މުހައްްމަދު އަބްދުﷲ (މުހައްމާ) އެންމެ ފަހުން ނެރުނު ފިލްމަކީ "ނިއުމާ" އެވެ. އެއީ މީގެ ފަސް އަހަރު ކުރިން ނެރުނު ފިލްމެކެވެ. މުހައްމާ ސިޔާސީ ދާއިރާއަށް ނުކުންނަވައި، މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވައިގެން "ސިޔާސީވެފައި" ހުންނެވިޔަސް އަދިވެސް އޭނާ ފިލްމީ ދާއިރާއަށް ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ. ދިވެހި ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނެސްދިން "ނިއުމާ"އަށްފަހު، މިހާރު މުހައްމާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ "ވަފާތެރިކެހިވެރިޔާ"ގެ ނަމުގައި ފިލްމެއް އުފެއްދުމެވެ.
"ޔަގީންކަން ބެލުންތެރިންނަށް ދެން ފިލްލުގެ އެތައް މަންޒަރެއް އެތައް ހާދިސާތަކެއް އިރާދަ ކުރެއްވިއްޔާ މޭގަ އަތް އަޅާލައިގެން ލޮލުން ކަރުނަ ބާލަމުން ބަލަން ޖެހޭ ވަރުގެ އެތައް ހާދިސާތަކެއް މި ފިލްމުގައި ފެނިގެންދާނެ،" މުހައްމާ ވިދާޅުވިއެވެ.
"ވަފާތެރިކެހިވެރިޔާ"ގެ ޑައިރެކްޓަރު އަދި ލީޑު ރޯލު ކުޅޭ އަލީ ސީޒަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ އެ ފިލްމަކީ ސީޒަންގެ ހަޔާތުގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށެވެ.
"އަލީ ސީޒަންގެ ފިލްމީ ހަޔާތުގައި އަޅުގަނޑު ގަބޫލު ކުރަނީ މިއީ އަލީ ސީޒަން ކުރާ މިހާތަނަށް އެންމެ ވަރުގަދަ، އެންމެ ގިނަ ބަޔަކު މި ފިލްމަށް ސަމާލުކަން ދޭނެ ރީތި މަސައްކަތަކަށް ފިލްމު ވެގެންދާނެ،" މުހައްމާ ވިދާޅުވިއެވެ.
އެ ހަފްލާގައި ވާހަކަ ދައްކަމުން ޑައިރެކްޓަރު އަލީ ސީޒަން ބުނީ، "ވަފާތެރި ކެހިވެރިޔާ" ބައެއް މަންޒަރުތައް މާލޭގައި ނެގި ނަމަވެސް، ފިލްމުގެ ގިނަ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ހއ. ކެލާގައި ކަމަށެވެ.
"ބޮޑު ބައެއް ނަގަން ހަމަޖެހިފައި ވަނީ ކެލާގައި. ނަމަވެސް ކެލާގެ ކައިރި ރަށްރަށުގައި ވެސް ބައެއް މަންޒަރުތައް ނަގާ ކަހަލަ ގޮތަކަށް އަޅުގަނޑުމެން ރާވައިގެން މި ތިބީ... 10-15 ޕަސެންޓު ޝޫޓު މިކުރަނީ މާލޭގަ. ޝޫޓިންގު ފެއްޓިތާ 15 ވަރަކަށް ދުވަސް." ސީޒަން ބުންޏެވެ.
ސީޒަން ބުނީ، މާލޭގައި ނަގަން ޖެހޭ މަންޒަރުތައް މިހާރު މުޅިންހެން ނެގިފައިވާ ކަމަށާއި، އަތޮޅު ތެރޭގައި ނަގަން ޖެހޭ މަންޒަރުތައް ނަގަން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ފުރާނެ ކަމަށެވެ.
މި އަހަރު ތެރޭ ރިލީސް ކުރަން ހަމަޖެހިފައިވާ އެ ފިލްމުން ފެންނިގެންދާނެ ބައެއް ތަރިންތަކުގެ ތެރޭގައި، ޒީނަތު އައްބާސް، އަހުމަދު އަޒްމީލު، މަލީހާ ވަހީދު، އަހުމަދު ނިމާލްގެ އިތުރުން ސައީދު ވެސް ފާހަގަކޮށްލެވެ އެވެ.