ކޮމަންވެލްތު ގޭމްސްގައި ބީޗް ވޮލީ ހިމަނަން ނިންމައިފި

ރާއްޖޭގެ ރަށެއްގެ އަތިރިމަތީގައި ހަދާފައިވާ ބީޗް ވޮލީ ކޯޓެއް ---

އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ގޭމްސްގައި ބީޗު ވޮލީ ހިމަނަން ނިންމައިފިއެވެ.

އެކަން ހާމަކޮށް ކޮމަންވެލްތު ގޭމްސް ފެޑްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިފަހަރުގެ ގޭމްސްގައި ބީޗު ވޮލީ ހިމަނަން ނިންމީ އޮސްޓްރޭލިއާ އިން އެކަމަށް އެދުމުން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ އެގްޒެކްޓިވް ބޯޑުން އެ ކުޅިވަރު ހިމަނަން ނިންމުމުން ކަމަށެވެ.

މިފަހަރުގެ ގޭމްސްގައި ބީޗު ވޮލީ ހިމަނަން ނިންމުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ އޮސްޓްރޭލިއާގެ ކުޅިވަރާބެހޭ ވަޒީރާ ޕަލަސްޒަކު ވިދާޅުވީ، އެގައުމުގެ އެދުމުގެމަތިން މިފަހަރުގެ ގޭމްސްގައި ބީޗު ވޮލީ ހިމެނުމުން އެކަމާ ފަހުރުވެރިވާ ކަމަށާއި އެ ގޭމްސް އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެގައުމުން ވޭނޭ ކަމަށެވެ.

"ގޯލްޑް ކޯސްޓްގެ ރީތި ގޮޑުދޮށް ތަކުގައި ބީޗު ވޮލީ ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. މިކަމުގެ ސަބަބުން ގޭމްސް ވެސް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ގަބޫލުކުރަނީ،" ޕަލަސްޒަކު ވިދާޅުވިއެވެ.

މީގި އެއް އަހަރު ފަހުން 2018ގެ އޭޕްރީލް 4 އިން 15 ބޭއްވުމަށް ހަމަޖެހިފައިވާ އެ ގޭމްސްގައި ބީޗު ވޮލީ ހިމަނަން ނިންމުމުން ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކެޓްރީގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މީޑިއާ ކޮމެޓީގައި ހިމެނޭ އަހުމަދު މަރުޒޫގް ވަނީ އެނިންމުމަށް މަރުހަބާ ކިޔުއްވާފައެވެ.

'ސަން' އާ ވާހަކަ ދައްކަމުން މަރޭ ވިދާޅުވީ، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ފަރާތުން ވެސް ކޮމަންވެލްތު ގޭމްސްގައި ބީޗު ވޮލީ ހިމެނުމަށް އައީ ވަރަށް ބޮޑަށް ވަކާލާތު ކުރަމުން ކަމަށާއި އެނިންމުމުގެ ސަބަބުން ރާއްޖޭން ވެސް ބީޗު ވޮލީ އަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމަށެވެ.

"ކޮލިފައިން ކުޅުމަށް ފަހު ޖުމްލަ 12 ގައުމަށް ފުރުސަތު މި ލިބެނީ ބީޗު ވޮލީގައި ބައިވެރި ވުމަށް. އޭސިއާގެ ވަރަށް ގިނަ ގައުމު ތަކެއްގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ބީޗު ވޮލީ އަކީ،" މަރޭ ވިދާޅުވިއެެވެ.

ކުރިން 17 ކުޅިވަރު ހިމެނިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ގޭމްސްއަށް ބީޗު ވޮލީ ހިމެނުމުން ކުޅިވަރިގެ އަދަދު ވަނީ 18 އަށް އަރާފައެވެ.

comment ކޮމެންޓް