އުއްމުހާތުލް މުއުމިނީންގެ ތެރެއިން: އުއްމުލް މުއުމިނީން އުއްމު ސަލަމަތު ރަޟިޔަ ﷲ ޢަންހާ

(27 މާރޗްގެ އަދަދާ ގުޅޭ)

ޢިލްމުވެރިކަން

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ވަނީ އެކަމަނާގެ ޙަޔާތްޕުޅުގައި ވަރަށްގިނަ ކުލަތަކެއް ދެކެވަޑައިގެންފައެވެ. ތަފާތު އިންޤިލާބުތަކަކަށް ހުށަހޮޅިވަޑައިގެންފައެވެ. އިސްލާމްދީނުގެ އިރު އުދަވުމާއި ކައުސާހިބާ صلّى اللّـه عليهوسلّم ސުވަރުގެވަޑައިގަތުމާ ދެމެދުގައެވެ. ޢަރަބިކަރައާއި ބަބުރުކަރައިގައެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމާ ވިދިގެންވެސް އެކަމަނާ ވަނީ ވަރަށްގިނަ އުނދަގޫތަކާއި ދުއްތުރާތަކެއް ބަރުދާސްކުރައްވައިފައެވެ. ވަރަށްގިނަ ބައެއްގެ ޖެއްސުންކުރުމާއި ފުރައްސާރަކުރުމަށް ކެތްތެރިވެވަޑައިގެންފައެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އާ ޒަވާޖީގޮތުން ގުޅިވަޑައިގަތުމަށްފަހު، އިތުރު ސާހިބާގެ އިރްޝާދުތަކާއި އުނގަންނައިދެއްވުންތަކުން އެކަމަނާގެ ތަޖްރިބާތަކަށްވަނީ އިތުރު ފުރިހަމަކަން އައިސްފައެވެ. އުއްތިއޮފު ގަދަވެފައެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ހުވަފަތްވެވަޑައިގަތުމަށްފަހު އެކަމަނާގެ ޙަޔާތްޕުޅުގެ ކޮންމެ ހިނދުކޮޅެއްވެސް ހޭދަކުރެއްވީ، އިސްލާމްދީން އިތުރަށް ވިސްނައިވަޑައިގަތުމުގައެވެ. އެދީނުގެ ތަޢުލީމާތުތައް އިތުރަށް ދިރާސާކުރެއްވުމުގައެވެ. އިސްލާމީ ޢިލްމުތައް ފަތުރުއްވައި، މީހުންނަށް ދީން ދަސްކޮށްދެއްވުމުގައެވެ. "އަޅުކަމާއި ތަޤްވާގެ މައިދާނުން" އިތުރަށް ކުރިޔަށް އަރައިވަޑައިގަތުމުގައެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އަކީ ކައުސާހިބާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ޙަޛީޘުފުޅުތައް އަޑުއައްސަވަން ވަރަށްބޮޑަށް ޝައުޤުވެރިކަން ބެހެއްޓެވި ބޭކަނބަލެކެވެ. އެކަމަނާ މަސައްކަތްޕުޅުކުރެއްވީ، އިތުރު ސާހިބާގެ އެއްވެސް ޙަދީޘުފުޅެއް އެކަމަނާއަށް އަޑުއިވިވަޑައިނުގަނެ ދިޔަނުދެއްވުމަށެވެ. އެއްދުވަހަކު އެކަމަނާގެ ކޮޓަރިކޮޅުގައި މީހަކުލައްވައި އިސްތަށިފުޅުގައި ފުނާކޮޅު ތުރުކުރައްވަން އިންނެވިއެވެ. އެވަގުތު އިއްތިފާޤުން ދިމާވީ، ކައުސާހިބާ صلّى اللّـه عليهوسلّم މިންބަރުކޮޅުގައި ކޮންމެވެސް ޚުޠުބާއެއް ވިދާޅުވި ވަގުތަކާއެވެ. އިތުރު ސާހިބާގެ ދޫފުޅުން "ياايّها النّاس" އެވެ ވިދާޅުވާއިރަށް، ފުނާކޮޅު ތުރުކުރާ މީހާގާތު ވިދާޅުވިއެވެ. "އަވަހަށް ހުޅިޖަހައިލާށެވެ."

އޭނާ ދެންނެވިއެވެ. "ތިޔަހައި އަވަސްވެވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟ رسول اللّـه صلّى اللّـه عليهوسلّم އަދި ކިރިޔާ އެވިދާޅުވީ ياايّها النّاس އެވެ ނޫންތޯއެވެ؟"

أمّ المؤمنين އޭނާގެ ވާހަކަޔާމެދު ހިތްޕުޅާ ހަމަނުކުރައްވައި ވިދާޅުވިއެވެ. "ކިހާރަނގަޅު ވާހަކައެއްހެއްޔެވެ؟ ބަލަގަ އަހަރެމެންނަކީވެސް ايّها النّاس ގެ ތެރޭގައި ހިމެނޭ މީހުންނެވެ." އެހެން ވިދާޅުވެފައި ވަގުތުން އަމިއްލަފުޅަށް އިސްތަށިފުޅުގައި ހުޅިޖައްސަވައިލައްވައިގެން ތެދުވެވަޑައިގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم ޚުޠުބާ ނިންމަވަންދެން ކޮޅަށް ހުންނަވައި އަޑުއެއްސެވިއެވެ. (مسند أحمد)

ކައުސާހިބާ صلّى اللّـه عليهوسلّم ގެ ކޮންމެ އަނބިކަނބަލަކީވެސް ޙަދީޘުފުޅުތަކުގެ ބޮޑު ޚަޒާނާއެކެވެ. އޭގެތެރެއިންވެސް أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها އާއި، أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ގެ އަތްޕުޅުގައި ޖަވާހިރާއި މުތީތައް ވަކީން ގިނައެވެ. ޚާއްޞަކޮށް السّيّدة أمّ سلمة رضى اللّـه عنــها އަކީ ކުދީންނަށް ކިރުދިނުމާއި ވަރީގެ މައްސަލަތަކުގެ ތެރެއަށް ވަކީންބޮޑަށް ވެދެވަޑައިގެން އިންނެވި ޢާލިމާއެކެވެ. ޞަޙާބީންގެ ޢިލްމުވެރީންގެ ތެރެއިން عبد اللّـه بن عبّاس رضى اللّـه عنــه އާއި أبو هريرة رضى اللّـه عنــه ފަދަ ބޭބޭކަލުންވެސް އެކަމަނާގެ އަރިހުން ޢިލްމުގެ މުތީތައް ހޯއްދެވިއެވެ. (مسند أحمد ޖިލްދު: 6، ޞަފްޙާ: 312)

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ވަނީ ކައުސާހިބާ صلّى اللّـه عليهوسلّم ގެ 387 ޙަދީޘުފުޅެއް ރިވާކުރައްވައިފައެވެ. އެކަމަނާ ހިމެނިވަޑައިގަންނަވަނީ ޞަޙާބީންގެ މުޙައްދިޘުންގެ ތިންވަނަ ޖަމާޢަތުގައެވެ.

އެކަމަނާގެ އަރިހުން ޙަދީޘު ޢިލްމު އުނގެނިވަޑައިގެންނެވި ޞަޙާބީންނާއި ތާބިޢީން ވަރަށްގިނައެވެ. އޭގެތެރެއިން عبدالرّحمن بن أبى بكر އާއި، أسامة بن زيد އާއި، عروة بن الزّبير އާއި مصعب بن عبداللّـه އާއި، هندبنت الحارث الفراسيّة އާއި، صفيّة بنت شيبة އާއި، އެކަމަނާގެ ދެބޭފުޅުންކަމުގައިވާ عمر بن أبى سلمة އާއި، زينب بنت أبى سلمة ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ޙަދީޘު ޢިލްމުގެ އިތުރަށް ފިޤުހު ޢިލްމުގައިވެސް السّيّدة أمّ سلمة رضى اللّـه عنــها ގެ މަޤާމު ވަރަށް މަތިވެރިއެވެ. حافظ إبن حجر الإصابة ގައި ލިޔުއްވައިފައިވެއެވެ. السّيّدة أمّ سلمة އަކީ ވިސްނުންފުޅު ތޫނު، ބުއްދިފުޅު ތަނަވަސް ބޭކަނބަލެކެވެ. ކަންކަމުގެ ޙަޤީޤަތަކާ ހަމަޔަށް ފަސޭހައިން ވާޞިލުވެވަޑައިގެންނެވޭ ބޭކަނބަލެކެވެ. ޙުކުމްތައް ނެރުއްވުމަށާއި، އެކިއެކި ނުކުތާތައް ފާހަގަކުރައްވަން ކުޅަދާނަފުޅު ބޭކަނބަލެކެވެ.

حافظ إبن القيّم ލިޔުއްވައިފައިވެއެވެ. السّيّدة أمّ سلمة ގެ ފަތުވާތައް ޖަމާކޮށްފިނަމަ، ރިސާލާއެއް ތައްޔާރުކުރެވިދާނެއެވެ. السّيّدة أمّ سلمة رضى اللّـه عنــها އަކީ ޞަޙާބީންގެ ތެރެއިން ފަތުވާދެއްވާ ބޭބޭކައުކަނބަލުންގެ ލިސްޓުގެ އެންމެކުރީކޮޅުގައި ނަންފުޅު ލިޔެވޭ ބޭކަނބަލެކެވެ. އެކަމަނާގެ ފަތުވާތަކުގެ އެންމެ ޚާއްޞަކަމަކީ، އެފަތުވާތަކަކީ ޢާއްމުގޮތެއްގައި ޢިލްމުވެރީންގެ ޖުމްހޫރުން އިއްތިފާޤުވެވަޑައިގަންނަވާ ފަތުވާތަކެއްކަމެވެ. އެއީވެސް އެކަމަނާ ޙުކުމްތައް ނެރުއްވަން ކުޅަދާނަފުޅުކަމާއި، ކަންކަމުގެ ޙަޤީޤަތާއި، އަޑިޔާ ހަމަޔަށް ވިސްނުންފުޅު ފޯރުއްވަން ފަރިތަފުޅުކަމުގެ ހެއްކެކެވެ.

السّيّدة أمّ سلمة رضى اللّـه عنــها ގެ ވަރަށް ޚާއްޞަ އެއްކަމަކީ، އެކަމަނާ އަރިހުން މައްސަލަތައް އޮޅުންފިލުވާ މީހުންނަށް ޖަވާބުދެއްވާލެއް ސާފުކަމާއި ޞަރީޙަކަމެވެ. ސުވާލުކުރާ މީހާގެ ހިތުގައި އެއްވެސްބާވަތެއްގެ އޮޅުމެއް އޮތަނުދެއްވަން އެކަމަނާ މަސައްކަތްކުރައްވައެވެ. އެމީހަކަށް ފުރިހަމަ ޔަޤީންކަމާއި ކަށަވަރުކަން ހޯއްދަވައިދެއްވައެވެ.

އެއްފަހަރަކު މީހަކު އެކަމަނާއާ ސުވާލުކުރިއެވެ. އަޅުގަނޑު އެންމެ ފުރަތަމަ ޙައްޖުގެ މަނާސިކުތައް އަދާކުރާނީތޯއެވެ؟ ނުވަތަ ޢުމްރާގެ އަޅުކަން ފުރިހަމަކުރާނީތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ކަލޭގެ ބޭނުންގޮތަކަށް ތިޔަ ދެކަންތައް އިސްފަސްކުރެވިދާނެއެވެ. އެކަމަނާ އެގޮތަށް ޖަވާބުދެއްވުމުން އެމީހާ ދިޔައީ އިތުރު ސާހިބާގެ އެހެނިހެން އަނބިއަނބިކަނބަލުންގެ އަރިހަށެވެ. އެބޭކަނބަލުންވެސް އެއްގޮތަކަށް ޖަވާބުދެއްވުމުން އެމީހާ އަނެއްކާވެސް أمّ المؤمنين السّيّدة أمّ سلمة ގެ އަރިހަށް އައިސް އެވާހަކަ ދެންނެވުމުން ވިދާޅުވިއެވެ. "ކުޑަކޮށް މަޑުކޮށްބަލާށެވެ. ކަލޭގެ ހިތްހަމަޖައްސައިދީ ޔަޤީންކަންދޭން އަހަރެން ބޭނުމެވެ. އަހަރެންވަނީ رسول اللّـه صلّى اللّـه عليهوسلّم ގެ އަރިހުން މިކަމާގުޅޭ ޙަދީޘުފުޅެއް އަޑުއަހައިފައެވެ.

ބައެއް ޢިލްމުވެރީންނަށް ކަންކަން ރަނގަޅަށް އޮޅުންފިލައިވަޑައިގެންފައި ތިއްބެވިކަމުގައިވިޔަސް، މީހުންގެ ހިތްހަމަޖައްސައިދެއްވާކަށެއް މިގޮތަކަށް މަސައްކަތެއް ނުކުރައްވައެވެ.

أمّهاتالمؤمنين ގެ ތެރެއިން އެންމެބޮޑު ޢާލިމާއަކީ ޝައްކެއްނެތްގޮތުގައި السّيّدة عائشة رضى اللّـه عنــها އެވެ. ނަމަވެސް އެކަމަނާއަށްވެސް ބައެއްފަހަރުފަހަރު ބައެއްކަންކަމުގައި السّيّدة أمّ سلمة ގެ އަރިހުން ސުވާލުކުރައްވަން ޖެހިވަޑައިގަންނަވައެވެ. (أبو داؤد، ޖިލްދު: 1، ޞަފްޙާ: 127، باب الصّلاة بعد العصر)

عبد اللّـه بن الزّبير رضى اللّـه عنــه ޢަޞްރުނަމާދަށްފަހު ދެރަކުޢަތް ނަމާދެއް ކުރައްވައެވެ. مروان އެކަމާބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވިއެވެ. رسول اللّـه صلّى اللّـه عليهوسلّم ވެސް އެގޮތަށް ޢަމަލުކުރައްވައެވެ. إبن زبير އެ ޙަދީޘު އަޑުއެއްސެވީ އެކަލޭގެފާނުގެ ބޮޑުދައިތާފުޅު أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ އަރިހުންނެވެ. އެހެންކަމުން عائشة ގެފާނުގެ އަރިހަށް މީހަކު ފޮނުއްވައި مروانއެ ސުވާލުކުރެއްވިއެވެ. عائشة ގެފާނު ވިދާޅުވީ، އެކަމަނާ އެޙަދީޘު އަޑުއެއްސެވީ أمّ المؤمنين السّيّدة أمّ سلمة ގެ އަރިހުންކަމުގައެވެ. مروان،أمّ سلمة ގެ އަރިހަށް މީހަކު ފޮނުއްވައި ސުވާލުކުރުވުމުން އެކަމަނާ ވިދާޅުވިއެވެ.

"މާތް اللّـهعائشة ގެފާނަށް މަޣުފިރަތު ދެއްވާށިއެވެ. އަހަރެން ދެންނެވި އެއްޗެއް އެކަމަނާއަށް ރަނގަޅަށް ވިސްނިވަޑައިނުގެންނެވީއެވެ. އަހަރެން ދެންނެވީ رسول اللّـه صلّى اللّـه عليهوسلّم ޢަޞުރުނަމާދަށްފަހު ނަމާދުކުރުން މަނާކުރެއްވި ވާހަކައެވެ." (مسند أحمد، ޖިލްދު: 6، ޞަފްޙާ: 299،303،بخارى، ޖިލްދު: 2، ޞަފްޙާ: 627)

أبو هريرة رضى اللّـه عنــها އަށް ހީފުޅުވެފައިއޮތީ ޖުނުބުވެރިވެފައިވާ މީހާ ފަތިހުތެދުވެ އަވަހަށް ފެންނުވަރައިފިނަމަ އެމީހެއްގެ ރޯދަ ކަމުނުދާނެކަމަށެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها އާއި، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ އަރިހުން މީހަކު ސުވާލުކުރުމުން އެދެބޭކަނބަލުން ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم ޖުނުބުވެރި ޙާލުކޮޅުގައި ރޯދަފުޅަށް ހުންނަވައެވެ. އެމީހާގޮސް أبو هريرة ގެ އަރިހުގައި އެވާހަކަ ދެންނެވުމުން މޫނުފުޅުގެ ކުލަބަދަލުވެގެން ދިޔުމާއެކު ވިދާޅުވިއެވެ. ތިޔަ މައްސަލަ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެދެބޭކަނބަލުންނަށެވެ. އެހެންވިދާޅުވުމަށްފަހު أبو هريرة އެކަލޭގެފާނުގެ ކުރީގެ ޚިޔާލުފުޅު ދޫކޮށްލެއްވިއެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އަކީކީރިތި ޤުރްއާން ހިތްޕުޅުދަސް ބޭކަނބަލެކެވެ. ވަރަށް ރީތިކޮށް ޤުރްއާން ކިޔަވައި ވިދާޅުވާ ބޭކަނބަލެކެވެ. ކައުސާހިބާ صلّى اللّـه عليهوسلّم ޤުރްއާން ކިޔަވައިވިދާޅުވާ ލަހެޖާގައި އެރާގުގައި އެކަމަނާ ޤުރްއާންކިޔަވައި ވިދާޅުވެއެވެ. އެއްދުވަހަކު މީހަކު އެކަމަނާއާ ސުވާލުކުރިއެވެ. رسول اللّـه صلّى اللّـه عليهوسلّم ޤުރްއާން ކިޔަވައިވިދާޅުވަނީ ކޮންގޮތަކަށްތޯއެވެ؟ އެކަމަނާ، އިތުރު ސާހިބާ ޤުރްއާން ކިޔަވައި ވިދާޅުވާ ރާގުގައި އެލަހެޖާގައި އެމީހާއަށް ޤުރްއާންކިޔަވައި ވިދާޅުވެދެއްވިއެވެ.

އަދަބިއްޔާތުގެ ދާއިރާގައިވެސް أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ މަގާމު ނުހަނު މަތިވެރިވެއެވެ. އެކަމަނާ ވާހަކަ ދައްކަވާއިރު ލަފުޒުތަކާއި ޖުމުލަތައް ހުންނަނީ ވަރަށް ރީތިކޮށް އެމުނި އެކުލެވިފައެވެ. ލިޔުއްވާ ލިޔުއްވުންތަކުގައި އަދަބިއްޔާތުގެ ފޮނިކަމާއި މީރުކަން ވަރަށްބޮޑަށް ހުރެއެވެ.

ކީރިތި ޤުރްއާނާއި، ޙަދީޘާއި، ފިޤުހުގެ އިތުރަށް އެކަމަނާއަކީ އިތުރު ސާހިބާ صلّى اللّـه عليهوسلّم ގެ ސިއްރުތަކުގެވެސް ވަރަށް ޚާއްޞަ ޚަޒާނާއެކެވެ. އެދާއިރާއަކީ خذيفة رضى اللّـه عنــها އަށް އޭގެ އެންމެ ޚާއްޞަ މަޤާމު ލިބިވަޑައިގެންފައިވާ ދާއިރާއެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ލަޤަބުފުޅަކަށް ވެފައިވަނީ، "صاحب السرّ" އެވެ. ނަމަވެސް އެދާއިރާއިން السّيّدة أمّ سلمة رضى اللّـه عنــها ވަނީ ޚާއްޞަ ދަރަޖައެއް ހޯއްދަވައިފައެވެ.

އެއްދުވަހަކު عبدالرّحمن بن عوف رضى اللّـه عنــه،أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "މަންމާއެވެ! އަޅުގަނޑުގެ އަތުގައި މުދާ ވަރަށްގިނަވެއްޖެއެވެ. އޭގެސަބަބުން އަޅުގަނޑު ހަލާކުވެދާނެތީ ބިރުގަންނަ ހިސާބަށް ހިނގައްޖެއެވެ." أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ވީހާވެސް ގިނައިން ޞަދަޤާތް ކުރާށެވެ!" އެހެނީ ކައުސާހިބާ صلّى اللّـه عليهوسلّم ޙަދީޘު ކުރެއްވިއެވެ. "ޞަޙާބީންގެ ބައެއް ބޭކަލުންނަކަށް ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހަކު ތިމަންކަލޭގެފާނު ފެނިވަޑައެއް ނުގަންނަވާނެއެވެ. އަދި ތިމަންކަލޭގެފާނަކަށްވެސް އެބޭކަލުން ފެނިވަޑައެއް ނުގަންނަވާނެއެވެ."

عبدالرّحمن بن عوف رضى اللّـه عنــهއަށް أمّ المؤمنين ގެ ދޫފުޅުން އެބަސްފުޅު އަޑުއިވިވަޑައިގަތުމާއެކު ކަންބޮޑުވެވަޑައިގެން ސީދާވަޑައިގަތީ فاروق الأعظم رضى اللّـه عنــه ގެ އަރިހަށެވެ. އެކަލޭގެފާނަށް އެ ޙަދީޘު ވިދާޅުވެދެއްވިއެވެ. އެވަގުތު عمر ގެފާނުގެ ބިރުފުޅާއި ކަންބޮޑުވެވަޑައިގަތުން އިންތިހާޔަށް ދިޔައެވެ. ހަމައެހާރުން ތެދުވެވަޑައިގެން أمّ المؤمنين ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

"މާތް اللّـه ގަންދެއްވަމެވެ! ތެދުތެދަށް ވިދާޅުވާށެވެ! އަޅުގަނޑުވެސް އޭގެތެރޭގައި ހިމެނޭތޯއެވެ؟"

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. "ނޫނެކެވެ! އެކަމަކު ކަލޭގެފާނު ފިޔަވައި އެހެން އެކަކުވެސް ޞަރީޙު ޢިބާރާތުން އިސްތިސްނާކޮށް މީގެފަހަކުން އަޅުގަނޑު މިވާހަކައެއް ނުދައްކާނަމެވެ." (مسند أحمد،ޖިލްދު: 6، ޞަފްޙާ: 307)

ދީލަތިފުޅުކަން

أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها އަށް ދީލަތިފުޅުކަން ލިބިވަޑައިގެންފައިވަނީ އެކަމަނާގެ ބައްޕަގެ ފަރާތުން ވާރުތައިންނެވެ. އެހެންކަމުން އެކަމަނާގެ ދީލަތިފުޅުކަން، ބޯކޮށްވެހޭ ވާރޭގަނޑެކޭ އެއްފަދައެވެ. ފަޤީރުންނާއި މިސްކީނުންނަށް ޚަރަދުކުރެއްވުމުގައި އެކަމަނާ ދުވަހަކުވެސް އެއްވެސް ހިފެހެއްޓެވުމެއް ނުގެންގުޅުއްވައެވެ. އަދި ކީއްތޯއެވެ. އެހެންމީހުނަށްވެސް ދީލަތިވުމަށް ބާރުއަޅުއްވައި ނަސޭހަތްދެއްވައެވެ.

އެއްފަހަރަކު އެކަމަނާގެ އަރިހަށް ފަޤީރުންތަކެއް އެހީހޯދަން ދިޔައެވެ. އޭގެތެރޭގައި އަންހެނުންވެސް ތިއްބެވެ. އެބައިމީހުން ނުހަނު ނުކުޅެދިގަތުމާއެކު އެހީފުޅަކަށްއެދި ސަލާންޖެހިއެވެ. އޭރު އެކަމަނާގެ އަރިހުގައި أمّ الحسين އެވެ ކިޔުނު އަންހެނަކުވެސް އިނެވެ. އޭނާ އެފަޤީރުންތަކާ ދިމާޔަށް ނުރުހިގެން އެއްޗެކޭ ބުނުމުން أمّ المؤمنين އެކަން މަނާކުރެއްވިއެވެ. ވިދާޅުވިއެވެ. "އަހަންނަށް އަމުރުވެގެންވަނީ ތިޔަގޮތަކަށެއް ނޫނެވެ." އެއަށްފަހު އެކަމަނާގެ ޚާދިމާއަށް ވިދާޅުވިއެވެ. "އެބައިމީހުންނަށް އެއްޗެއްދޭށެވެ. އެހެންއެއްޗެއް ނެތްނަމަ، ކަދުރުއޮށެއް ނަމަވެސް ދޭށެވެ."

