ކޮރަޕްޝަންގެ މައްސަލްތަކެއްގެ ސަބަބުން ހަ އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތް ތަކަކުން ސަސްޕެންޑް ކޮށްފައިވާ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަރ އޭނާގެ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އެޕީލް ކޮށްފިއެވެ.
އެކަން ހާމަކޮށް ކޯޓް އޮފް އާބިޓްރޭޝަން އިން ނެރުނު ބަޔާނެއްގައި ވަނީ ބްލެޓާ ހުށަހެޅި އެ މައްސަލަ ފައިލުކޮށްފައިވާ ކަމަށާއި އެކަން ބެލުމަށް ތިން އާބިޓްރޭޓަރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް އުފައްދައި އެ މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ.
"އެ ޕެނަލްގެ ފަރާތުން އެއްކުރާނެ ދެ ފަރާތުގެ ޑޮކިއުމެޓްތައް. އެއަށްފަހު ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ގޮތެއް ނިންމާނީ،" އެ ބަޔާނުގައި ވެއެވެ.
ބްލެޓާގެ އިތުރުން ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ފީފާގެ އެތިކްސް ކޮމިޓީން އަދަބު ދިނީ ފީފާގެ ބަޖެޓުން 2011 ވަނަ އަހަރު ޕްލެޓިނީ އަށް ބްލެޓާ ދެ މިލިއަން ޑޮލަރު ދޫކުރި މައްސަލައިގަ އެވެ. އެ ފައިސާ އަކީ އޭގެ 11 އަހަރު ކުރިން ޕްލެޓިނީ ކޮށްފައިވާ މަސައްކަތަކަށް ދޭން ޖެހޭ އުޖޫރައެކެވެ.
ބްލެޓާ އާއި ޕްލެޓިނީ ވަނީ އެބޭފުޅުންގެ ފަރާތުން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށާއި އެއީ އިންސާފުން ބޭރުންކޮށްފައިވާ ސަސްޕެންޝަނެއް ކަމަށްބުނެ އެ ސަސްޕެންޝަން އުވާލުމަށް އެދި ފީފާގެ އެޕީލް ކޮމިޓީއަށް މައްސަލަ ހުށަހަޅާފައެވެ.
އެ މައްސަލައިގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އެޕީލް ކޮމިޓީން ނިންމީ ސަސްޕެންޝަން ބާތިލްނުކޮށް، ލުއި ކޮށްދިނުމަށެވެ. އެގޮތުން ކުރިން އަށް އަހަރަށް ކޮށްފައިވާ ސަސްޕެންޝަން ވަނީ ހަ އަހަރަށް ލުއިކޮށްދީފައެވެ.
ބްލެޓާ އޭނާގެ މައްސަލަ އެޕީލް ކުރިނަމަވެސް ޕްލެޓްނީގެ ސަސްޕެންޝަން އަދި އެޕީލް ކޮށްފައެއް ނުވެއެވެ. ނަމެވެސް ޕްލެޓްނީ ވެސް އެ މައްސަލަ މާލަސްތަކެއްނުވެ އެޕީލް ކުރާނެ ކަމަށް ބެލެވެއެވެ.