ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސްގެ އާއިލާއިން އެދުނީ، ރަށްވެހިކަން ނުދެވޭނަމަ، ރާއްޖެއިން ފުރުވާލަން ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
މިއީ ތ. ވޭމަންޑޫގައި އުޅޭ ހަ މެންބަރުންގެ އާއިލާއެކެވެ.
އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް އެ އާއިލާ ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް'އަށް ލިބުނީ ޖުލައި 18ވަނަ ދުވަހެވެ.
އިމިގްރޭޝަނުން ވަނީ އެ މައްސަލަ ބެލުމަށްފަހު އޮކްޓޯބަރު 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އެކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އާއިލާއިން އެދުނީ ރަށްވެހިކަން ދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހަކަށް ވެސް ރަށްވެހިކަން ރާއްޖޭގައި ނުދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ އާއިލާއިން އެދުނީ ރަށްވެހިކަން ނުދެވޭނަމަ ފުރުވާލުމަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އިމިގްރޭޝަން ގާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
"ސަން" އަށް މައުލޫމާތުދެއްވަމުން ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ، ތިން ކުޑަކުދިން ހިމެނޭ އެ އާއިލާ ރާއްޖޭގައި އުޅޭތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި ވޭމަންޑޫގައި އެ އާއިލާ ވަޒަންވެރިވެ އުޅޭތާ ގާތްގަނޑަކަށް ހަ އަހަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އާއިލާއިން ރާއްޖޭގައި އުޅެމުން އާމްދަނީ ހޯދަނީ މަސްވެރިކަން ކޮށްގެންނެވެ.
ރަޝްވާން ވިދާޅުވީ، ވިސާ ނެތި އެ އާއިލާ އުޅޭކަން އެނގުނު ހިސާބުން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ، އެ އާއިލާ ގަވާއިދުގެ ތެރެއަށް ވައްދަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.