(7 މާރޗްގެ އަދަދާގުޅޭ)
މާގިނަދުވަސްތަކެއްނުވެ މަދީނާގައި އިސްލާމްދީން ފެތުރެންފަށައިފިއެވެ. މުސްލިމުންނަށް އަމާންކަމުގެ ގޮވައްޗަކާއި ނަސުރު ދެއްވާނެ އަޚުންތަކެއް ލިބިއްޖެއެވެ. އަނިޔާލިބެމުންދިޔަ ބައެއް މުސްލިމުން މަދީނާއަށް ހިޖްރަޔަށްދާން ޤަޞްދުކޮށްފިއެވެ.
މަދީނާއަށް ހިޖްރަކުރެއްވުން
أبوسلمة މަދީނާއަށް ހިޖްރަކުރައްވަން ޤަޞްދުކުރެއްވީ ކައުސާހިބާمحمّد صلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަކުރެއްވުމުގެ އަހަރެއް ދޮޅުއަހަރެއްހައިދުވަސް ކުރީންނެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައިއޮތީ ސަވާރުވެވަޑައިގަންނަވާނެ އެންމެ ޖަމަލުކޮޅެކެވެ. އެހެންކަމުން އެ ޖަމަލުކޮޅަށް އެކަލޭގެފާނުގެ އަނބިކަނބަލުން أمّ سلمة އާއި ތުއްޕުޅު ދެބޭފުޅުން (ބައެއް ރިވާޔަތްތަކުގައިވާގޮތުން ތުއްޕުޅު ދަރިކަލުން سلمة) ލައްވައިގެން ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ފައިމަގުގައި ދަތުރުފުޅު ފެއްޓެވިއެވެ. أمّ سلمة ގެ ތިމާގެފުޅު މީހުންނަށް (ބަނުލްމުޣީރަތު) އެ ޚަބަރު ލިބުމާއެކު އެބައިމީހުން ދުވެފައިއައިސް أبوسلمة ގެ ޖަމަލުކޮޅު ވަށައިލިއެވެ. އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނު ވަޑައިގަންނަވާނެ ދިމާޔަކަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނު އެއްދުވަހު ޙަބަޝާއަށް އަނެއްދުވަހަކު އަނެއްތަނަކަށް ވަޑައިގަންނަވާއިރު، ބޭނުންފުޅުހައިތަނަކަށް އަޅުގަނޑުމެންގެ މިއަންހެންކުއްޖާއެއް ނުގެންދެވޭނެއެވެ." އެހެންކިޔައިފައި އެމީހުން أبوسلمة ގެ އަތްޕުޅުން ޖަމަލުކޮޅުގެ ލަގަން ފިރުކައިގަތެވެ. ގަދަކަމުން އެބައިމީހުނާއެކު أمّ سلمة ގެންގޮސްފިއެވެ. އެހައިތަނުން أبوسلمة ގެ ތިމާގެފުޅު މީހުންނަށް (ބަނޫޢަބްދުލްއަސަދު) އެޚަބަރު ލިބިގެން ދުވެފައި އަތުވެއްޖެއެވެ. އެބައިމީހުން أمّ سلمة ގެ އަތްޕުޅުން އެކަމަނާގެ ތުއްޕުޅު ބޭފުޅުން ފޭރިގަތެވެ. ބަނުލްމުޣީރަތާ ދިމާޔަށް އެމީހުން ބުންޏެވެ. ތިޔަބައިމީހުން އަހަރެމެންގެ މީހާގެ އަތުން ތިޔަބައިމީހުންގެ އަންހެންކުއްޖާ ފޭރިގެންފީމުއެވެ. އެހެންވީއިރު އަހަރެމެންގެ ކުދިން ތިޔަބައިމީހުންނަށް ދޫކުރާންވީ ކީއްކުރަންހެއްޔެވެ؟ މިއަރައިރުމުގައި ދެފަރާތުން ގަދަބަދަވިކަން ދައްކައި ދަމައި ފިރުކައި ހެދުމުގެ ތެރޭގައި ތުއްޕުޅު سلمة ގެ އަތްޕުޅު ހުޅުންނެއްޓިއްޖެއެވެ. علامة بلاذرى ލިޔުއްވައިފައިވާ ގޮތުގައި އެކަލޭގެފާނު އަވަހާރަވަންދެންވެސް އެއަތްޕުޅު ރަނގަޅެއްނުވެއެވެ.
އެއީ ވަރަށްވެސް ހިތާމަވެރި، ހިތްދަތި މަންޒަރެކެވެ. ނަމަވެސް أبوسلمة رضى اللّـه عنــه ހިތްވަރުފުޅުގަދަކުރައްވައި މާތްاللّـه އަށް ވަކީލުކުރައްވައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންވީ ބަނުލްމުޣީރަތުގެ މީހުންގެ ގާތުގައެވެ. ތުއްޕުޅު ބޭފުޅުން ބަނޫ އަސަދުގެ މީހުންގެ ގާތުގައެވެ. މާތްاللّـه ގެ ދީނަށްޓަކައި އެކަލޭގެފާނު އަނބިކަނބަލުންނާއި، ތުއްޕުޅު ބޭފުޅުން ވަކިވަކިވެ އެބޭފުޅުން ތިއްބެވީ ތިންދިމާއެއްގައެވެ. ވަކިވަކިވެވަޑައިގަތުމުގެ މުޞީބާތްތައް ބަދުރާސްކުރެއްވުމުގައެވެ.
السّيّدة أمّ سلمة رضى اللّـه عنــها އަށް ފިރިކަލުންނާއި ބޭފުޅުންނާ ވަކިވެވަޑައިގަތުމުގެ ހިތާމަފުޅު ވަރަށްބޮޑުވިއެވެ. އެކަމަނާ ކޮންމެދުވަހަކު ހެނދުނު ގެއިން ނިކުމެވަޑައިގެން ދުވާލުގެ ހަތަރުދަން ހޭދަކުރައްވަމުންގެންދެވީ މައްކާގެ ފަރުބަދައެއްކަމުގައިވާ އަބްޠަޙްގައި އިންނަވައި ކީރިތިކުރެއްވުމުގައެވެ. ކަރުނަފޮދުގެ ވާރޭ އޮއްސެވުމުގައެވެ.
السّيّدة أمّ سلمة رضى اللّـه عنــها ރިވާކުރައްވައިފައިވެއެވެ. "އެގޮތުގައި އެތައްދުވަހެއްވީފަހުން އެއްދުވަހަކު އަހަރެން އެތާނގައި ރޯންއިންދައި ބަނުލްމުޣީރަތުން އަހަރެންގެ ދެބޭންގެދެދަރި މީހަކަށް އެތަނަށް އާދެވިއްޖެއެވެ. އޭނާއަކީ އަހަރެމެންގެ ޢާއިލާގެ (މަޚްޒޫމްވަންހައިގެ) ބަސްވިކޭ މެމްބަރެކެވެ. އޭނާއަށް އަހަރެންގެ ޙާލު ފެނިފައި އޭނާގެ ހިތަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އޭނާ އަހަރެންގެ ގާތަށްއައިސް ބުންޏެވެ.
އޭ زاد الرّكب ގެ ދަރިފުޅާއެވެ! ކަމަނާގެ އަމިއްލަ ނަފުސަށް ޖައްސައިފައި ތިޔަވަނީ ކޮންފަދަ ޙާލެއް ހެއްޔެވެ؟ އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ޢާއިލާގެ މީހުން އަހަންނާއި އަހަރެންގެ ފިރިކަލުންނާއި ކުދީންނާ ވަކިކުރިގޮތުގެ ވާހަކަ ބަޔާންކުރީމެވެ. އޭނާ އެނބުރިގޮސް ބަނުލްމުޣީރަތާއި ބަނޫޢަބްދުލްއަސަދުގެ ޒިންމާދާރު އިސްމީހުނާ ވާހަކަ ދެއްކިއެވެ. އޭނާ އެމީހުނާ ދިމާޔަށް ބުންޏެވެ.
