(17 މާރޗްގެ އަދަދާ ގުޅޭ)
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ހަތަރު ޢުޒުރުވެސް ޤަބޫލުކުރެއްވިއެވެ. عمر بن الخطّاب رضى اللّـه عنه ގޮވައިގެން އެކަމަނާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ގެއަށް ވެދެވަޑައިގަތުމުގެ ހުއްދަ އެދިވަޑައިގެންނެވިއެވެ.السّيّدة أمّ سلمةވިދާޅުވާގޮތުގައި އޭރު އެކަމަނާ އިންނެވީ ހަމެއްގައި ކުލަޖައްސަވާށެވެ. އެކަމަނާ ކައުސާހިބާއަށް ގެއަށް ވެދެވަޑައިގެންނެވުމުގެ ހުއްދަ ދެއްވިއެވެ.އަތްޕުޅު ސާފުކުރައްވައިގެން އިތުރު ސާހިބާ އިށީނދެވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އިތުރު ސާހިބާ އެކަމަނާގެ ޢުޒުރުތަކަށް، އަންނަނިވި ޖަވާބުދެއްވިއެވެ.
ހ. ކަމަނާގެ ޣީރަތްތެރިކަން ފިލުއްވައި ކޯފާ މަޑުކުރައްވާތޯ ދުޢާކުރައްވާނަމެވެ.
ށ. ތިމަންކަލޭގެފާނަކީ ކަމަނާއަށްވުރެވެސް އުމުރުފުޅުން ދުވަސްވެފައި ހުންނެވި ބޭކަލަކީމެވެ.
ނ. ތިމަންކަލޭގެފާނު ކަމަނާގެ ކާވެނިފުޅަށް މިއެދިވަޑައިގަތީ ކަމަނާގެ ބޭފުޅުންގެ ބެލެނިވެރިކަމާ ޙަވާލުވެ، ކަމަނާއަށް އެހީތެރިވެދެއްވުމަށްޓަކައެވެ.
ރ. ކަމަނާގެ ވަލީވެރީންގެ ތެރޭގައި ކަމަނާ ތިމަންކަލޭގެފާނާ ކާވެނިބައްލަވަން ޤަބޫލުނުވާނެ މީހަކު ނުހުންނާނެއެވެ.
السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "ކައުސާހިބާصلّى اللّـه عليه وسلّمއަހަރެންގެ ވާހަކަ ނުހަނު ކެތްތެރިވެވަޑައިގެން އަޑުއައްސަވައި ނުހަނު ފުރިހަމަޔަށް ޖަވާބު ދެއްވުމުން އަހަރެން ހިތުގެ އަޑީން އުފާކުރީމެވެ." އެވަގުތު އެކަމަނާعمر بن الخطّاب رضى اللّـه عنهއަށް ދަންނަވައިގެންعمرގެފާނު އެކަމަނާއާއި ކައުސާހިބާصلّى اللّـه عليه وسلّمގެ ކާވެނިފުޅު ޢަޤްދުކޮށްދެއްވިއެވެ. عمرގެފާނަކީ އެކަލޭގެފާނުގެ މައިކަނބަލުންގެ ފަރާތްޕުޅުންالسّيّدة أمّ سلمة رضى اللّـه عنهاގެ ތިމާގެފުޅު ބޭކަލެކެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއާއި أمّ المؤمنين السّيّدة أمّ سلمة بنت أبى أميةއާ ކާވެނިކޮށްދެއްވީ އެކަމަނާގެ ދަރިކަލުންعمر بن أبى سلمةއަންގަވައިގެން عمر بن أبى سلمةކަމަށް ބައެއް މުއައްރިޚުން ލިޔުއްވައިފައި ހުރެއެވެ. ނަމަވެސް ޢިލްމުވެރީންގެ މުޙައްޤިޤުން ވިދާޅުވާގޮތުގައި،السّيّدة أمّ سلمة رضى اللّـه عنهاގެ ފިރިހެން ބޭފުޅުންނަކީ އޭރު އެފަދަކަމަކަށް އެކަށީގެންވާ ވަރަށްވުރެ ތުއްޕުޅު ބޭފުޅުންނެވެ. ޚާއްޞަކޮށް عمر بن أبى سلمة ރައްކައުވީވެސް މަދީނާގައެވެ. މި ރިވާޔަތުގެ ސަނދު ޞައްޙަކަމުގައިވިޔަސް މި ރިވާޔަތަށް "لإبنها"މިބަސް އިތުރުވެފައިވަނީ އެކަމަނާގެ ބޭފުޅުންގެ ތެރޭގައިވެސް عمرއެވެ ކިޔުނު ބޭފުޅަކު ހުންނަވާތީ އެކަމަނާقم ياعمرއެވެ ވިދާޅުވުމުން ރާވީއެއްގެ ހީގެމައްޗަށް ބިނާކޮށް ކުށްގޮތެއްގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمأمّ سلمة بنت أبى أمية رضى اللّـه عنــها އާ ކާވެނިބައްލަވައިގެންނެވީ ހިޖްރައިން ހަތަރުވަނަ އަހަރުގެ ޝައްވާލުމަހުގެ ފަހުކޮޅުގައެވެ.
