ުކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އޯޑަރަށް ތަބާވުމުގެ ގޮތުންކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ތޮލްހަތު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން ތޮލްހަތު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުތަކާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުން ވަނީ ސާބިތުވެފަ އެވެ.
އެމައްސަލަ ތޮލްހަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެމައްސަލާގައި މިއަދު ބޭއްވި ފުރަތަ އަޑުއެހުމުގައި ތޮލްހަތުގެ ފަރާތުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރު ކުރީ ތޮލްހަތު ކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވަނީސް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް އިއްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ތޮލްހަތުގެ ވަކީލު ވިދާޅުވި އެވެ.
ތޮލްހަތުގެ މައްޗަށް ޓެރަރިޒަމްގެ ތަހުގީގެއް ހިންގައި ތުހުމަތު ކުރެވުނުއިރު ވެސް އެކަން ތޮލްހަތަށް އެނގިފައި ނުވުމުން ކުށުން ބަރީއަތްވުމަށް އޭނާއަށް ލިބިދީފައިވާ ފުރުސަތު ގެއްލިގެން ގޮސްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި ދުވަސް ވަރު ހިނގައި ދިޔަ މުޒާހަރާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ތައްޔާރު ކުރި ލޮގެއްގައި ތޮލްހަތު ސޮއިކުރި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ އެ އޮޕަރޭޝަންތަކުގެ ދަށުން ހިނގި ކަމެއް ނޫން ކަމަށާއި އެހެންކަމުން އަބްދުﷲ ގާޒީ ބަންދުކުރުމުގެ ތުހުމަތު ތޮލްހަތުގެ މައްޗަށް ނުކުރެވޭނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.
ތޮލްހަތުގެ ވަކީލު ވިދާޅުވީ ސިފައިންގެ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން އޮޕަރޭޝަނެއް ހިންގުމަށް ނުވަތަ މީހަކު ބަންދުކުރުމަށް ކޮންމެހެން ޑިފެންސް މިނިސްޓަރަށް އަންގަން ނުޖެހޭނެ ކަމަށާއި ވަކިވަކި ސިފައިންނަށް ވެސް އެންގޭނެ ކަމަށެވެ.
ތޮލްހަތުގެ ފަރާތުން ހުށަހެޅި ޕޮއިންޓްތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަންދުގައި ބެހެއްޓީ ތޮލްހަތުކަން އެނގޭ ކަމަށާއި އަދި ތޮލްހަތު އެކަން ކޮށްފައިވަނީ ގާނޫނީ ލަފާ ހޯދުމެއް ނެތި ކަމަށެވެ. އެކަމުގައި ގާނޫނީލަފާ ހޯދުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ތޮލްހަތަށް ލިބިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިނގާފައިވާ އޮޕަރޭޝަނަކީ ތޮލްހަތު ސޮއިކޮށްފައިވާ އޮޕަރޭޝަން ލޮގުގެ ދަށުން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށާއި އެހެންކަމުން އެކަމުގެ ޒިންމާ ތޮލްހަތު އުފުލަން ޖެހޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ތޮލްހަތުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ.
ތޮލްހަތުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އޭނާ އަށް ޝަރީއަތުން ކަނޑައަޅާފައިވާ އަދަބަކީ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ލުއި އަދަބެވެ.
ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ އިރު، އޭނާގެ އިތުރުން ދައުވާ ކުރި ބޭފުޅުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކަންޏެވެ.