ގައުމު ތަރައްގީ ކުރަން އެދޭނަމަ ހައްގުގެ ވާހަކަ ދައްކަން ވާނީ ދެ ވަނައަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ރޭ ބޭއްވި މާލެ އަތޮޅުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، ގައުމު ތަރައްގީ ކުރާނަމަ ހައްގުގެ ވާހަކަ ދައްކަންވާނީ ފަރުދީ ޒިންމާގެ ފަހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރާ ކަމަށް ވަންޏާމު އަޅުގަނޑުމެން އަތޮޅުތައް ތަރައްގީ ކުރާ ކަމަށް ވަންޏާމު އަޅުގަނޑުމެން ހައްގުގެ ވާހަކަ ދަށްކަންވާނީ ދެވަނަ އަށް. ފުރަތަމައަށް އަޅުގަނޑުމެން ދައްކަން ވާނީ އަޅުގަނޑުމެންގެ އަމިއްލަ ފަރުދީ ޒިންމާގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.
ހައްގުތައް ލިބެނީ މަޝްރޫއުތައް ހުއްޓުވައި ސްކޫލުތައް ތަޅުއަޅުވައިގެން ނޫން ކަމަށާއި ހައްގުތައް ލިބެނީ ކުރިއަށްދިއުމުގެ ރޫހުގައި މަސައްކަތް ކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަރައްގީވެފައިވާ ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ކާމިޔާބުގެ ސިއްރަކީ ހަމަޖެހުމާއި މުރާލިކަމާއި ހީވާގިކަމާއެކުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަމިއްލައަށް މަސައްކަތް ކުރުމުގެ ރޫހު ހުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ މީގެ ކުރިން ރާއްޖޭގައި ވެސް އުފެދިފައިވާ ރޫހެއް ކަމަށާއި ނަމަވެސް ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެ ރޫހުވަނީ ވަރަށް ބޮޑަށް މަރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަންކަމަށް އަމިއްލައަށް އިސްނެގުމުގެ ރޫހު އާލާކޮށްގެން ނޫނީ ތަރައްގީ ކުރަން ވަރަށް ދަތިވާނެ ކަމަށް ވެސް މިނިސްޓަރު އުމަރު ވަނީ ރޭ ވިދާޅުވެފަ އެވެ.