(10 މާރޗްގެ އަދަދާގުޅޭ)
ކޮންމެއަކަސް އެންމެފުރަތަމަ މައްކާއިން މަދީނާއަށް ވަޑައިގަތީ أبو سلمة ކަމީ ދެބަސްވެވޭކަމެއް ނޫނެވެ. މަދީނާއިން އެކަލޭގެފާނަށް މެހްމާންދާރީ އަދާކުރެއްވީ عمرو بن عوف ގެ ޢާއިލާއިންނެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަޔަށް ވަޑައިގަންނަވަންދެން އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާގެ މެމްބަރުން ތިއްބެވީ ޤުބާގައެވެ. بنوعمرو بن عوف ގެ މެހްމާނުންގެ ގޮތުގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ވަޑައިގަތުމަށްފަހު أبو سلمة އަށް މަދީނާގެ ޢާލިޔާއެވެ ކިޔުނު އަވަށުން ބިމެއް ދެއްވިއެވެ.
السّيّدة أمّ سلمة رضى اللّـه عنها ޤުބާއަށް އަރައިވަޑައިގަތުމުން މީހުން އެކަމަނާގެ ޙާލުކޮޅު އަހައި އޮޅުންފިލުވިއެވެ. އެކަމަނާގެ ޢާއިލާއާ ބެހޭގޮތުންވެސް ސުވާލުކުރިއެވެ. އެކަމަނާގެ ބައްޕަގެ ވާހަކަ ވިދާޅުވުމުން، މީހުން އެކަން ޤަބޫލެއް ނުކުރެއެވެ. އެކަމަނާ ގިނިކަންޏާ ޤުބާއަށް އަރައިވަޑައިގެންނެވީތީއެވެ. ޤުރައިޝުންގެ ބޮޑުންކުރެ زاد الرّكب أبو أميّة ފަދަ މުއްސަނދި މަހްޖަނެއްގެ ދަރިކަނބަލަކު ގިނިކަންޏާ ދަތުރުކުރައްވާނެކަމަށް ޤަބޫލު ނުކުރެވޭތީއެވެ. އެކަމަނާގެ އީމާންކަމުގެ ބާރާއި ޢަޒުމުފުޅުގެ ވަރުގަދަކަމަކަށް މީހުންގެ ވިސްނުމެއް ނުފޯރުވެއެވެ. މީހުން އެކަމަނާގެ ވާހަކަ ޤަބޫލުކުރީ މައްކާއަށްދިޔަ ބަޔަކާ ޙަވާލުކުރައްވައި އެކަމަނާގެ ގެއަށް ސިޓީފުޅެއް ފޮނުއްވުމުންނެވެ. އެކަމަނާއަކީ زاد الرّكب ގެ ދަރިކަނބަލެއްކަން ޔަޤީންވުމުން، މީސްތަކުން އެކަމަނާއަށް ކަމޭހިތައި ޤަދަރުކުރިއެވެ.