السّيّدة أمّ سلمة رضى اللّـه عنــهاވިދާޅުވެފައިވެއެވެ. ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށްވެ أمّ المؤمنينގެ ޢިއްޒަތް އަހަންނަށް ލިބުމުން އަހަރެން ހިތުގެ އަޑީން އުފާކުރީމެވެ. އަރަހުށި މާތްاللّـه سبحانه وتعالىވަނީ އަހަރެންގެ ކުރީގެ ފިރިކަލުން أبو سلمة رضى اللّـه عنه ކުރެއްވި ދުޢާއާއި އަހަރެންގެ ދުޢާ އިޖާބަކޮށްދެއްވައިފިއެވެ. أبو سلمةއަށްވުރެ ހެޔޮބަދަލެއް ދެއްވައިފައެވެ.
ކައުސާހިބާ صلّى اللّـه عليهوسلّم، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އަށް ހޯއްދަވައިދެއްވި ހިފައިގެންގުޅޭ ތަކެއްޗަކީ އުޑިއަކާއި، ފެންއަޅާ ބާވަތުގެ ކަންވާރަކާއި، ކަދުރުރުކުގެ ފަންވަތް އެތެރެއަށް ލައިފައިވާ ބާލީސްކޮޅެކެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّم އެހެނިހެން އަނބިއަނބިކަނބަލުންނަށްވެސް ދެއްވާ ތަކެއްޗަކީ މިއީއެވެ. (مسنه أحمد) ބައެއް ރިވާޔަތްތަކުގައިވާގޮތުން ރިކާބީއަކާއި ފެންބޯން ބޭނުންކުރާ ބާވަތުގެ ކަންވާރެއްވެސް ދެއްވިއެވެ. ކައުސާހިބާ އެކަމަނާ އިންނަވަން ހަމަޖެއްސެވީ أمّ المؤمنين السّيّدة زينب بنت حزيمة رضى اللّـه عنــها އަށްޓަކައި ހެއްދެވި ކޮޓަރިކޮޅުގައެވެ. السّيّدة زينب بنت حزيمة އޭރުވަނީ އަވަހާރަވެފައެވެ. أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ވިދާޅުވާގޮތުގައި، އެކަމަނާ އެކޮޓަރިކޮޅަށް ވަޑައިގެން ހޯއްދަވައިލެއްވުމުން ފެނިވަޑައިގެންނެވީ، ގިތެޔޮއަޅައިފައިހުރި ކަންވާރަކާއި، ހިމަގޮދަންއަޅައިފައިހުރި ގުޅިޔަކާއި، އުޑިއަކާއެވެ. أمّ المؤمنين ވިދާޅުވާގޮތުގައި އެކަމަނާ ގޮދަންމުގުރުއްވައި ރޮށިފިއްސަވައިގެން ރޮށިފުނޑުކުރައްވައި ގިތެލާއި ހަކުރާ އެއްކުރައްވައިގެން މަލީދާ (ނުވަތަ އަޞީދާ) ތައްޔާރުކުރެއްވިއެވެ. އާކާވެނިފުޅުގެރޭ ދެމަފިރިކަނބަލުން ފަރީއްކުޅުއްވީ މަލީދާއެވެ.
