ ވަރުގަދަ ޓާސްކްފޯސްއަކާ އެކު، މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވީ އެވެ. އަދި ބޭރުގެ އެހީ ވެސް ހޯދަންވީ އެވެ. އެއީ އިންޑިއާތޯ ޗައިނާތޯ ބަލާކަށް ނުޖެހެ އެވެ. ކޮލަރާ ފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ކުރީގެ ރައީސް އިބްރާހީމް ނާސިރު ކުރެއްވި މަސައްކަތުން ފިލާވަޅު ލިބިގަންނަން ޖެހެ އެވެ. ސައިންޓިފިކް ހެކިތައް ގަބޫލު ނުކުރާ ބަޔަކު، އިހަށް ބަސްނުބުނެ، އެއްފަރާތަށް ޖެހިލަންވީ އެވެ.
ވިދާހާ އެއްޗަކީ ރަނެއް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ.