އުއްމުހާތުލް މުއުމިނީންގެ ތެރެއިން: އުއްމުލް މުއުމިނީން އުއްމު ސަލަމަތު ރަޟިޔަ ﷲ ޢަންހާ

(21 މާރޗްގެ އަަދަދާގުޅޭ)

3. ކައުސާހިބާ صلّى اللّـه عليهوسلّم ޚަންދަޤު ހަނގުރާމައިން އެނބުރިވަޑައިގެންނެވި ދުވަހު މެންދުރު ނާނެފިއްލެވީ أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ ގެކޮޅުންނެވެ. އެވަގުތު جبريل عليه السّلام ވަޑައިގެން ވިދާޅުވިއެވެ.

"ކަލޭގެފާނު ހަތިޔާރު ބެހެއްޓެވީތޯއެވެ؟ މަލާއިކަތުން އަދިއެއް ހަތިޔާރެއް ނުބަހައްޓަވައެވެ. ތިމަންކަލޭގެފާނުވެސް ޤުރައިޝުންގެ ފަހަތުން ވަޑައިގެންފައި މިވަޑައިގަތީއެވެ. ކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ޤުރައިޟަތުވަންހައިގެ މީހުނާ ހަނގުރާމަޔަށް ނިކުމެވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު ކުރީން ވަޑައިގަންނަވާނަމެވެ. އެއުރެންގެ ކިއްލާތަކުގައި ޒަލްޒަލާ އުފައްދަވައި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާނަމެވެ."

ކައުސާހިބާ صلّى اللّـه عليهوسلّم އަޞްޙާބު ބޭކަލަކު ފޮނުއްވައި މަދީނާގައި ގޮވައިލެއްވިއެވެ. "މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުއަހައި ކިޔަމަންވާ އެކަކުވެސް ޤުރައިޟަތުވަންހައިގެ މީހުން އަވަށުގެ ބޭރުގައި މެނުވީ މިއަދުގެ ޢަޞުރު ނަމާދު ނުކުރާހުށިކަމެވެ."

4. ޤުރައިޟަތުވަންހައިގެ މީހުން މުސްލިމުންނާއެކު ވެފައިވާ ޢަހްދާ ޚިލާފުވެފައެވެ. ޚަންދަޤު ހަނގުރާމައިގައި ޚިޔާނަތުގެގޮތުން މުޝްރިކުންނަށް ވާގިވެރިވެފައެވެ. އެހެންކަމުން، ކައުސާހިބާ صلّى اللّـه عليهوسلّم އިސްވެދެންނެވިފަދައިން އެބައިމީހުންނާ ހަނގުރާމަޔަށް ވަޑައިގެންނެވިއެވެ. އެބައިމީހުންގެ އަވަށް ޙިޞާރު ކުރެއްވިއެވެ. ޤުރައިޟަތުވަންހައިގެ މީހުންނަކީ އަންޞާރުންކުރެ ޢައުސުވަންހައިގެ ބޭކަލުންގެ ރައްކާތެރިކަމުގެ ދަށުގައި ތިބޭބަޔެކެވެ. އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަންވަދެ މުސްލިމުންނާ ހަނގުރާމަކޮށްގެން ކާމިޔާބު ނުވާނެކަން އެނގުމުން އެބައިމީހުން މަޝްވަރާކުރުމަށް ޢައުސުވަންހައިގެ ބޮޑުންކުރެ أبو لبابة بن عبد المنذر رضى اللّـه عنــه އެބައިމީހުންގެ ގާތަށް ފޮނުއްވައިދެއްވުންއެދި ކައުސާހިބާގެ އަރިހުގައި ދެންނެވިއެވެ. އިތުރު ސާހިބާ އެގޮތް ޤަބޫލުކުރައްވައި އެބައިމީހުންގެ ގާތަށް أبو لبابة ފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގަތުމުން އެވަންހައިގެ އެންމެން އެކަލޭގެފާނު ވަށައިލިއެވެ. ފިރިހެނުން އެކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކުރިއެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅިން ރޮއިހޭރެން ފެށިއެވެ.

ޤުރައިޟަތުވަންހައިގެ މީހުންނާއި އެކަލޭގެފާނާ ކުރީއްސުރެ ވަރަށްގާތް ގުޅުމެއް އޮވެއެވެ. އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނުގެ ބޭފުޅުން ތިއްބެވިއެވެ. އެކަލޭގެފާނުގެ މުދާ ހުއްޓެވެ. އެހެންކަމުން އެކަލޭގެފާނުގެ ހިތްޕުޅަށް ނުހަނު ބޮޑަށް އަސަރުކުރިއެވެ. އެއުރެން އެކަލޭގެފާނަށް ދެންނެވިއެވެ. "محمّد ގެފާނު ކުރައްވާނެ ޙުކުމަކަށް ރުހިގެން އަޅުގަނޑުމެން ނިކުންނާންވީތޯއެވެ." އެކަލޭގެފާނު "އާނއެކެވެ" ވިދާޅުވި ވަގުތު ބޭއިޚްތިޔާރުގައި އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅު ކަރުފުޅުގައި ކާއްތައިލެއްވުނެވެ. އެކަލޭގެފާނުގެ އިޝާރަތަކީ އެ ޙުކުމަކީ ޤަތުލުކުރެއްވުމޭ ވިދާޅުވުމެވެ. އެކަލޭގެފާނަށް އެހެން ހައްދަވައިލެއްވޭއިރަށް އެހެއްދެވުނީ ގޯހެއްކަން ވިސްނިވަޑައިގެންފިއެވެ. އެހެންކަމުން ބިރުފުޅުން، އިތުރު ސާހިބާގެ އަރިހަށް ވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ސީދާ މަދީނާއަށް އަރައިވަޑައިގެން އަލްމަސްޖިދުއްނަބަވީގެ ތަނބެއްގައި އަމިއްލަފުޅަށް ހިލިހިލާ ޖެހިވަޑައިގެން އޮންނަވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މާތް اللّـه އަހަރެންގެ މައްޗަށް ތައުބާލައްވައިފުމަށް ދާންދެން އަހަރެން އޮންނާނީ މިގޮތަށެވެ."

ކައުސާހިބާ صلّى اللّـه عليهوسلّم އަށް އެކަން އެނގިވަޑައިގަތުމުން ޙަދީޘުކުރެއްވިއެވެ. أبو لبابة މިތަނަށް ވަޑައިގެންނެވިނަމަ، އެކަލޭގެފާނުގެ ފާފަފުއްސަވާތޯ ދުޢާކުރެއްވީމުހެވެ. ނަމަވެސް އެކަލޭގެފާނު އެކަންތައް ކުރެއްވިގޮތުން ދެން ތިމަން ކަލޭގެފާނު أبو لبابة ގެ ހިލިހިލާ ނައްޓަވައިދެއްވާނީ މާތް اللّـه އެކަލޭގެފާނުގެ ތައުބާ ޤަބޫލުކުރެއްވިކަން އެންގެވުމުންނެވެ. (طبرى، إبن كثير) أبو لبابة رضى اللّـه عنــه އަމިއްލަފުޅަށް ހިލިހިލާ ޖެހިވަޑައިގެން އޮންނެވި ތަނބު ހުރީ އަލްމަސްޖިދުއްނަބަވީގެ އައްރައުޟަތުއްޝަރީފާގައެވެ. އެ ތަނބު ހުރިތާނގައި މިހާރުހުރި ތަނބުވެސް ފާހަގަކުރެވިފައިވަނީ އެކަލޭގެފާނުގެ ނަންފުޅުންނެވެ. أسطوانة أبو لبابة ގެ ނަމުންނެވެ.

أبو لبابة رضى اللّـه عنــه ހަރޭހަދުވާ ވަންދެން އެތަނބުގައި ހިލިހިލާ ޖެހިވަޑައިގެން އޮންނެވިކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ކޮންމެ ނަމާދު ވަގުތަކު ވަޑައިގެން އެކަލޭގެފާނުގެ ހިލިހިލާ ނައްޓަވައިދެއްވައެވެ. ނަމާދުކުރައްވައި ނިމިވަޑައިގަތުމުން أبو لبابة ހިލިހިލާ ޖައްސަވައިފައި އެކަމަނާ ގެއަށްވަޑައިގަންނަވަނީއެވެ.

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها އަކީ ވަރަށް ހިތްޕުޅު މަޑު، އޯގާވެރި ބޭކަނބަލެކެވެ. އެކަމަނާ އިންނެވީ أبو لبابة رضى اللّـه عنــه އާމެދު ފިކުރުފުޅު ބޮޑުވެފައެވެ. އެއްރެޔަކު އެކަމަނާއަށް ފެނިވަޑައިގެންނެވީ ކައުސާހިބާ صلّى اللّـه عليهوسلّم ވަރަށް އުފާފުޅުން ހިނިވަރުނަކުރައްވާ މަންޒަރެވެ.

السّيّدة أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! ކަލޭގެފާނު ހިނިވަރުނަކުރައްވަނީ ކޮންކަމަކާތޯއެވެ؟ އަރަހުށި މާތް اللّـه ކަލޭގެފާނު އަބަދުވެސް ހިނިވަރުނަ ކުރެއްވުންމަތީ ލަހައްޓަވާށިއެވެ."

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޖަވާބުދެއްވިއެވެ. "އޭ أمّ سلمة އެވެ! أبو لبابة ގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ. އެކަމާ ތިމަންކަލޭގެފާނު އުފާފުޅުވަނީއެވެ."

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! ކަލޭގެފާނު އަމުރު ދެއްވައިފިނަމަ، ތިޔަ އުފާވެރިކަމުގެ ޚަބަރު أبو لبابة އަށް ދަންނަވަންތޯއެވެ؟"

އިތުރު ސާހިބާ صلّى اللّـه عليهوسلّم ޙަދީޘު ކުރެއްވިއެވެ. "އޭ أمّ سلمة އެވެ. ކަމަނާ ހިތްޕުޅާ ހަމަކުރައްވާގޮތަކަށް ޢަމަލުކުރައްވާށެވެ!"

އިތުރު ސާހިބާ صلّى اللّـه عليهوسلّم ގެ ހުއްދަވިދާޅު ބަސްފުޅު ލިބިވަޑައިގަތުމުން، السّيّدة أمّ سلمة އެކަމަނާގެ ކޮޓަރިކޮޅުގެ ދޮރުކޮޅުމައްޗަށް ނިކުމެވަޑައިގެންނެވިއެވެ. އޭރު ފަރުދާގެ އާޔަތް ބާވައެއް ނުލައްވައެވެ. އެކަމަނާ أبو لبابة رضى اللّـه عنــه އަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ.

"އޭ أبو لبابة އެވެ! މަރްޙަބާއެވެ. ރަޙްމާނުވަންތަ، ރަޙީމުވަންތަ މާތް اللّـه ކަލޭގެފާނުގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ."

السّيّدة أمّ سلمة ވިދާޅުވެފައިވެއެވެ.