السّيّدة أمّ سلمة رضى اللّـه عنها އެކަމަނާގެ ބޭފުޅުން ގޮވައިގެން أبو سلمة رضى اللّـه عنه ހުންނެވި ގެއަށް ވަޑައިގަތުމުން أبو سلمة އަށް ލިބިވަޑައިގެންނެވި އާދަޔާ ޚިލާފު އުފާފުޅުގެ ސަބަބުން أبو سلمة ގެ ހިތްޕުޅުހީވީ އުފަލުން ނަށަންފެށިހެންނެވެ. أبو سلمة އުފާފުޅާއި ޙައިރާންފުޅުކަން އެކުލެވިގެންވާ ޙާލުކޮޅެއްގައި މަރްޙަބާ ވިދާޅުވަމުން އެކަލޭގެފާނުގެ ޢާއިލާ ގޭތެރެއަށް ގެންދެވިއެވެ. އެކަލޭގެފާނު ޙައިރާންފުޅުވީ އެބޭފުޅުންނަށް މަދީނާއަށް ވަޑައިގެންނެވުނު ގޮތަކާމެދުގައެވެ. أبو سلمة رضى اللّـه عنه އެކަލޭގެފާނުގެ ލޯބިފުޅުވާ އަނބިކަނބަލުންގެ އަރިހުން ހުރިހާ ޚަބަރުތަކެއް އޮޅުންފިލުއްވިއެވެ. أمّ سلمة ނުހަނު ތަފްޞީލުކޮށް ހުރިހާ ވާހަކަތަކެއް އޮޅުންފިލުއްވައިދެއްވިއެވެ. ޚާއްޞަކޮށް އެ އުނދަގޫ ދަތުރު އެކަމަނާއަށް ފަސޭހަކޮށްދެއްވައި، ޙިމާޔަތާއި ރައްކާތެރިކަން ދެއްވި أبو سلمة ގެ އެކުވެރިޔާ عثمان بن طلحت ގެ މަތިވެރި އެހީފުޅާއި މުރުއްވަތްތެރިކަމުގެ ވާހަކަ، ތަޢުރީފާއެކު ވިދާޅުވެދެއްވިއެވެ. ވަކިވަކިވެފައިވާ އެ ޢާއިލާއަށް އެއްތަންވެވަޑައިގެންނެވުމުން އެ ގެކޮޅު ސުވަރުގޭގެ ނަމޫނާއަކަށް ބަދަލުވިއެވެ. السّيّدة أمّ سلمة رضى اللّـه عنها ބޭފުޅުންގެ ތަރްބިޔަތާއި ގޭގެ މަސްއޫލިއްޔަތާ މަޝްޣޫލުވެވަޑައިގެންނެވިއެވެ. އަނެއްކޮޅުން أبو سلمة رضى اللّـه عنه ދުވާލު ހަތަރުދަމު އަވަދިނެތި އުޅުއްވަމުން ގެންދެވީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޢާއިލާއަށް މެހްމާންދާރީ އަދާކުރައްވަމުން ގެންދެވި އަންޞާރީ އަޚުންގެ މަޢީޝީ މަސައްކަތްޕުޅެއްކަމުގައިވާ ދަނޑުވެރިކަމުގެ މަސައްކަތުގައި އެހީތެރިވެވަޑައިގެން ދެއްވުމުގައެވެ. އަތްބާރު އަޅުއްވައިދެއްވުމުގައެވެ.
މާގިނަދުވަސްތަކެއްނުވެ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمމަދީނާއަށް ފައިންޕުޅު ބީއްސަވައިފިއެވެ. އަންޞާރުންނާއި މުހާޖިރުން އަޚްކޮށްދެއްވައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިގެންނެވިއެވެ. أبو سلمة عبداللّـه بن عبد الأسد رضى اللّـه عنه ގެ އިސްލާމީ އަޚެއްކަމުގައި ހަމަޖައްސަވައިދެއްވީ އަންޞާރުންގެ ބޮޑުންގެ ތެރެއިން ދަރަޖަމަތިވެރި ބޭކަލެއްކަމުގައިވާ أبو حيثمةرضى اللّـه عنه އެވެ.
