ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސްގެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް، އެ އާއިލާ އެނބުރި ގައުމަށް ފޮނުވާލާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
މިއީ ތ. ވޭމަންޑޫގައި އުޅޭ ހަ މެންބަރުންގެ އާއިލާއެކެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް'އަށް ޖުލައި 18ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ބެލުމަށްފަހު އޮކްޓޯބަރު 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކުރި ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
އަދި މި އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އިމިގްރޭޝަން ގާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
"ސަން" އަށް މައުލޫމާތުދެއްވާ ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ، ތިން ކުޑަކުދިން ހިމެނޭ އެ އާއިލާ ރާއްޖޭގައި އުޅޭތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި ވޭމަންޑޫގައި އެ އާއިލާ ވަޒަންވެރިވެ އުޅޭތާ ހަވަރަކަށް އަހަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝްވާން ވިދާޅުވީ، ވިސާ ނެތި އެ އާއިލާ އުޅޭކަން އެނގުނު ހިސާބުން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ، އެ އާއިލާ ގަވާއިދުގެ ތެރެއަށް ވައްދަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
އެ އާއިލާއިން ރާއްޖޭގައި ވަޒަންވެރިވެ އުޅެމުން އާމްދަނީ ހޯދަމުން ދަނީ މަސްވެރިކަން ކޮށްގެންނެވެ.