ކޮރަޕްޝަންގެ އަމަލުތަކުން ފީފާގެ ކުރީގެ އިސްވެރިން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން އަބުރާ ފީފާއަށް ރައްދުކޮށްދީފިއެވެ.
ފީފާއަށް ރައްދުކޮށްދިން ފައިސާގެ އަދަދު 201 މިލިއަން ޑޮލަރަށް އަރައެވެ. އެ ފައިސާ އަކީ ފީފާގައި ކުރިން މަސައްކަތްކުރި އިސް އޮފިޝަލުންތަކެއް ބައެއް ފުޓުބޯޅަ އެޝޯޝިއޭޝަންތަކާ ގުޅިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުން ހޯދާފައިވާ ފައިސާއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްއިން އެ މައްސަލައިގައި ހިންގި ތަހުގީގަށް ފަހު ކުރީގެ ފީފާގެ އޮފިޝަލުންގެ ބޭންކް އެކައުންޓުތަކުގައި ރައްކާކޮށްފައި ހުރި ކޮރަޕްޝަންގެ ފައިސާ ވަނީ ފީފާއަށް އަނބުރާ ނެގުމަށް ނިންމާފައެވެ.
ހޯދާފައިވާ ފައިސާއިން ފުރަތަމަ ފީފާއަށް ލިބޭނީ 32.3 މިލިއަން ޑޮލަރެވެ. އެ ފައިސާ ބޭނުން ކުރަން ނިންމާފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ފުޓުބޯޅަ އާ ގުޅުން ހުރި ޕްރޮޖެކްޓުތަކަށެވެ. މީގެ ހަ އަހަރު ކުރިން ފީފާގެ އިސް އޮފިޝަލުންނާ ފުޓުބޯޅަ އެޝޯޝިއޭޝަންތަކާ ގުޅިގެން ހިންގި ބޮޑު ޖަރީމާގައި ވަނީ ފީފާއިން އެތައް މިލިއަން ޑޮލަރެއް ނަގާފައެވެ. އެ މައްސަލައިގެ ތެރޭގައި ފީފާގެ ރައީސްކަން 17 އަހަރު ކުރެއްވި ސެޕް ބްލެޓާގެ މަގާމުވެސް ގެއްލިގެން ދިޔައެވެ.
ޖަސްޓިސް ޑިޕާޓްމެންޓްއިން ވަނީ އެ މައްްސަލައިގަ 50 މީހުންގެ މައްޗަށް ދައުވާ ކޮށްފައެވެ. މީގެ ތެރެއިން 27 މީހަކު ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. މީގެ އިތުރުން ހަތަރު ކުޅިވަރު ކުންފުނިވެސް ވަނީ އެ މައްސަލައިގައި ބެދިފައެވެ. އެ ކުންފުނިތަކުންވެސް ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ.
ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ މައްސަލައާގުޅޭ ގޮތުން ބުނެފައިވަނީ ފުޓުބޯޅައިން ވަގަށް ނަގާފައިވާ ފައިސާ އަލުން ފުޓުބޯޅައިގެ ކުރިއެރުމަށް ހަރަދު ކުރަން ލިބުން އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އިންފަންޓީނޯ ވަނީ ޖަސްޓިސް ޑިޕާޓްމެންޓްގެ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ލިބުނު ފައިސާ ފީފާ ފައުންޑޭޝަނުން ބޭނުން ކުރާނީ ފުޓުބޯޅައިގެ ކުރިއެރުމަށް ކަމަށާއި ކޮރަޕްޝަަށް އެއްވެސް ޖާގައެއް ނެތް މިހާރު ފީފާގެ އެތެރޭގައި ނެތްކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.