އޭ މިތިބަ ހިތެއްފިތެއްނެތް އަނިޔާވެރީންނޭވެ! އެނިކަމެތި އަންހެންކުއްޖާއާމެދު ތިޔަބައިމީހުންގެ ހިތްތަކުގައި ކުޑަކޮށްވެސް ރަޙްމެއް ހަމްދަރުދީއެއް ނުއުފެދެނީހެއްޔެވެ؟ ތިޔަބައިމީހުންގެ ހިތްތައް ހަރު ހިލަޔަށްވީހެއްޔެވެ؟ އޭނާ ހިތާމައިގެ ހިތިކަރުނަ އޮހޮރާތާ ކިހައިދުވަހެއް ވެއްޖެހެއްޔެވެ؟ ބަލަގަ އެއީ ހަމަ އަހަރެމެންގެ ލެޔެވެ. ތިޔަބައިމީހުން ކުޑަކޮށް ލަދުވެތިކަން އިޙްސާސްކޮށްބަލާށެވެ. ސިކުނޑީގެ ބޭނުން ކޮށްބަލާށެވެ. އޭނާގެ ފިރިމީހާއާއި ދަރީންނާ ވަކިކޮށް އެކަމުގެ ހިތާމައިގައި ރޮއްވާނީ ކިހައިދުވަހެއް ވަންދެންހެއްޔެވެ؟ ތިޔަބައިމީހުން ފެންގަނޑަކަށް ގެނބިގެން މަރުވުންވެސް މާރީއްޗެވެ. އަހަރެމެންގެ ޢާއިލާގެ މާތްކަމާއި ޝަރަފާ މިއަނިޔާވެރިކަމާ ގުޅެނީ ކިހިނަކުންހެއްޔެވެ؟
އޭނާ ހަމްދަރުދީގެ ޖަޒުބާތުގައި ޢާއިލާގެ މެމްބަރުންނާ އެގޮތަށް ވާހަކަދެއްކުމުން އެންމެންނަށް އިސްދަށަށް ޖަހައިލެވުނެވެ. އެބައިމީހުންގެ ހަރުކަށިކަން ދޫކޮށްލިއެވެ. އަހަރެންގެ ކުދީން އަހަންނަށް ދީފިއެވެ. މަދީނާއަށް ދާންވެސް އަމުރުދީފިއެވެ. އެކަމަކު އެކަކުވެސް އަހަންނާއެކު މަދީނާއަށް ގޮސްދޭކަށެއް އެއްބަހެއް ނުވިއެވެ. އަހަރެންގެ ކުދީންކޮޅު އަނބުރާ ލިބުމުން ހިތާމައިގެ ވިލާތައް ކެހިގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަހަރެން އަޅާވެސްނުލައި ޖަމަލަށް ސަވާރުވެގެން ކުދީން ގޮވައިގެން މަދީނާއަށްދާން ދަތުރު ފަށައިފީމެވެ. ހަމައެކަނި اللّـه سبحانه وتعالىއަށް ބަރޯސާކޮށްގެންނެވެ.
މައްކާގެ ބޭރަށް ނިކުމެ ތަންޢީމާ ހަމަޔަށް ދެވުނުތަނާ ގެފުޅުގެ ތަޅުދަނޑިފުޅުގެ ވެރިޔާ عثمان بن طلحة العبدرىއާ ބައްދަލުވެއްޖެއެވެ. އޭރު އޭނާ އިސްލާމްދީން ޤަބޫލެއް ނުކުރައްވައެވެ. އޭނާއާ އަހަރެންގެ ފިރިކަލުންأبو سلمةއަކީ ވަރަށް ގާތް ދެރަޙްމަތްތެރީންނެވެ. އިސްލާމްދީން ޤަބޫލު ނުކުރެއްވި ކަމުގައިވިޔަސް، عثمان އަކީ ވަރަށް ހިތްޕުޅުހެޔޮ އޯގާވެރި ބޭކަލެކެވެ. ޢިއްފަތްތެރި މާތް ބޭކަލެކެވެ.
