އުރީދޫ އަދި ދިރާގު ސިމެއް: އާ ސިމެއް ނުނެގިޔަސް، އެހެން ނެޓްވޯކެއްގެ ހިދުމަތް ލިބޭނެ ގޮތް ވަނީ ހަދާފައި-- ސަން ފައިލް ފޮޓޯ

ދުވަސްވީ ނަމްބަރު ބަދަލު ކުރެވޭކަށްނެތެވެ. އެހެނެއްކަމަކު މި ނެޓްވޯކުގައި ހުރެވޭކަށް ވެސްނެތެވެ. ދެކަންވެސް ކުރަން ބޭނުމެވެ. ނަމަވެސް މި ދެކަންތައް އެކުގައި ކުރެވޭކަށްނެތެވެ. އެއީ މީގެކުރިން އެތައް ދިވެހިންގެ ހާލެވެ. ނަމަވެސް މިހާރު ލިބޭ އުފާވެރި ހަބަރަކީ ދެކަން އެކުގައި ކުރެވިދާނެ ކަމުގެ ހަބަރެވެ. ފޯނު ނަމްބަރު ކުރިއަށް 7 ނުވަތަ 9 ގެންގުޅޭ ފަރާތްތަކަށް އެނަންބަރު ބަދަލުނުކޮށް ބޭނުން އޮޕަރޭޓަރެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބެން މިވަނީ ކުޑަ ދުވަސްކޮޅަކަށްވެފައެވެ.

"ނަންބަރ ޕޯޓަބިލިޓީ"ގެ ހިދުމަތް އިއްޔެ ރަސްމީކޮށް ތައާރަފްކޮށްފައިވާއިރު އެހިދުމަތުގެ ސަބަބުން ދިރާގު ނަންބަރެއް ގެންގުޅޭ މީހަކު، އުރީދޫ ނެޓްވޯކަށް ބަދަލުވެވިދާނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ބޭނުންކުރާ މީހަކަށް، ދިރާގަށް ވެސް ބަދަލުވެވިދާނެ އެވެ. އެ ހިދުމަތް ދޭނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ ގުޅިގެންނެވެ. އެކަމަށް އެ ދެކުންފުނިން ވަނީ ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ) ހަރަދުކޮށްފައެވެ.

"ނަންބަރ ޕޯޓަބިލިޓީ"ގެ ހިދުމަތް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: ދިރާގު

ނަމްބަރު ބަދަލު ނުކޮށް، ނެޓްވޯކު ބަދަލު ކުރުމުގެ ހިދުމަތް ތައާރަފު ކުރުމުން އެ މީހެއްގެ އަތުގައި އޮންނަ ނަންބަރަކުން ބޭނުން އޮޕަރޭޓަރެއްގެ ހިދުމަތް ހޯދޭނެ އެވެ. އެ ނަންބަރަކީ ވަކި އޮޕަރޭޓަރަކަށް ނިސްބަތްވާ އެއްޗަކަށް އޭރުން ނުވާނެ އެވެ. ދެންއޮތީ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ވާހަކައެވެ. ތިރީގައި މިވަނީ އެދެ ކުންފުނީގެ ބަހެވެ.

ދިރާގު އިހުތިޔާރު ކުރަންވީ ކީއްވެ؟

މުއާސަލާތީ ނެޓު ވޯކުގެ ތެރެއިން 65 ޕަސެންޓް ހިއްސާކުރާ ދިރާގުން ވަނީ 9 ގެ ނަމްބަރުތަކަށް މަރުހަބާ ކިޔައިފައެވެ. މުއާސަލާތީ ހިދުމަތްތަކަކީ ބާރަށް ކުރިއަރަމުން އަންނަ ދާއިރާއަކަށްވާއިރު ދިރާގަކީ އޭގެ މިސާލެކެވެ. އެންމެ ފަހުގެ ޓެކްނޮލިޖީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ދިރާގުން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. ކުރެވޭ ސުވާލަކީ ކަސްޓަމަރުން ދިރާގު އިހުތިޔާރު ކުރަންވީ ކީއްވެތޯއެވެ؟

ދިރާގުގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވާގޮތުގައި ބޭނުން ނެޓްވޯކެއް ބޭނުން ކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިއުމަކީ ދިރާގުން އެކަމާ އުފާކުރާކަމެކެވެ.

ދިރާގުގެ މިރުޝާން އަދި އިމްޖާދު-- ސަން ފައިލް ފޮޓޯ

ކަސްޓަމަރުން ބޭނުންވަނީ ހިދުމަތް ރަނގަޅު ނެޓްވޯކެއްގައި ތިބުން ކަމަށާއި ދިރާގުން މިހާރުވެސް އަންނަނީ އެފަދަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށް މިރުޝާން ވިދާޅުވިއެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައިވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް މިރުޝާން ވިދާޅުވިއެވެ.

"ދިރާގުގައި މިއޮތީ 4Gގެ އެންމެ ބޮޑު ނެޓްވޯކްވެސް، މިޒަމާނުގައި ހަލުވި ސްޕީޑް ބޭނުންވޭ، އެންމެ ރަނގަޅު ޕެކޭޖްތައްވެސް މިކޮޅުގައި މިހިރީ، ހިދުމަތުގެ ފެންވަރުގެ ގޮތުންވެސް އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމުން ފެށިގެން، 99 ޕަސެންޓް ދިވެހިން މަސައްކަތްކުރާ ދިވެހި ކުންފުންޏަކީވެސް މިއީ، އެހެންވީމަ ދިވެހިންނަށް އެންމެ ރަނގަޅަށް ހިދުމަތް ދޭން އިނގޭނީ ދިވެހި ކުންފުންޏަކަށް." މިރުޝާން ވިދާޅުވިއެވެ.

ފޯނުކުރުމާއި ޑޭޓާ ބޭނުން ކުރުމުގެ އެންމެ ހެޔޮއަގާއި ހިދުމަތާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް 3Gގެ ހިދުމަތް ދިރާގުން މިހާރު ދަނީދެމުންނެވެ. އެންމެ ފުޅާކޮށް 4Gގެ ހިދުމަތްވެސް ދެނީ ދިރާގުން ކަމަށްވުމާއެކު 4G LTAގެ ހިދުމަތް އާބާދީގެ 55 ޕަސެންޓަށް ދެނީ ދިރާގުން ކަމަށްވާތީ އެއީ ކަސްޓަމަރުންނަށް އޮތް ފައިދާއެއް ކަމަށް މިރުޝާން ވިދާޅުވިއެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވިގޮތުގައި އެންމެ ފަހުގެ ޓެކްނޮލޮޖީތައް އެ ކުންފުނިންދަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އިމްޖާދު ފާހަގަކުރި ކަންތަކުގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރީން ކޭބަލްގެ ހިދުމަތް ދޭން ފެށުމާއި ދުނިޔެއަށް އަންނަ އެންމެ ފަހުގެ ހިދުމަތްތައް ރާއްޖޭގައި ތައާރަފް ކުރުން ހިމެނެއެވެ.

ކީއްވެ އުރީދޫ؟

ދެން މިއޮތީ ރާއްޖޭގެ މުއާސަލާތީ ހިދުމަތް އަތްފޯރާފަށަށް ގެނައި ކުންފުނީގެ ވާހަކައެވެ. ރާއްޖެއަށް އުރީދޫ އައުމާއެކު ދެ ކުންފުނި ދޭތެރޭގައި އުފެދުނު ވާދަވެރިކަމާއެކު މުއާސަލާތީ ހިދުމަތް އަތްފޯރާ ފަށަށް އައެވެ. މިފަހަރުވެސް ކަސްޓަމަރުން އުންމީދުކުރާނީ އެކަންކަމަށެވެ. ސުވާލަކީ އުރީދޫ ހިޔާރު ކުރަންވީ ކީއްވެގެންތޯއެވެ؟