"އަހަރެން އެހެން ބުނިއަޑު އިވޭއިރަށް أبو لبابة ގެ ހިލިހިލާ ނައްޓުވަން މީސްތަކުން އެކަލޭގެފާނާ ދިމާޔަށް ދުއްވައިގަތެވެ. ނަމަވެސް أبو لبابة އެބައިމީހުން ހުއްޓުވައިފައި ވިދާޅުވެއެވެ. މާތް اللّـه އަށްޓަކައި އެކަކުވެސް އަހަރެންގެ ހިލިހިލާ ނުނައްޓާށެވެ. ޢާލަމްތަކުގެ ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ވަޑައިގެން ޚުދު އެކަލޭގެފާނުގެ އަތްޕުޅުން އަހަރެންގެ ހިލިހިލާ ނައްޓަވައިދެއްވައިފުމަށް ދާނދެނެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެރޭގެ ފަތިސްނަމާދަށް މިސްކިތަށް ވަޑައިގެންފައި އެކަލޭގެފާނުގެ އަތްޕުޅުން أبو لبابة ގެ ހިލިހިލާ ނައްޓަވައި، އެކަލޭގެފާނު މިނިވަންކޮށްދެއްވިއެވެ. (زرقانى، إبن سعد)

5. ޙުދައިބިއްޔާގެ ޞުލްޙައިގެ ދުވަހު أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ސާބިތުކޮށްދެއްވި ވިސްނުންފުޅު ތޫނުކަމާއި އެކަމަނާ އިންސާނީ ޠަބީޢަތާއި މީހުންގެ ފިޠުރަތު ދެނެވަޑައިގަންނަވާލެއް ބޮޑުކަމުގެ ވާހަކަ، މި މަޒުމޫނުގެ ފެށުމުގައި އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އެކަމަނާގެ ތޫނުވިސްނުންފުޅާއި ސަލާމަތް ބުއްދިފުޅުން އެނުސިޔާނު މައްސަލަ ޙައްލުކުރެއްވިއެވެ. މާތް ޞަޙާބީންގެ ޖަޒުބާތީ ޙާލަތު ފުރިހަމަޔަށް ހަމަމަގަށް އަޅުއްވައި ނުހަނު އޮމާންކޮށް އެމައްސަލަ ޙައްލުކުރެއްވިއެވެ.

ކައުސާހިބާ صلّى اللّـه عليهوسلّم ޙުދައިބިއްޔާއިން އެނބުރިވަޑައިގެން ދުވަސްތަކެއް ނަންގަވައެއް ނުލައްވައެވެ. ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތުގައި ޚައިބަރަށް ޙަމަލަދެއްވިއެވެ. ޚައިބަރަކީ ޢަރަބިކަރައިގެ ޔަހޫދީންގެ މައިމަރުކަޒެވެ. އެއުރެންގެ އާރާއިބާރުގެ މުޅި ނާރެހެވެ. ފެށުނީއްސުރެ ޔަހޫދީން އައީ މައްކާގެ މުޝްރިކުންނާ ބައިވެރިވެ މުސްލިމުންނާ ދެކޮޅަށް ނިރުބަވެރިކަމުގެ ރޭވުންތައް ރާވަމުންނެވެ. ސިއްރާއި ފާޅުގައި ޢަދާވަތްތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ޙުދައިބިއްޔާގެ ޞުލްޙަނާމާގެ ސަބަބުން ޔަހޫދީންނާ އެހީވާކަށެއް މައްކާގެ މުޝްރިކުންނަކަށް ފުރުޞަތެއްނެތެވެ. އެހެންކަމުން އެދުވަސްވަރަކީ ޚައިބަރުގެ ޔަހޫދީން ބާރުކަނޑުއްވައިލައްވަން އެންމެ އެކަށޭނަ ދަނޑިވަޅެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެފުރުޞަތުގެ ބޭނުންކުރެއްވިއެވެ. ޙުދައިބިއްޔާގެ ޞުލްޙައިގައި ޤުރައިޝުންގެ ހުރިހާ ޝަރުޠުތަކެއް ޤަބޫލުކުރައްވައި ޤުރައިޝުންނާއެކު މުޢާހަދާއެއް ކުރެއްވުމުގެ އެއްބޭނުންފުޅަކީވެސް މައްކާގެ މުޝްރިކުންނާއި ޔަހޫދީންގެ އިއްތިޙާދު ރޫޅައިލައްވައި އެދެބާރުންކުރެ އެއްބާރުގެ އުނދަގޫ ކަނޑުއްވައިލެއްވުމުގެ ފުރުޞަތު ހޯއްދެވުމެވެ. އެދުވަސްވަރު މަދީނާއާއި، މައްކާއާއި، ޚައިބަރަކީ ދާދިހަމަހަމަ ތިންބާރެވެ. އެހެންކަމުން މަދީނާއިން ޚައިބަރާ ޙަމަލަދީފިނަމަ މައްކާއިން މަދީނާގެ ލަޝްކަރުގެ ފުރަގަހުން ޙަމަލަދިނުމުގެ ނުރައްކާ އޮތެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليهوسلّم ނުހަނު ޙިކްމަތްތެރިކަމާއެކު އެނުރައްކަލުން މުސްލިމުންނާއި އިސްލާމީ ދައުލަތް ޙިމާޔަކުރެއްވީއެވެ.