أمّ سلمةގެ ފިރިކަލުން ޖިހާދުގެ މައިދާނުގައި
އިސްލާމީ އުންމަތުގެ ތާރީޚުގައި ހިޖްރައިގެ ބާބަށްފަހު ދެން ލިޔެވޭނެ ބާބަކީ ޖިހާދުގެ ބާބުކަމީ މުސްލިމުންގެ ޒަޢީމުން ފުރިހަމަޔަށް ދެނެވަޑައިގެން ތިއްބެވިކަމެކެވެ. މުސްލިމުންނަށް މަދީނާގައި ރަނގަޅަށް ފައިތިލަ ސާބިތު ނުކުރެވެނީސް މައްކާގެ މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަނގުރާމަ އިޢުލާންކޮށްފިއެވެ. ނަތީޖާއެއްގެގޮތުން އަރަހުށި މާތް اللّـه މުސްލިމުންނަށްވެސް ހަތިޔާރުގައި ހިފުމުގެ އިޒުނަ ދެއްވިއެވެ. މުސްލިމުންނާ ހަނގުރާމަކުރާ މީހުންނާ ހަނގުރާމަކުރަން އަމުރުކުރެއްވިއެވެ. އިސްލާމީ ތާރީޚުގެ މިމުހިންމު ބާބު ހުޅުވައިލެވުނުގޮތް ބައްލަވަން ބޭނުންފުޅު ބޭފުޅުން ދިރާސާކުރައްވާ ފޮތްތަކުގެ ތެރޭގައި، އަޅުގަނޑު ލިޔެފައިވާ (މިހާރު ޝާއިޢުކުރުމުގެ މަގުމަތީގައިވާ) ފޮތެއްކަމުގައި "ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން" މިފޮތްވެސް ބައްލަވައިލެއްވުން އެދެމެވެ.
أبو سلمة رضى اللّـه عنه އަކީ ޞަޙާބީންގެ ތެރެއިން އިދާރީ ހިންގެވުމާއި، ޢަސްކަރީ ވިސްނުންފުޅާއި، ހެވިކަމުގެ ހުނަރުވެރިކަމުގައި އެންމެ ޤާބިލު ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. އެހެންކަމުން އިސްލާމީ ދައުލަތުގެ އިދާރީ ހިންގެވުމާއި، ސިޔާސީ ރޭއްވެވުމާއި، ޢަސްކަރީ މަޝްރޫޢުތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. މިގޮތުން ކައުސާހިބާ މަދީނާއިން ބޭރަށް ވަޑައިގެންނެވުމުން މަދީނާގައި އިތުރު ސާހިބާގެ ނާއިބެއްގެ ޙައިޘިއްޔަތުން ޚިދްމަތްކުރައްވައިފައިވެއެވެ. އިތުރު ސާހިބާ ޛިލްޢުޝައިރާ ހަނގުރާމައަށް ނިކުމެވަޑައިގަންނަވަމުން أبو سلمة رضى اللّـه عنه އާ މަދީނާގެ ވެރިކަން ޙަވާލުކުރެއްވިކަމުގައި މުއައްރިޚުން ލިޔުއްވައިފައިވެއެވެ.
ޙައްޤާއި ބާޠިލާ ދެމެދު ހިނގި އެންމެ ފުރަތަމަ މައުރިކާގައި ބަދުރުގެ މައިދާނުގައި މުޝްރިކުންގެ ހައިބަވަންތަ ލަޝްކަރާ ބައްދަލުކުރެއްވި ތިންސަތޭކަތޭރަ އަބްޠާލުންގެ ޖަމާޢަތުގައި أبو سلمة رضى اللّـه عنه ހިމެނިވަޑައިގެންނެވިއެވެ.ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ޚިދުމަތާއި، އިޚްލާޞްތެރިކަމުގެ އެންމެ ޚާއްޞަ މިންގަނޑެވެ. ފިދާވުމުގެ އެންމެމަތީ ދަރަޖައެވެ. އެހަނގުރާމައިގެ ބައިވެރީންނަށް މާތް اللّـه ވަނީ އަބަދަށްޓަކައި ޢަފޫކުރައްވައިފައެވެ. މުސްލިމުންގެ ތެރެއިން އެންމެ ދަރަޖަމަތިވެރި ބަޔަކީ ބަދުރީ ޞަޙާބީންނެވެ.
