ހަކަތައިގެ ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ކަރަންޓު އަގުހެޔޮ ކުރުން: ޠާރިގު

އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހިމް މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އެންވަޔަރަމަންޓު މިނިސްޓްރީ

ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއް މަގުސަދަކީ ހެޔޮ އަގެއްގައި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ޔަގީންކުރުން ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ހަކަތައިގެ ދާއިރާގެ ޕޮލިސީ އަދި ސްޓްރެޓެޖީ 2016 ފައިނަލް ކުރުމުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހަކަތަ އާއި ގުޅުންހުރި ވައުދުތަކާއި އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް 7 ގައި ހިމެނޭ ކަންކަން ހަކަތައިގެ ސިޔާސަތުގައި ހިމެނުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ހަކަތައިގެ ސިޔާސަތު މުރާޖައާ ކުރުމަކީ މިވަގުތު ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ހަކަތައިގެން ދާއިރާގެ ޕޮލިސޯ އަދި ސްޓްރެޓެޖީ 2016 ފައިނަލް ކުރުމުގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ އެންވަޔަރަންމަންޓު މިނިސްޓްރީ

"އެހެންކަމުން ދިވެހި ސަރުކާރުގެ އަމާޒަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ޙާޞިލުކުރުމަށްޓަކައި ދިވެހިރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކޮށް، އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޔަޤީންކަމާއެކު ވީހާވެސް ކުޑަ އަގެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން،" ޠާރިގު ވިދާޅުވިއެވެ.

މުރާޖައާ ކުރެވޭ ޤައުމީ ހަކަތައިގެ ސިޔާތުގައި ހިމެނޭ މުހިއްމު 5 ސިޔާސަތަކީ، ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އިޖްރާއީ އޮނިގަނޑު ވަރުގަދަކުރުމާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ކުރިއެރުވުމާއި ދެމެހެއްޓެނިވި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއި ގައުމުގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުން ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެސްޓީއޯ، ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ އިތުރުން ހަކަތައިގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވިއެވެ.

comment ކޮމެންޓް