ވޭމަންޑޫގައި ކަރަންޓު ދެނީ ގަޑިއަކު އަވަށަކަށް

ވޭމަންޑޫ

ތ. ވޭމަންޑުގައި ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ބުރޫއަރައިފި އެވެ.

ވޭމަންޑު ފެނަކަ ބްރާންޗުގެ މެނޭޖަރު މުހައްމަދު އާރިފް މިއަދު ސަން އަށް ވިދާޅުވީ އެރަށުގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ޖަނަރޭޓަރަށް ބާރުބޮޑުވުމުގެ ސަބަބުން އިއްޔެ 12:00 ޖެހިއިރުން ފެށިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ބުރޫއަރާފައިވާ ކަމަށެވެ.

އިއްޔެ އެވަގުތުން ފެށިގެން ދަންވަރުގެ ވަގުތުތައް ފިޔަވައި އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެމުންދަނީ ގަޑިއިރަކު ރަށުގެ ވަކި ބަޔަކަށް ބަހާލައިގެން ކަމަށް އާރިފް ވިދާޅުވި އެވެ. ދަންވަރު ވަގުތުތަކުގައި އެރަށަށް އެއްކޮށް ކަރަންޓު ދެ އެވެ.

"މުޅިއަކުން ހައްލެއް ނުކުރެވޭ، ރަށުގެ އެއްފަޅިއަށް އޭރުންސުރެ ދެމުންދަނީ، ގަޑިއަކުން ގަޑިއަކުން ފަޅިއަށްދީގެން ދެ ފަޅިއަށް ބަހައިގެން މިއުލެނީ." އާރިފް ވިދާޅުވި އެވެ.

އެ ރަށުގެ ކަރަންޓުގެ މައްސަލަ ކުރިމަތިވީ އެރަށަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 220 އާއި 323 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް މައްސަލަތައް ދިމާވުމުގެ ސަބަބުންނެވެ. މިހާރު އެރަށަށް ކަރަންޓު ދެމުންދަނީ 180 ކިލޯވޯޓުގެ އެއް ޖަނަރޭޓަރުންނެވެ.

އާރިފް ވިދާޅުވީ ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފަހު މާދަމާ ހަވީރަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އާބާދީގައި 1260 މީހުން ހިމެނޭ ވޭމަންޑު ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންގެ ފަރާތުން އެކައުންސިލްއަށް ހުށައަޅަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ތަކެތި ހަލާކުމުގެ ޝަކުވާ ވެސް ހުށައަޅަމުން އަންނަ ކަމަށް މުފީދު ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއްކުރިން ވެސް ވޭމަންޑުއަށް ވަނީ ކަރަންޓުގެ މައްސަލަތައް ކުރިމަތިވެފަ އެވެ.

comment ކޮމެންޓް