ބައްސާމްގެ އެޕާޓްމަންޓުތަކުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ބައްސާމް: ބައްސާމްގެ އެޕާޓްމަންޓުތަކުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން ނެގުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު މިދިޔަ ބުދަ ދުވަހު ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން އެ ކޯޓުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ރަޖިސްޓްރީން ދައްކައެވެ.

އަމީން އެވެނިއުއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ވެސް މިދިޔަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އެންގިއެވެ. އެއީ، ފަހުން މުއްދަތު އެއް ދުވަހަށް އިތުރުކޮށްދީފައެވެ. އެ ދެ އެޕާޓްމަންޓު އޭނާ ވަނީ ވަގުތަށް ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.

އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.

އެއީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކުރި ކަމަށާއި އެކަމަކު، އެ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/197680

މި މައްސަލައިގައި ބައްސާމްގެ އިތުރުން، އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ ފައިނޭންސް ހެޑްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އަގީލާއި އޭރު އެ އެސޯސިއޭޝަންގައި އިސްކޮށް މަސައްކަތްކުރެއްވި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ބައްސާމަށް ކުރެވޭއިރު، އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.

comment ކޮމެންޓް