ހިޖްރައިން ތިންވަނަ އަހަރު އުޙުދު ހަނގުރާމައިގައިވެސް أبو سلمة رضى اللّـه عنه ބައިވެރިވެވަޑައިގެންނެވިއެވެ. ނުހަނު ހިތްވަރުފުޅާއި ކުޅަދާނަފުޅު ކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. މައްކާގެ މުޝްރިކުންގެ ތެރެއިން އަބޫއުސާމާޖަޝްމީ ފާރަލައިގެންހުރެ ދަނޑިވަޅުބަލައިފައި އެކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތީރެއް ވައްދައިލިއެވެ. އެތީރަކީ ވިހަލައިފައިއޮތް ތީރެކެވެ. އެތީރުން އެކަލޭގެފާނު ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. މަހެއްހައިދުވަހު ފަރުވާކުރެއްވިފަހުން އެޒަޚަމް ބޭރުފުށުން ފަސޭހަވީއެވެ. ނަމަވެސް އެކަލޭގެފާނުގެ ހަށިކޮޅުތެރޭގައި ޒަހަރުގެ އަސަރު ހިނގަމުންދިޔައެވެ.
ހިޖްރައިން ތިންވަނަ އަހަރުގެ ފަހުކޮޅު أسد بن خزيمة ވަންހައިގެ ވެރިޔާ طلحة އާއި، سلمة (ބައެއް ރިވާޔަތްތަކުގައިވާގޮތުން أسد بن خويلد) އޭނާގެ ޤަބީލާގެ މީހުން އެއްކޮށްގެން މަދީނާއަށް ޙަމަލަދޭން ތައްޔާރުކުރިއެވެ. އެބައިމީހުން ދިރިއުޅުނީ ޖަބަލު ޤުޠުނުގެ ކައިރީގައެވެ. ކައުސާހިބާ صلّى اللّـه عليه وسلّمއަށް އެޚަބަރު ލިބިވަޑައިގަތުމުން މުސްލިމުންނަށް މާބޮޑު ނުރައްކަލަކަށް ނުވަނީސް އެބައިމީހުން އާރާއިބާރު ކަނޑުއްވައިލެއްވުމަށް ޢައްޔަންކުރެއްވި ޖަނަރަލަކީ أبو سلمة رضى اللّـه عنه އެވެ. އެލަޝްކަރުގެ ދިދަ أبو سلمة އަށް ދެއްވީ އެ ލަޝްކަރުގައި أبو عبيدة بن الجرّاح رضى اللّـه عنه އާއި، سعد بن أبى وقاص رضى اللّـه عنه ފަދަ ތަޖްރިބާކާރު ޖަނަރަލުންވެސް ތިއްބަވަނިކޮށެވެ.
މިހަނގުރާމަޔަކީ އެހަނގުރާމައެއް ކާމިޔާބުކުރުން މުސްލިމުންނަށް އިންތިހާދަރަޖައިގެ މުހިންމު ހަނގުރާމައެކެވެ. އޭގެ އެންމެ މުހިންމު އެއްސަބަބަކީ، ޢުހުދު ހަނގުރާމައިގެ ސަބަބުން ޢަރަބި ޤަބީލާތަކުގެ ހިތްތަކުގައި މުސްލިމުންނާމެދު އުފެދިފައިއޮތް ޖެހިލުންކުޑަކަން ނިމުމަކަށް ގެންނެވުމެވެ. މުސްލިމުންގެ އާރާއި ބާރު ޢަރަބީންނަށް އަލުން ދައްކައިލައްވައި މުސްލިމުންގެ ޝާނާއި ޝައުކަތު އަލުން ޤާއިމްކުރެއްވުމެވެ.
ކައުސާހިބާ صلّى اللّـه عليه وسلّم،أبو سلمة رضى اللّـه عنه އަށް ސަތޭކަފަންސާސް ސަވާރުން ދެއްވައިފައި އަމުރުކުރެއްވިއެވެ. ހަމަމިހާރު އެބައިމީހުން ދިރިއުޅޭ ސަރަޙައްދަށް ވަޑައިގަންނަވާށެވެ. أسد ވަންހައިގެ މީހުންގެ ބާރު މާގަދަނުވަނީސް އެބައިމީހުން ވިއްސިވިހާލިކޮށްލައްވާށެވެ. އެބައިމީހުންގެ ސަރަޙައްދަށް ވަޑައިގެން އެބައިމީހުންނަށް މުސްލިމުންނާ ޙަމަލަދިނުމުގެ ފުރުޞަތު ނުދެއްވައި އެއުރެން ވިއްސިވިހާލިކޮށްލައްވާށެވެ.
