ތ. ތިމަރަފުށީގައި ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، ބިދޭސީއަކު ފިހިއްޖެއެވެ.
ތިމަރަފުށި ކައުންސިލް ރައީސް އަހުމަދު ނާސިރު 'ސަން'އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ މިއަދު 17:00ހާއިރެވެ.
އޭނާ މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގީ ލޯންޗުގެ އެތެރޭގައި މަސައްކަތެއް ކުރަނިކޮށް ބެޓެރި ޝޯޓެއް ދިމާވެގެން ކަމަށް ލަފާކުރެވެއެވެ.
އޭރު އެ އެ ލޯންޗުގައި ދެ ބިދޭސީން މަސައްކަތް ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ޑޮކްޓަރުންނާ ހަވާލާދީ ނާސިރު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 75 ޕަސެންޓު ވަނީ ފިހިފައެވެ. އަދި، މިހާރު އެ މީހާ ވަނީ، އިތުރު ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލް ހުންނަ ތ. ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނާއި ތިމަރަފުށީ އެއާޕޯޓުގެ ފަޔާ ވެހިކަލުގެ އެހީތެރިކަމާއެކު، މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.
މި ހާދިސާގައި ލޯންޗުގެ ގާތްގަނޑަށް 70 ޕަސެންޓު ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.