عثمان بن طلحةއިސްލާމްވެވަޑައިގެންނެވިކަމުގައި ބައެއް ރިވާޔަތްތަކުގައިވަނީ ޞުލްޙުލްޙުދައިބިއްޔާގެ ދުވަސްވަރުއެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން މައްކާ ފަތަޙަކުރެއްވި ދުވަހުއެވެ.
السّيّدة أمّ سلمة ތުއްޕުޅު ބޭފުޅަކު ގޮވައިގެން ގިނިކަންޏާ ދަތުރުކުރައްވާ މަންޒަރު ފެނިވަޑައިގަތުމުން، عثمان ގެ ހިތްޕުޅު އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ عثمان އެވެ!މައްކާގެ ޤުރައިޝުވަންހައިގެ އަންހެނަކު، ކުޑަކުއްޖަކު ގޮވައިގެން އެކަނިމާއެކަނި ދަތުރުކުރާތަން ފެނިފައި އެހީނުވުމަކީ ފިރިހެންވަންތަ ކަމެއްނޫނެވެ." عثمان ވަޑައިގެން السّيّدة أمّ سلمةއާ ސުވާލު ކުރެއްވިއެވެ. ގިނިކަންޏާ ކޮށްދަތުރުފުޅެއްތޯއެވެ؟ ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ.أمّ سلمةވިދާޅުވިއެވެ. "އަޅުގަނޑުގެ ފިރިކަލުންأبو سلمةގެ އަރިހަށް މަދީނަތުލްމުނައްވަރާއަށެވެ."عثمانސުވާލުކުރެއްވިއެވެ. "ކަމަނާގެ އަރިހުގައި އެއްވެސް ފިރިހެނަކު ނުދޭތޯއެވެ؟" أمّ سلمة ވިދާޅުވިއެވެ."އާދޭހެވެ. އަޅުގަނޑު މިދަނީ މާތް اللّـه ގެ ޙަޟްރަތުން ވާގިއެދިގެންނެވެ. އަޅުގަނޑަށް ޙިމާޔަތްދެއްވައި ނަޞްރުދެއްވާނީ އެކަލާނގެއެވެ." عثمان ވިދާޅުވިއެވެ.ހަމަހިލާ ކަމަނާއަށް ގިނިކަންޏާ ތިޔަގޮތަކަށް ވަޑައެއްނުގެންނެވޭނެއެވެ. އެހެންވިދާޅުވެފައި عثمان ވަޑައިގެން أمّ سلمة ގެ ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން އެކަމަނާގެ އަރިހުގައި ދަތުރު ފައްޓަވައިފިއެވެ. ތަނަކަށް މަންޒިލުކުރައްވާނަމަ ޖަމަލު ތިރިކުރައްވައިފައި أمّ سلمة ފައިބައިވަޑައިގަންނަވަންދެން އެކަލޭގެފާނު ހުންނަވަނީ އެއްފަރާތަކަށްޖެހި ނިވާވެވަޑައިގެންނެވެ. ދަތުރު ފައްޓަވާންވުމުންވެސް ޖަމަލު ތިރިކުރައްވައި އެކަމަނާ ސަވާރުވެވަޑައިގަންނަވަންދެން عثمان ހުންނަވަނީ ދުރަށްވަޑައިގެން ފުރަގަސްދެއްވައިގެންނެވެ. އެގޮތުގައި ދަތުރުކުރައްވައި أمّ سلمة ގެ ތިންމައިކަނބަލުންނަށް ޤުބާއަށް ވަޑައިގެންނެވިއްޖެއެވެ. عثمان، أمّ سلمةއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަމަނާގެ ފިރިކަލުންވީ މިރަށުގައެވެ. މާތް اللّـه ގެ ބަރަކާތާއެކު ވަޑައިގަންނަވާށެވެ. އަޅުގަނޑު އެނބުރި މައްކާއަށް ދަނީއެވެ." عثمان بن طلحتއެހިސާބުން އެނބުރި މައްކާއަށް ވަޑައިގަތީއެވެ.السّيّدة أم سلمة، عثمانގެ މާތްކަމާއި، ހެޔޮފުޅުކަން އަބަދުވެސް ހަނދުމަފުޅު ބެހެއްޓެވިއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. "އަހަރެން عثمان بن طلحت އަށްވުރެ އެހީތެރި އެއަށްވުރެ ހެޔޮލަފާ ޞާލިޙު މީހަކު ދެކެފައެއް ނުވެއެވެ."
