ފުލެޓު ގަތުމުން ދައްކަންޖެހޭ ޓެކްސް ނުނަގަން ނިންމަނީ

އެއްމެދު އިމާރާތް ނުވަތަ ފުލެޓެއް އަލަށް ގަންނަ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި -- ސަން ފައިލް ފޮޓޯ

އެއްމެދު އިމާރާތް ނުވަތަ ފުލެޓެއް އަލަށް ގަންނަ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އަލަށް ގަންނަ ފަރާތްތަކުން އެބިމުގެ ނިސްބަތުން ބިމާބެހޭ ގާނޫނުން ކަނޑައަޅާފައިވާ 15 ޕަސެންޓް ޓެކްސް އިސްތިސްނާކުރާގޮތަށް ބިމާބެހޭ ގާނޫނަށް މާއްދާއެއް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ބިމާބެހޭ ގާނޫނުން ކަނޑައަޅާފައިވާ ޓެކްސް އިސްތިސްނާކުރެވޭނީ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އަލަށް ގަންނަ ފަރާތްތަކުގެ ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ކަމުގައިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ޓެކްސް އުނިކުރުމަށް ނިންމެވީ ސަރުކާރުގެ ގެވެހިކުރުމުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ގެންނައުމަށް ކަމަށާއި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރަމުން ގެންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވީ، އެކަމާ ގުޅޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް