އިންސާނީ ހައްގުތައް ރައްކާތެރި ކުރަން ޖެހޭނީ ހަމައެކަނި އެކަމަށް ހާއްސަ ކޮށްފައިވާ މުއައްސަސާއަކުން ނޫން ކަމަށާއި އެކަމަކީ މުޅި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޯޗާ ޕްރިވެންޝަން އެމްބެސެޑާ ޕްރޮޖެކްޓާއި ގުޅޭ ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮރިއަންޓޭޝަން ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަރަށް އިސް ރޯލެއް އަދާ ކުރަމުންދާ ކަމަށާއި ދައުލަތުގެ އެކި އިދާރާތަކުން ވެސް އެކަމުގައި އިސް ދައުރެއް އަދާ ކުރަމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރެވެމުންދާ ކަމަށެވެ.
އުމަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން އަދި ހޯމް މިނިސްޓްރީގެ ފަރާތުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
"މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ސަރުކާރުން ކުރާ މަސައްކަތްތަކެއް ވެސް ނޫން. މިއީ ރާއްޖޭގެ އިމޭޖު މުޅި ރާއްޖޭގެ ތަސައްވަރު ދުނިޔޭގެ ރީތި ކުރުމަށްޓަކައިވެސް ކޮންމެހެން ދިވެހި ދައުލަތުގެ ފަރާތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިޒަމާނަކީ ގައުމެއް، އެ ގައުމެއް އެކަނި ދުނިޔޭގައި އޮވެގެން ދަތުރު ކުރެވޭ ޒަމާނެއް ނޫން. މިއީ ގުލޯބަލައިޒްޑު ދުނިޔެއަށް. ހުރިހާ ގައުމުތައް އެއްކޮށް މަސައްކަތް ކުރަންވީ ދުނިޔެ. މިކަހަލަ ދުނިޔެއެއްގައި ހުރިހާ ގައުމަކުން ވެސް ގަބޫލުކުރާ އުސޫލުތަކާ ހަމަތަކުގައި މި ގައުމު ދެމިއޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އުމަރު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ 14 މުއައްސަސާއެއް ހިމެނޭ ގޮތަށް ކޮމެޓީއެއް ވެސް އެކުލަވާލައްވާފަ އެވެ. އެ ކޮމެޓީގައި ހެމެނެނީ ތަފާތު އެކި ބަންދުތަކުގައި ތިބޭ މީހުން ބަލަހައްޓާ މުއައްސަސާތަކެވެ. އަދި ކޮމެޓީގެ ބެލެނެވެރި ފަރާތަކީ ހޯމް މިނިސްޓަރެވެ.