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވިގޮތުގައި އެކުންފުންޏާއި ގުޅެން ބޭނުންވާ 7 ގެ ނަމްބަރުތަކަށް އޮތް އެންމެ ބޮޑު ފައިދާއަކީ އެކުންފުންޏަކީ ބައިނަލްއަގުވާމީ ކުންފުންޏަކަށްވުމާއެކު އެކުންފުންޏާއި ބޮޑެތި ކުންފުނިތަކާއި އޮތް ގުޅުމެވެ. އެގޮތުން އުރީދޫއާއި ވައިބާ އަދި ފޭސްބުކް ފަދަ ކުންފުނިތައް ގުޅިފައިވުމަކީ ކަސްޓަމަރުންނަށް އޭގެ ފައިދާ ކުރާނެ ކަންކަން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫގެ ނިޔާޒު އަދި ނޫރާ : ސަން ފޮޓޯ

އުރީދޫއަކީ ދުނިޔޭގެ 17 ގައުމެއްގައި 117 މިލިއަން ކަސްޓަމަރުންނަށް ހިދުމަތްދޭ ކުންފުންޏަކަށްވުމާއެކު އެގައުމުތަކަށް އަންނަ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރެވިގެން ދިއުމަކީ ކަސްޓަމަރުންނަށްއޮތް ފައިދާއެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެކުންފުންޏަކީ މިހާރު ރާއްޖޭގެ ޑޭޓާ މާކެޓުގެ 57 ޕަސެންޓް ހިއްސާ ކުރާ ކުންފުންޏަށްވުމާއެކު އެކުންފުނިން 3G އަދި 4G ހިދުމަތް ފުޅާދާއިރާއެއްގައި ދެމުންދާއިރު 5Gގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫއިން މަސައްކަތް ކުރަމުންދަނީ އެންމެ ފަހުގެ މޯބައިލް ޓެކްނޮލޮޖީ ތައް މެދުވެރިކޮށް ރައްޔިތުންނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ.

"އުރީދޫއިން ދިވެހި ރާއްޖޭގެ ކުރިއެރުމަށްޓަކައި ކުރާ ތަފާތު މަސައްކަތްތަކަކީ ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގަންނަ އަދި ވަފާތެރި ކަސްޓަމަރުންގެ ގޮތުގައި ތިބުމަށް ހިތްވަރު ލިބިގެންދާކަމެއް." ނޫރާ ވިދާޅުވިއެވެ.

ހިދުމަތް ހޯދަން ހަދަންޖެހޭނީ ކިހިނެއް؟

"ނަމްބަރ ޕޯޓެބިލިޓީ"ގެ ހިދުމަތް ދޭން ފަށަނީ އަންނަ ބުރާސްފަތި ދުވަހެވެ. ނަމްބަރު އެގޮތަށް ބަދަލު ކުރެވެނީ އެކްޓިވް ނަމްބަރެއްނަމަ އެވެ. އަދި އެ ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާންޖެހެ އެވެ. އެ ހިދުމަތް ހޯދުމަށް "Port" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ ކޯޑާއެކު ފޯމެއް ފުރުމަށްފަހު އެހިދުމަތައް ހުށަހެޅޭނެއެވެ.

އެހިދުމަތް ފޯރުކޮށްދެނީ އެނަމްބަރަކުން ދައްކަންޖެހޭ ހުރިހާ ބިލެއް ދައްކައި ހަލާސް ކުރުމުންނެވެ. އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ އެވެ.

ރީތި ނަމްބަރާއެކު ބޭނުން ނެޓުވޯކެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެތައް ދިވެހިންނަށް ލިބިގެންދިޔަ ބޮޑު އުފަލެކެވެ. ރާއްޖެއަށް މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނީގެ ބަސް އެވަނީ ގެނެސްދީފައެވެ. ގޮތް ނިންމަވާނީ ކަސްޓަމަރުންނެވެ.

comment ކޮމެންޓް