ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ގދ. ތިނަދޫ އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެމީހާގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.
އެ މައްސަލާގައި ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ފެނަކަ ބުރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދު އާއި އެ އިންޖީނުގޭ ޑްރައިވަރު މުހައްމަދު ޔާމީން އެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެ ހާދިސާގެ ސަބަބުން ތިނަދުއަށް ކަރަންޓު ލިބުނީ ފަސް ދުވަސް ފަހުން ނެވެ.