އަހަރެން ފިކުރާވި އިސްލާމްދީން: އަލްޤުރުއާނުލްކަރީމްގެ އިމްތިޔާޒީ ސިފަފުޅުތައް

ހަރަމްފުޅު -- ފޮޓޯ: ރޮއިޓާސް

ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން

ދީންތަކުގެ ފޮތްތަކުގެ ތަފާތު ވައްތަރުތައް ފެނެއެވެ. އެއިން ކޮންމެ ފޮތަކީވެސް ޚާއްޞަ ވަކި ސިފަތަކެއްހުރި ފޮތެކެވެ.

ހިންދީ ދީނުގެ އެންމެ މުޤައްދަސް ފޮތަކީ ވެދުއެވެ. ވެދަކީ މުނިއްޔޫނުންނާއި ރީޝޫނުން ކަލާނގެ ކިބަޔަށް ކިޔައިފައިވާ މަދަހަތަކެއް އެއްކޮށްލައިފައިވާ ފޮތެކެވެ.

ކްރިސްޓިޔަނުންގެ އިންޖީލާއި ޔަހޫދީންގެ ތައުރާތުގެ އަސްލުބައިތަކަކީ (ބާވައިލެއްވި ފޮތްތަކެއްކަމުގައިވިޔަސް މިހާރު މިގެންގުޅޭ އެއްޗެއްސަކީ) އިންސާނުން އަތުން ލިޔެފައި ހުރި ފޮތްތަކެކެވެ. ނަބީބޭކަލުންގެ ހަޔާތްޕުޅުގެ ވާހަކަ އެވެ. އެބޭކަލުންނާއި ވަލީވެރިންގެ ތާރީޚެވެ. އެބޭކަލުންގެ ނަސޭހަތްޕުޅުތަކެވެ.

މިގޮތުން ބަލާއިރު މިހާރު ފެންނާން މިހިރަ ދީނީ ހުރިހާ ފޮތްތަކަކީވެސް މާތްބޭބޭކަލުންތަކެއް ކަލާނގެ ރަސްކަންފުޅަށް ވިދާޅުވެފައިވާ މަދަހަ ޘަނާއެވެ. ނުވަތަ ނަބީބޭކަލުންނާއި ވަލީވެރިންގެ ޙަޔާތްޕުޅުގެ މައްޗަށް އިންސާނުން އަތުންލިޔެފައި ހުރި ތަކެތީގެ އެއްކޮށްލުންތަކެކެވެ. އެފަދަ ބޭކަލުންގެ ނަސޭހަތްޕުޅުތަކެކެވެ.

މިދެންނެވި ފޮތްތަކާ ޚިލާފަށް އަލްޤުރުއާނުލްކަރީމުގެ އިމްތިޔާޒީ ސިފަފުޅަކީ، އެފޮތަކީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަތްޕުޅުން ލިޔުއްވައިފައިވާ ފޮތެއް ނޫންކަމެވެ. އަދި އެފޮތަކީ މާތްﷲގެ ރަސްކަންފުޅަށް މަދަޙައާއި ޘަނާ ދެންނެވުމުގެ ގޮތުން އިންސާނުން ކިޔައިފައި ހުރި ލަވަތަކެއްގެ މަޖްމޫޢާއެއް ވެސް ނޫންކަމެވެ. އެފޮތަކި ކަނޑައެޅިގެން ތާރީޚެއްވެސް ނޫންކަމެވެ. (ތާރީޚީ ބައެއް ޙާދިޘާތަކަށް އެފޮތުން އަލިކަން ލިބުނު ކަމުގައިވިޔަސްވެހެވެ.) އަދި ކީއްތޯއެވެ. އެފޮތަކީ :

  • އަރަހުށި މާތްﷲ އައްލައުޙުލްމަޙްފޫޡުގައި ލިޔުއްވައިފައިވާ މާތް ފޮތަކީ އަލްޤުރްއާނުލްކަރީމެވެ.
  • އިސްލާމްދީނުގެ ނަބިއްޔާއަށް އެކިފަހަރުމަތީން އެކިމިންވަރަށް އައްލައުޙުލްމަޙްފޫޡުން އެފޮތް ގެނެސްދެއްވީ ވަޙީގެ މާތް މަލާއިކަތާ ޖިބްރީލުލްއަމީނެވެ.