أمّ المؤمنينالسّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއަކީ އިންތިހާދަރަޖައިގެ ލަދުރަކި ބޭކަނބަލެކެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވިތާ ކުރީކޮޅުގައި އިތުރު ސާހިބާ އެކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގަތުމުން ލަދުފުޅުން އެކަމަނާގެ ދަރިކަނބަލުން زينب بنتأبى سلمة އުނގުފުޅަށް ލައްވައިގެން އިންނަވަނީއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އަކީވެސް ނުހަނު ލަދުފުޅުގެން ވަޑައިގަންނަވާ އޯގާވެރި ބޭކަލެކެވެ. އެހެންކަމުން، އިތުރު ސާހިބާ އިރުކޮޅަކު زينب އުރުވަޑުއްވައިގެން ގެންގުޅުއްވައިލައްވައިފައި އެނބުރި ވަޑައިގަންނަވަނީއެވެ.
ކިރުފޮދުގެ ގޮތުން أمّ المؤمنين ގެ އަޚެއްކަމުގައިވާ عمّار بن ياسر رضى اللّـه عنــه އަށް އެކަން އެގޮތަށް ހިނގާކަން އެނގިވަޑައިގަތުމުން ނުޤަބޫލުފުޅުވެވަޑައިގެން ވަޑައިގެން زينب އަތުލައްވައިގެން ގެންދަވައި އާޔާއަކާ ޙަވާލުކުރެއްވިއެވެ. ނަމަވެސް ގިނަދުވަސްތަކެއްނުވެ އެމައްސަލަ ހަމަޖެހި، السّيّدة أمّ سلمة ވެސް އެހެނިހެން أمّهات އިންނާ އެއްތައްގަނޑަކަށް ފެތިވަޑައިގެންފިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެކަމަނާގެ ދަރިކަނބަލުން އެކަމަނާއަށް ހޯއްދަވައިދެއްވައިފިއެވެ.
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ ސީރަތު ލިޔުއްވާ ބައެއް ޢިލްމުވެރީން عمّار بن ياسر رضى اللّـه عنــه އަކީ އެކަމަނާއާ އެއްބަނޑު ބޭކަލެއްކަމުގައި ލިޔުއްވައިފައި ހުރެއެވެ. ނަމަވެސް ތާރީޚާއި ސީރަތުގެ މުޙައްޤިޤުން ވިދާޅުވާގޮތުގައި، އެއީ އަރައިގެންވާނެ އޮޅުމެއް ނޫނެވެ. أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ މައިކަނބަލަކީ عاتكة بنت عامر އެވެ. عمّار ގެ މައިކަނބަލަކީ سميّة بنت خيّاط رضى اللّـه عنــها އެވެ. عمّار އަކީ ކިރުފޮދުގެ ގޮތުން أمّ المؤمنين ގެ އަޚެކެވެ. އެއްބަނޑު ބޭކަލެއް ނޫނެވެ.
ކައުސާހިބާ صلّى اللّـه عليهوسلّم، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އެހެންކަމުން މުއުމިންތަކުންގެ މައިކަނބަލުންކުރެ އެއްވެސް ބޭކަނބަލެއްގެ ހިތްޕުޅުގައި أمّ المؤمنين السّيّدة عائشة رضى اللّـه عنــها އާމެދު ޝަކުވާއެއް އުފެދިއްޖެނަމަ، ކައުސާހިބާގެ އަރިހަށް އެކަމެއް ހުށަހެޅުއްވުމުގައި މެދުވެރިކުރައްވަނީ أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އެވެ. އިތުރު ސާހިބާ ކޮންމެދުވަހެއްގެ ޢަޞުރުނަމާދަށްފަހު އެންމެހައި أمّهات އިންގެ ކޮޓަރިކޮޅުތަކަށް ވަޑައިގަންނަވާއިރު ފައްޓަވަނީ السّيّدة أمّ سلمة ގެ ކޮޓަރިކޮޅުންނެވެ. ނިންމަވައިލައްވަނީ السّيّدة عائشة ގެ ކޮޓަރިކޮޅަށެވެ.
