ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ދޫކޮށްލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ރިވިއުކޮށް ނިމެންދެން އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނިންމައި، އޭނާ މިނިވަންކޮށްފިއެވެ.

ތޮލްހަތުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ތޮލްހަތު ހުންނެވީ ގޭބަންދުގައެވެ.

ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުގެ ނިންމުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކުރިން އެ ކޯޓުން ބަލައެއް ނުގަތެވެ.

ނަމަވެސް ހުކުމް ރިވިއުކުރުމަށް ތޮލްހަތުގެ ފަރާތުން ދެވަނަ ފަހަރަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނީ މައްސަލަ ރިވިއުކޮށް ނިމެންދެން ތޮލްހަތުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، އެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

ތޮލްހަތު ދޫކޮށްލާފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ ހުކުމްތައްވެސް ރިވިއުކޮށް ނިމެންދެން އެ ހުކުމްތައް ތަންފީޒުކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް