ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު 10 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މާދަމާއަށް ތާވަލުކޮށްފި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން ތޮލްހަތު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުތަކާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ އޭނާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 އޭޕްރީލް 10 ވަނަ ދުވަހު އެވެ.
އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 26 އޭޕްރީން 2015 ވަނަ ދުވަހު އެވެ. މައްސަލާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 14:00 އަށެވެ.
ތޮލްހަތުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އޭނާއަށް ޝަރީއަތުން ކަނޑައަޅާފައިވާ އަދަބަކީ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ލުއި އަދަބެވެ.
ތޮލްހަތާ ދެކޮޅަށް ހެކިބަސް ދެއްވި އޮފިސަރުންގެ ތެރެއިން އެމްއެންޑީއެފްގެ ކެޕްޓަން އިހުސާން ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ 30 އަހަރަށް ޖަލަށް ލިޔަސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް އޭނާގާތު ތޮލްހަތު ވިދާޅުވި ކަމަށެވެ.
ތޮލްހަތާ ދެކޮޅަށް ހެކިބަސް ދެއްވަމުން މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން 40 އަހަރަށް ޖަލަށްލިޔަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.
ހެކިބަސްދެއްވި ސިފައިންގެ އޮފިސަރެއް ކަމަށްވާ އިބްރާހީމް ރަޝީދު ވިދާޅުވެފައި ވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ސިފައިން ނަންގަވަން ނުޖެހޭނެ ކަމަށާއި އަމިއްލަފުޅަށް ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.