ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ވެސް ވަގުތަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.
އަމީން އެވެނިއުއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ވެސް ރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން ވަނީ އަންގައިފައެވެ. އެއީ، ފަހުން މުއްދަތު އެއް ދުވަހަށް އިތުރުކޮށްދީފައެވެ.
ފުލުހުން ރޭ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެ ލޮޓް ނަމްބަރު އެން2-25 ގެ ބްލޮކް އޭގެ ދެ އެޕާޓްމަންޓެއް ރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ، ބައްސާމް ގަތް ދެ އެޕާޓްމަންޓެވެ.
އެކަމަކު، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ފަހުން ދީފައެއް ނުވެއެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.
އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.
އެއީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކުރި ކަމަށާއި އެކަމަކު، އެ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން، އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ ފައިނޭންސް ހެޑްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އަގީލާއި އޭރު އެ އެސޯސިއޭޝަންގައި އިސްކޮށް މަސައްކަތްކުރެއްވި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ބައްސާމަށް ކުރެވޭއިރު، އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.