މިއީ، ކީރިތި ޤުރުއާނާ މެދު މުސްލިމުންގެ އަޤީދާއެވެ. އާދޭހެވެ. ކީރިތި ޤުރުއާނަކީ މީހަކު ލިޔުނުފޮތެއްނޫނެވެ. ބާވައިލެއްވިފޮތެކެވެ. އެކަމާމެދު މުސްލިމުންގެ ޔަޤީންކަމަކީ ގުޑުމެއްނާރާފަދަ ވަރުގަދަ ޔަޤީންކަމެކެވެ.

އެފޮތުގައި އިމްތިޔާޒީ ވަރަށް ގިނަ ސިފަފުޅުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ އެފޮތުގެ ލަފުޒުތަކުގެ އަޑުކޯޅި އެއްވަރުކަމެވެ. (ބަސްމަގު ފުރިހަމަކަމެވެ. ބަލާޣާތްތެރިކަމެވެ.) އެފޮތް ކިޔައިލެވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. އެފޮތުން އަޅުގަނޑަށް ވަރަށް ބޮޑު މީރުކަމެއް ލިބުނެވެ. އަޑަކީ އެއްވެސް ކަހަލަ ތަގްދީސެއް ލިބިފައިވާ އެއްޗެއް ހެއްޔެވެ؟ އަޅުގަނޑު ދަންނަވާނީ އާދޭހޭއެވެ. ދުނިޔޭގެ އަސާސަކީ އަޑެވެ.

  • ވެދު ބުނާގޮތުގައި ދުނިޔެ އެފުދުނީ އާދަމުގެފާނުގެ އަޑުފުޅުންނެވެ.
  • ބައިބުލްގައިވާ ގޮތުން އެންމެ ފުރަތަމަ ވަނީ ﷲގެ ކަލިމަފުޅެވެ. މިދުނިޔެ އުފެދުނީ އޭގެ ފަހުންނެވެ.

ކީރިތި ޤުރުއާނުގެ އަޑުކޯޅިތަކަކީ އެންމެ ރީތި އެންމެ ފުރިހަމަ ނަޘްރެވެ. އެކަމަކު އެބަސްފުޅުތަކުގައި އެންމެ މޮޅު ޅެމެއްގެ ތަރަންނުމު ނުވަތަ މިޔުޒިކު އެކުލެވިފައިވެއެވެ. ރީތި ސިފަކޮށްދިނުމެއްގެ ނުވަތަ މަންޒަރެއްގެ ފުރިހަމަ ކަމާއި ފޮނިކަމާއި ހިތްގައިމުކަންވެސްމެއެވެ. އެފޮތުން ފެންނަނީ ނަޘްރާއި، ނަޡުމާއި، ޝިޢުރުގެ މިއުޒިކީ ކާއިނާތުގެ ޗާލުކަމާއި ރީތިކަމެވެ. ފުރިހަމަކަމެވެ. އަލްޤުރުއާނުލްކަރީމުގެ އަޑަކީ މިހުރިހާ ރީތިކަމާއި ހިތްގައިމުކަމެއްގެ އެކުވުމެކެވެ. މަޖްމޫޢާއެކެވެ.

މިފަދަ ކަލާމްފުޅެއް ނުއުފެއްދޭހައިވެސް މިކަލާމްފުޅު ރީތިތޯއެވެ؟ (ފުރިހަމަތޯއެވެ؟) މިސުވާލު މިއަދުވެސް ކުރިމަތިކުރެވިދާނެއެވެ. ކީރިތި ޤުރުއާން ބާވައިލައްވަވަމުން ގެންދެވި ދުވަސްވަރުވެސް މިސުވާލުކުރެވުނެވެ. ކީރިތި ޤުރްއާނުގައިވަނީ މިސުވާލަށް ހަމަ އެވަގުތުމެ ޖަވާބުދެއްވައިފައެވެ." ކުޅަދާނައީވިއްޔާ ނިކަން މިފަދަ ކަލާމެއް ގެނެސްބަލާށެވެ!" އަންގަވައި ގޮންޖައްސަވައިފައެވެ.