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ކައުސާހިބާ صلّى اللّـه عليهوسلّم އަށް ކަންތައް ފަސޭހަކޮށްދެއްވަން ވަރަށްބޮޑަށް ވިސްނާވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّمގެ ޚާއްޞަ ޚާދިމެއްކަމުގައިވާ سفينة އަކީ ޙަޤީޤަތުގައި أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ އަޅެކެވެ. سفينة މިނިވަންކުރެއްވީ، ކައުސާހިބާ صلّى اللّـه عليهوسلّم ދުނިޔޭގައި ހުންނެވިހައި ދުވަހަކު އެމާތް ސާހިބާއަށް ޚިދުމަތްކުރެއްވުން ޝަރުޠު ކުރައްވައިފައެވެ.(مسند أحمد)
ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އަކީ އިސްލާމްދީން ޤަބޫލުކުރައްވަން އިސްނަންގަވައި ކުރިޔަށް ނިކުމެވަޑައިގެންނެވި މުޤައްދަސް ޖަމާޢަތުގެ މެމްބަރެކެވެ. އެހެންކަމުން، އެކަމަނާ އޭރުއްސުރެ ގެންދެވީ އިސްލާމްދީނުގެ ތަޢުލީމުތައް ހިތްޕުޅުގައި ޚަޒާނާ ކުރައްވަމުންނެވެ. ހިޖުރައިން ހަތަރުވަނަ އަހަރު أمّهاتالمؤمنين ގެ ޝަރަފުވެރި ޖަމާޢަތުގައި ހިމެނިވަޑައިގެންނެވުމާއެކު، ވަކީން ޚާއްޞަގޮތެއްގައި ކައުސާހިބާގެ ޙަޔާތްޕުޅު ވަރަށް އަރިހުން ބައްލަވަމުން ގެންދެވިއެވެ. އެހެންކަމުން أمّهات ން ގެ ތެރެއިން أمّهاتالمؤمنينالسّيّدة عائشة صدّيقة رضى اللّـه عنــها ފިޔަވައި އިތުރު ސާހިބާގެ ޙަޔާތްޕުޅާއި، ދެއްވި އިރްޝާދުތަކާ ބެހޭ އެންމެ ބޮޑު ޚަޒާނާއެއް ޖަމާކުރައްވައިފައިވަނީ އެކަމަނާއެވެ. ތިރީގައިމިވަނީ މިގޮތުން އެކަމަނާ އުންމަތަށް ހަދިޔާކުރައްވައިފައިވާ އެތަކެއް ޙާދިޘާ ތަކެއްގެ ވާހަކަތަކުގެ ތެރެއިން ބައެއް ޙާދިޘާތަކުގެ ވާހަކައެވެ. ކައުސާހިބާގެ ސީރަތާ ގުޅުންހުރި ބައެއް ޙާދިޘާތަކުގެ ވާހަކައެވެ.
- ޚަންދަޤު ހަނގުރާމައިގެ ތައްޔާރީތަކާ ބެހޭގޮތުން أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ރިވާކުރައްވައިފައިވެއެވެ.
"އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ދިފާޢީގޮތުން މަދީނާ ވަރުގަދަކުރެއްވުމުގެ ފިޔަވަޅެއްގެ ގޮތުން މަދީނާގެ ބޮޑެތި ބައެއް މަގުތަކުގައި ފާރު ރޭނުއްވިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އަމިއްލަފުޅަށްވެސް ގައު އުފުއްލެވިއެވެ. މޭފުޅުމަތި ހުރީ ހިރަފުހުން ތަތްތެޅިފައެވެ. ޖިހާދަށް ހިތްވަރުދެއްވުމުގެ ޅެންތައްވެސް ވިދާޅުވިއެވެ. އިތުރު ސާހިބާގެ ސަމާލުކަން عمّار بن ياسر رضى اللّـه عنــه ގެ މައްޗަށް ކުއްލިޔަކަށް ހުއްޓުނެވެ. عمّار އެހެން މީހުނަށްވުރެ މާގިނައިން ގައު އުފުއްލަވަމުން ގެންދެވިއެވެ. އިތުރު ސާހިބާ عمّار އާ މުޚާޠަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. އޭ سميّة ގެ ދަރިފުޅާއެވެ! ކަލޭގެ ޤަތުލުކުރާނީ ބާޣީންގެ ޖަމާޢަތަކުންނެވެ."