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ޚައިބަރު ހަނގުރާމައިގައި ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. أمّ سلمة ގެ އަރިހުގައި ޞަޙާބިއްޔާތުންގެ ވިހިބޭކަނބަލަކުވެސް އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭކަނބަލުންގެ ޚިދުމަތަކީ، ޒަޚަމުވެވަޑައިގަންނަވާ ބޭކަލުންނަށް ހޭހަންކުރެއްވުމާއި މުޖާހިދުންނަށް ބޯފެން އުފުއްލަވައިދެއްވުމެވެ.

ޚައިބަރު ހަނގުރާމައަކީ ކައުސާހިބާ صلّى اللّـه عليهوسلّم ގެ ޙަޔާތްޕުޅުގައި ހިނގި އެންމެ ވަރުގަދަ އެއް ހަނގުރާމައެވެ. ދެފަރާތުންވެސް ވަރަށް ވަރުގަދަޔަށް ހަނގުރާމަކުރިއެވެ. ހަނގުރާމައިގެ މައިދާން އޮތީ މުސްލިމުންގެ ބާރުގެދަށުގައެވެ. ކައުސާހިބާ صلّى اللّـه عليهوسلّم ޚައިބަރުގެ ކިއްލާތަކުގެ ދޮރުތައް ހަލާކުކޮށްލެއްވުމަށްޓަކައި ބޭނުންކުރެއްވި ޙިކުމަތު ޢަމަލީއަކީ ކައުސާހިބާ صلّى اللّـه عليهوسلّم ގެ ޢަސްކަރީ ހުނަރުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

އުމްރަތުލްޤަޟާއާއި، މައްކާ ފަތަޙަކުރެއްވުމާއި ޙުނައިނު ހަނގުރާމައާއި ޠާއިފުގެ ހަނގުރާމައިގައިވެސް أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އިތުރު ސާހިބާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. أمّ المؤمنين السّيّدة زينب بنت جحش ވެސް އެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّم މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވާއިރު ހުންނަވަނީ މުއުމިންތަކުންގެ އެދެމައިކަނބަލުންގެ ދެފޭލިގެކޮޅުގެ ދެމެދުގައެވެ.

6. ހިޖްރައިން ދިހަވަނައަހަރުގެ ޙައްޖުމޫސުން އައިއިރު أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އުޅުއްވީ އާލާސްކަންފުޅާއެވެ. ނަމަވެސް އެކަމަނާ حجّة الوداع ގައި ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. (مسند أحمد)حجّة الوداع ގެ ތެރޭގައި ކައުސާހިބާ صلّى اللّـه عليهوسلّم،أمّ المؤمنين السّيّدة أمّ سلمة އަށް އިރްޝާދު ދެއްވިއެވެ. ފަތިސްނަމާދަށް ތެދުވެވަޑައިގެންފައި ޖަމަލުމަތީގައި ޠަވާފުކޮށްލައްވާށެވެ. އެކަމަނާ އެގޮތަށް ޢަމަލުކުރެއްވިއެވެ. (بخارى)

(ނުނިމޭ)

comment ކޮމެންޓް