علامة إبن الأثير رحمه اللّـه ވިދާޅުވެފައިވެއެވެ. السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "أبو سلمةގެ ޢާއިލާއަށްވުރެ އިސްލާމްދީނަށްޓަކައި ބުރައުފުލި އެއްވެސް ޢާއިލާއެއް އަހަންނަކަށް ފެނިފައެއް ނުވެއެވެ."
މުއައްރިޚުންނާއި ސީރަތު ޢިލްމުގެ ޖުމްހޫރުން ވިދާޅުވާގޮތުގައި، އެންމެފުރަތަމަ މަދީނާއަށް ހިޖްރަކުރެއްވުމުގެ ޝަރަފު ހޯއްދެވި ބޭކަނބަލަކީ السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنها އެވެ. (ނަސަބު ޤުރައިޝު: 337،سيرة أعلام النّبلاء ޖިލްދު: 2 ޞަފްޙާ 206،ألإستيعابޖިލްދު: 4 ޞަފްޙާ: 1921،ألإصابةޖިލްދު: 8 ޞަފްޙާ: 223)
ނަމަވެސް އެހެން ރިވާޔަތެއްގައިވާގޮތުން އެންމެފުރަތަމަ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވި ބޭކަނބަލަކީ عامر بن ربيعة رضى اللّـه عنه ގެ އަނބިކަނބަލުން ليلى بنت أبى حثمة رضى اللّـه عنها އެވެ. (الإصابة برجمة ليلى، كتاب الأوّئل للعسكرى: 1272)
ޞަޙީޙު ބުޚާރީގެ އެއްރިވާޔަތެއްގައިވާގޮތުން އެންމެފުރަތަމަ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވި ބޭކަލަކީ أبو سلمة عبداللّـه بن عبد الأسد المخزومى رضى اللّـه عنه އެވެ. ނަމަވެސް ދެވަނަ ރިވާޔަތުގައި އެ ޝަރަފު އަރުވައިފައިވަނީ مصعب بن عمير رضى اللّـه عنه އަށެވެ. حافظ إبن حجر عسقلانى މި ދެ ރިވާޔަތް ތަޠުބީޤުކުރައްވަމުން ވިދާޅުވާގޮތުގައި أبو سلمة މަދީނާއަށް ވަޑައިގަތީ މުޝްރިކުންގެ އުނދަގުލާހުރެއެވެ. މުސްތަޤިއްލު ގޮތުގައި މަދީނާގައި ވަޒަންވެރިވެވަޑައިގަތުމުގެ މަޤްޞަދުގައެއް ނޫނެވެ. ހިޖްރައިގެ ޤަޞްދުގައި އެންމެފުރަތަމަ މަދީނާއަށް ވަޑައިގަތީ مصعب އެވެ. އެހެންކަމުން މި ދެރިވާޔަތުގައި ފުށުއެރުމެއްނެތެވެ.
(ނުނިމޭ)