- "ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަރިހުގައި ޚަންދަޤު ހަނގުރާމައިގައި އަހަރެން ބައިވެރިވީމެވެ. އެދުވަސްވަރަކީ މަދީނާއަށް ވަރަށް ފިނިގަދަ ދުވަސްވަރެކެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެއްރެޔަކު ވަރަށްގިނައިރު ވަންދެން ނަމާދު ކުރެއްވިއެވެ. އެއަށްފަހު ފޭލިގެކޮޅުން ބޭރަށް ނިކުމެވަޑައިގެން ވަރަށްގިނައިރުވަންދެން އެކިދިމަދިމާއިން ޚަންދަޤުގެ ކައިރިއާއި ދެފަރާތުގެ ލަޝްކަރުގެ ޙާލަތު ބައްލަވައި ހެއްދެވިއެވެ." އަހަންނަށް އަޑުއިވުނީ، އިތުރު ސާހިބާ ޙަދީޘުކުރައްވާ އަޑެވެ. "މުޝްރިކުންގެ ސަވާރުންތަކެއް ޚަންދަޤުގެ ކައިރިން އެބަ ބުރުޖަހައެވެ." ކައުސާހިބާ صلّى اللّـه عليهوسلّم އެއަށްފަހު عبّاد بن بشر رضى اللّـه عنــه އަށް ވިދާޅުވިއެވެ. عبّاد ވިދާޅުވިއެވެ. "އާދޭހެވެ! މާތް اللّـه ގެ ރަސޫލާއެވެ!" އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަލެޔާއެކު އެހެންމީހަކު ވޭހެއްޔެވެ؟" عبّاد ވިދާޅުވިއެވެ. "އާދޭހެވެ. މުޖާހިދުންގެ ގެމައެއް އެބަތިއްބެވެ." އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަލޭގެ އެކުވެރީންނާއެކު ޚަންދަޤުގެ ކައިރިން ބުރުޖަހައިބަލާށެވެ. ތިމަންކަލޭގެފާނު ދުޝްމިނުންގެ ސަވާރުންތަކެއް ދެކެވަޑައިގެންފީމެވެ. އެބައިމީހުން އެބަލަނީ، ޚަންދުގެ ތަންކޮޅެއް ހަނިދިމާއެއް ފެނޭތޯއެވެ. އެތަނުން ޚަންދަޤު ހުރަސްކޮށް ތިޔަބައިމީހުނަށް ކުއްލި ޙަމަލެއް ދޭންވެގެންނެވެ." ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ، މަތިވެރިވަންތަ މާތް اللّـه ގެ ޙަޟުރަތަށް ދުޢާކުރެއްވިއެވެ.
"އޭ މާތް اللّـه އެވެ! އެއުރެންގެ ނުބައިކަމުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ! އެއުރެންގެ މައްޗަށް އަޅަމެންނަށް ފަތަޙަ ދެއްވާނދޭވެ! އޭ اللّـه އެވެ! އެއުރެން ބަލިކުރައްވާނދޭވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއުރެން ބައްޔެއް ނުކުރެވޭނެއެވެ."
"عبّاد بن بشر رضى اللّـه عنــه ކައުސާހިބާ صلّى اللّـه عليهوسلّم ގެ އިރްޝާދަށް ޢަމަލުކުރެއްވިއެވެ. އެކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ޚަންދަޤުގެ ކައިރީން ބުރުޖައްސަވަން ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ أبوسفيان ދުޝްމިނުންގެ އަސްވާރުންތަކެއް ގޮވައިގެން ޚަންދަޤުގެ ތަންކޮޅެއް ހަނި ދިމާޔަކުން ޚަންދަޤު ހުރަސްކުރައްވަން މަސައްކަތްކުރައްވާ މަންޒަރެވެ. މުޖާހިދުން މުޝްރިކުންނާ ޙަމަލަ ދެއްވިއެވެ. އެބޭކަލުން ހިލައާއި ދުނީގެ ވާރޭ ވެއްސައިލެއްވިހައިއިރުން ދުޝްމިނުންނަށް މަޖްބޫރުވީ ފިލައިގެން ދިޔުމަށެވެ."
(ނުނިމޭ)