މިގޮންޖެއްސެވުމުގެ ޖަވާބުދިނުމަށް މިއަދުވެސް ދުނިޔެވަނީ ނުކުޅެދިފައެވެ. އެކަމަށް މަސައްކަތްކުރި އެންމެނަށްވެސް ޖެހުނީ ތަންމިނަށް އަނގަހުޅުވިފައި ތިބޭށެވެ.

އަލްޤުރުއާނުލްކަރީމު ގައި ވަޙީކުރައްވައިފައިވެއެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގުނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘަރެވެ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކާލާނގެއަށް ކަލޭގެފާނު ނަމާދުކުރައްވާށެވެ! އަދި ޤުރްބާންކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ." (އަލްކައުޘަރު 3-1)

އެފޮތުގެ އާޔަތްތައްވަނީ މިގޮތަށް ޙިކުމަތާއި ރީތިކަމުން ފުރިފައެވެ. އެފޮތާ ވާދަކޮށް އެފަދަ ކަލާމްފުޅެއް އުފައްދަން އަރަބީންގެ އަފޫރުއްބަ ބަސްވާރުންނާއި، ކުޅަދާނަކަމުގެ ދެވަނަ މިސާލެއްނުވާފަދަ ޅެންވެރީން މަސައްކަތްކުރިއެވެ. އެމީސްމީހުންގެ ދައުރުގައި (އެމީސްމީހުންނަކީ ތިމާމެންގެ ބަހުގެ ކުޅަދާނަކަމާމެދު ފަޚުރުވެރިވަމުންދިޔަ މީހުންނެވެ. ތިމާމެންގެ ނިސްބަތުގައި އެހެންމީހުންނަކީ މަންމަނުން ކަމުގައި، އަޖަމީން ކަމުގައި ބުނަމުން ދިޔަ ކުޅަދާނަ ބަސްވާރުންނާއި ޝާއިރުންނެވެ. އެހެންނަމަވެސް އެމީހުނަށް ޖެހުނީ ބަލިޤަބޫލުކޮށް ނުކުޅެދިއްޖެކަމަށް އިއުތިރާފުވާށެވެ. "މިއީ އިންސާނެއްގެ ބަސްތަކެއްނޫނެވެ." މިހެން ބުނާށެވެ.

އަލްޤުރުއާނުލް ކަރީމު ފަދަ ފޮތެއް ނުގެނެވޭނެކަމަށް އެފޮތުގައިވަނީ ތަކުރާރުކުރައްވައި ގޮންޖައްސަވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ މުޚާޠަބުކުރައްވައި މިގޮތުން ވަޙީކުރައްވައިފައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، މިޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެއެވެ. އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރީންކަމުގައި ވީނަމަވެސްމެއެވެ." (އަލްއިސްރާއު :88)

އަލްޤުރުއާނުލްކަރީމުން އެފޮތުގެ ނަންފުޅުތައްވެސް އަޅުގަނޑުމެންނަށް ފެނެއެވެ. އެއިން ކޮންމެ ނަންފުޅަކީވެސް ވަރަށް މުހިންމު ނަންފުޅެކެވެ. ވަރަށް ބޮޑެތި ޙަޤީޤަތްތަކެއް ފާޅުކޮށްދޭ ނަންފުޅެކެވެ. އެނަންފުޅުތަކުގެ ތެރެއިން އެއްނަންފުޅަކީ އަލްޤުރްއާނެވެ. އާދެ، ކިޔެވޭ ފޮތެވެ.

ޝައްކެތްނެތެވެ. އެފޮތަކީ ކިޔެވޭ ފޮތެކެވެ. ދުނިޔޭގައި އެންމެގިނަބަޔަކު އެންމެ ގިނައިން ކިޔަވާ ފޮތެވެ.

comment ކޮމެންޓް