ދީނުގެ ކަންކަމަށް ފަރުވާ ބެހެއްޓެވުން

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ދީނުގެ ކަންކަމަށް ވަރަށްބޮޑަށް ފަރުވާ ބެހެއްޓެވިއެވެ. ހެޔޮކަންކަމަށް އަމުރުކުރެއްވުމަށާއި، މުންކަރާތްތައް މަނާކުރެއްވުމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވިއެވެ. އެއްފަހަރަކު މަދީނާގެ ބޮޑުންކުރެ ބައެއްމީހުން ނަމާދުގެ މުސްތަޙައްބު ވަގުތުތަކާ ޚިލާފުވާން ފެށުމުން އެކަމާވެސް ވާހަކަ ދެއްކެވިއެވެ. ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އަވަސްކުރައްވަނީ މެންދުރު ނަމާދެވެ. އެކަމަކު ތިޔަބައިމީހުން ތިޔަ އަވަސްކުރަނީ ޢަޞުރުނަމާދެވެ. (مسند أحمد، ޖިލްދު: 6، ޞަފްޙާ: 289)

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލަކު އެއްދުވަހަކު ނަމާދުކުރެއްވިއިރު ސަޖިދަޔަށް ވަޑައިގަންނަވާއިރު ނިތްޖައްސަވާ ތަނުން ހިރަފުސްފޮޅުއްވާތަން ފެނިވަޑައިގަތުމުން، އެހެން ނަހައްދަވަން ނަސޭހަތްދެއްވިއެވެ. ވިދާޅުވިއެވެ. ތިޔައީ رسول اللّـه صلّى اللّـه عليهوسلّم ގެ ސުންނަތާ ޚިލާފު ކަމެކެވެ." އިތުރު ސާހިބާ صلّى اللّـه عليهوسلّم ގެ އަޅަކު އެއްފަހަރަކު އެހެން ހަދާތަން ފެނިވަޑައިގަތުމުން އޭނާއަށް ޙަދީޘު ކުރެއްވިއެވެ. "މާތް اللّـه އަށްޓަކައި ކަލޭގެ މޫނު ހިރަފުސްކުރާށެވެ."

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާ صلّى اللّـه عليهوسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަތަރުވަނަ އަހަރުއެވެ.
  2. ކައުސާހިބާ صلّى اللّـه عليهوسلّم އާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، އޮނަތިރީސް އަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާ صلّى اللّـه عليهوسلّم ގެ ޢުމުރުފުޅަކީ، ފަންސާސްހަ އަހަރުފުޅެވެ.
  4. ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ހަތްއަހަރުއެވެ.
  5. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، އެއްރިވާޔަތެއްގައި އައްޑިހަ އަހަރުފުޅެވެ. އަނެއް ރިވާޔަތެއްގައި އައްޑިހަ ހަތަރު އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން 58، 59، 60، 61 މި އަހަރުތަކުގެ ތެރެއިން އަހަރެއްގައެވެ. އަޅުގަނޑު އެންމެ ޞައްޙަކަމުގައި ދެކެނީ، علامة شبلى نعمانى އާއި سيّد سليمان ندوى އާއި قاضى محمّد سليمانމަންޞޫރުޕޫރީ ފަދަބޭފުޅުންގެ ތަޙުޤީޤުގެ މައްޗަށް ބުރަވެ، 60 އަހަރު ކަމުގައި ބުނެވޭ ރިވާޔަތެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީއުގައެވެ.

އަރަހުށި މާތް اللّـه، أمّ المؤمنينالسّيّدة أمّ سلمة بنت أبى أميّةއަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް
  2. އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  3. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
  4. އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  5. ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ
  6. ސީރަތުއްނަބިއްޔު ޢައްލާމާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާނު ނަދްވީ
  7. އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ
  8. ސޯބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ ސަރުދާރު ފާޠިމާ ބިންތި محمّد صلّى اللّـه عليهوسلّم

(ނިމުނީ)

comment ކޮމެންޓް