أبو سلمة رضى اللّـه عنه ވަރަށް ފަރުވާތެރިކަމާއެކު އަވަސް ދަތުރުފުޅެއް ކުރެއްވިއެވެ. أسد ވަންހައިގެ މީހުން ދިރިއުޅޭ ސަރަޙައްދަށް އެކަލޭގެފާނަށް ވަޑައިގެންނެވުނީ ހިޖުރައިން ހަތަރުވަނަ އަހަރުގެ މުޙައްރަމްމަހުގެ އެއްވަނަ ދުވަހުއެވެ. أبو سلمة رضى اللّـه عنه އެކަލޭގެފާނުގެ ތޫނު ކަނޑިކޮޅުގެ ފަންވަރު، أسد ވަންހައިގެ މީހުންނަށް ދެއްކެވިއެވެ. މުސްލިމުންގެ ކޮންމެ މުޖާހިދަކުވެސް އެ މަޢުރިކާގައި ހަނގުރާމަކުރެއްވީ އިސްތަށިފުޅުގައި ކަފުންކޮޅު ބަންނަވައިގެންނެވެ. ފުރާނަފުޅު އަތްތިލަފުޅަށް ލައްވައިގެންނެވެ. ވަރަށް އަވަހަށް ދުޝްމަނުން ބަލިކޮށްލައްވައި ވިއްސިވިހާލިކޮށްލެއްވިއެވެ. އެއަށްފަހު أبو سلمة އެކަލޭގެފާނުގެ ލަޝްކަރު ތިންބައިކޮށްލައްވައިފައި ތިންދިމާއިން ދުޝްމަނުން ފަހައި ފޮނުއްވިއެވެ. މުޖާހިދުން بنوأسد ގެ އާރާއިބާރު ކަފާސްކޮށްލައްވައި ވަރަށްގިނަ ޢަދަދެއްގެ ގެރިބަކަރި ޖަމަލު ޣަނީމާ ކުރެއްވިއެވެ. މިހަނގުރާމައިގައި أبو سلمة ހަނގުރާމަކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ އަތްޕުޅުގައިވާ ނުރައްކާތެރި ޒަޚަމުގެ ޅަ ލަކުނަށް ކުޑަކޮށްވެސް ބައްލަވައިލެއްވުމެއް ނެތިއެވެ.
أبو سلمة رضى اللّـه عنه އޮނަތިރީސް ދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ މަސައްކަތްޕުޅު ފުރިހަމަޔަށް ނިންމަވައިލައްވައިފައި މަދީނާއަށް އެނބުރިވަޑައިގެންނެވިއެވެ. ފަތަޙައާއި ނަޞްރާއި، ގިނަގުނަ ޣަނީމާތަކެއް ހޯއްދަވައިގެންނެވެ. އެކަލޭގެފާނާ ޙަވާލުކުރެއްވި މަސައްކަތްޕުޅު ފުރިހަމަކުރެއްވިލެއް ރަނގަޅުކަމުން އިތުރު ސާހިބާ ވަރަށް އުފާކުރެއްވިއެވެ. أبو سلمة رضى اللّـه عنه އަށާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި މުޖާހިދުންނަށް ހެޔޮދުޢާ ކުރެއްވިއެވެ. އިސްލާމީ ތާރީޚުގައި އެހަނގުރާމަ މަޝްހޫރުވެފައިވަނީ سرية قطن ނުވަތަ سريةأبو سلمة ގެ ނަމުންނެވެ.
