ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް މިއަދު ސީޒަންގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، މި ސީޒަނަކީ ވެސް ނިއުއަށް 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަދަ ކާމިޔާބު ސީޒަނަކަށް ވުން އެދޭ ކަމަށް އެޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފު ބުނެފިއެވެ.
ނިއުއިން ވަނީ 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ތާރީޚީ ރެކޯޑަކާއެކު އެފަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި އެފަހަރު، އެޓީމުން ވަނީ، ޗެރިޓީ ޝީލްޑް މެޗާއި، އެ ފަހަރުގެ އެފްއޭކަޕްގެ އިތުރުން ޕްރެޒިޑެންޓް ކަޕާއި ވެޓަރަންސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި ހަމައެހެންމެ ނިއުއިން ވަނީ އެ ފަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ނިއުއިން އެ ހުރިހާ ކާމިޔާބެއް ހޯދީ އިރު އެޓީމުގެ ކޯޗަކަށް ހުރީ، ފަހުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކުރި، ބަލްގޭރިއާ ކޯޗް ވެލިޒާ ޕޮޕޯފްއެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިއުއިން އޭއެފްސީ ކަޕްގެ މެޗަކުން ފަށާއިރު، އެޓީމުގެ ކޯޗަކަށް ހުރީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕް ސެމީ ފައިނަލަށް ނިއު ދަތުރު ކުރިއިރު އެޓީމަށް އިރުޝާދުދޭން ހުރި ބަލްގޭރިއާގެ ޔުރޮދާން އިވަނޯވް ސްޓައިކޯފްއެވެ.
ޕޯޕޯފްގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއުވަނީ، ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ގަދަ 16ގައި އެފަހަރު، މެލޭޝިއާގެ ސެލަންގޯ 2-0 ލަނޑުން ބަލިކުރުމަށްފަހު، ކުއާޓާ ފައިނަލަށް ދަތުރުކޮށް އެ ސްޓޭޖުން ނިއު ކެޓީ ކުވައިތުގެ އަލް ކުވައިތު ސްޕޯޓްސް އަތުން ބަލިވެގެންނެވެ.
Good luck to my favorite NRSC for the new international & domestic season,wishing you to repeat our brilliant 2013 AFC Cup campaign!!!
Posted by Velizar Popov on Monday, February 22, 2016
މިފަހަރު ޒުވާން ސްކޮޑަކާއެކު ފުޓްބޯޅަ ސީޒަނާ ނިއު ކުރިމަތިލާއިރު، 2013 ވަނަ އަހަރު އެޓީމުގެ ސްކޮޑްގައި ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި އޭރު ފިޔަޖަހަމުން ދިޔަ ގިނަ ތަރީންތަކެއް ތިއްބެވެ. އޭގެ ތެރޭގައި، ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި، އެއް ނަންބަރު ކީޕަރު އިމްރާން މުޙައްމަދު (އިންމަ) އާއި، މުހައްމަދު އުމޭރު، އަހްމަދު ޠާރިގު (ޓޮމް)، އަލީ އުމަރު، އަލީ ފާސިރު (ސެންޓޭ)، މުޙައްމަދު ސިފާން (ކުޑައްޓޭ)، މޫސާ ޔާމީން ފަދަ ކުޅުންތެރީން ހިމެނެއެވެ.
ސިންގަޕޫރުގެ ބެލެސްޓިއާއާ ދެކޮޅަށް މިއަދު ނިއުރޭޑިއަންޓް ކުޅޭ މެޗު ފަށާނީ ހަވީރު 3:50ގައެވެ.