أمّ سلمة رضى اللّـه عنهاހުވަފަތްވެވަޑައިގަތުން
أبو سلمة رضى اللّـه عنه މިހަނގުރާމައިން ނަޞްރާއި ކާމިޔާބީ ހޯއްދަވައިގެން ގެއަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައިހުރި ޒަޚަމުގެ ލަކުނު ހުރީ ފަޅައިގެންގޮސް އަލުން ރޯވެފައެވެ. ހަށިކޮޅުންވަނީ ފެންދެމިފައެވެ. ވަރުފުޅު ދެރަވެފައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنها އަށް ލޮބުވެތި ފިރިކަލުން ފެނިވަޑައިގަތުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ނަމަވެސް ހިތްވަރުފުޅު ގަދަކުރައްވައި އެންމެފުރަތަމަ ފިރިކަލުން ހޯއްދެވި ފަތަޙައާއި ކާމިޔާބީއާމެދު އުފާފާޅުކުރައްވައި ތަހްނިޔާ ވިދާޅުވިއެވެ. ހަމައެއާއެކު ނުހަނު ފަރުވާތެރިކަމާއި އޯގާވެރިކަމާއެކު ފިރިކަލުންނަށް ހޭހަންކުރައްވާން ފެއްޓެވިއެވެ. އެކަމުގައި ރޭދުވާ އެއްކޮށްލެއްވިއެވެ. ނުފުރޮޅުއްވާ އެންމެ ގާކޮޅެއްވެސް ދޫކޮށެއް ނުލައްވައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް أبو سلمة ގެ އާލާސްކަންފުޅުދިޔައީ ބޮޑުވަމުންނެވެ. އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައިހުރި ޒަޚަމުގައި ހިމެނޭ ވިހައިގެ އަސަރު މުޅިހަށިކޮޅަށް ދިޔައީ ފެތުރެމުންނެވެ. ކުރައްވާ ބޭސްފަރުވާގެ އެއްވެސް އަސަރެއް ނުފެނެއެވެ.
އެދުވަސްވަރު އެއްދުވަހަކު ކުއްލިޔަކަށް السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنها ގެ ހަނދުމަފުޅަށްއައީ ތަންކޮޅެއްކުރީން އެއްދުވަހަކު އެދެމަފިރިކަނބަލުންގެ މެދުގައި ދެކެވިފައިއޮތް ވާހަކަފުޅެވެ.
علاّمة إبن سعد، طبحات ގައި ރިވާޔަތެއް ގެންނަވައިފައިވެއެވެ. أبو سلمة رضى اللّـه عنه ގެ ޙަޔާތްޕުޅުގައި އެއްދުވަހަކު السّيّدة أمّ سلمة رضى اللّـه عنها އެކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ.
"އަޅުގަނޑު އަޑުއަހައިފައިވާގޮތުގައި، އަންހެނަކު ދުނިޔޭގައި އިންދައި އޭނާގެ ފިރިމީހާ މަރުވުމުން، އެ އަންހެނާ ދެވަނަ ކާވެންޏެއް ނުކޮށްފިނަމަ އަރަހުށި މާތްاللّـه އެދެމީހުން ސުވަރުގޭގައި އެއްތަންކޮށްދެއްވާނެއެވެ. ހަމައެފަދައިން ފިރިހެނަކު ދުނިޔޭގައި ހުއްޓައި އޭނާގެ އަނބިމީހާ މަރުވުމުން، އެފިރިހެނަކު ދެވަނަ ކާވެންޏެއް ނުކޮށްފިނަމަ، އަރަހުށި މާތްاللّـه އެދެމީހުންވެސް ސުވަރުގޭގައި ބައްދަލުކޮށްދެއްވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ދެމީހުންކުރެ އެކަކު ކުރީގައި މަރުވެއްޖެނަމަ، އަނެކަކު މީހަކާ ނުއިންނަން ވަޢުދުވަމާ ހިންގަވާށެވެ."
أبو سلمة ވިދާޅުވިއެވެ. "ކަމަނާ އަޅުގަނޑުގެ ބަސް ޤަބޫލުކުރައްވާނުތޯއެވެ؟"
أمّ سلمة ވިދާޅުވިއެވެ."ނުކުރާންވީ ކީއްވެތޯއެވެ؟"
(ނުނިމޭ)