ޑިމޮކްރަސީގެ ހަމައަކީ މީހުންގެ އަބުރު ކަތިލުން ނޫން ކަމަށާއި ޑިމޮކްރަސީގެ ހަމަތަކުގެމަތިން އެއްވެސް މީހަކާ ދިމާލަށް ހައްގުނެތް އެއްޗެއް ނުކިޔޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރަސީ ވީކް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހއ. ހޯރަފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުހޫރު ވިދާޅުވީ ޑިމޮކްރަސީގައި ޚިޔާލުފާޅުކުރަންޖެހޭނީ އަނެކާގެ ހައްގުތަކަށް އަރައިނުގަނެވޭގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އަނެއްކާވެސް ގޮންޖަހަން މިޖެހެނީ ގާނޫނީ ހަމަތަކުން ހޮވިފައިވާ ވެރިއަކާ ދިމާލަށް އެއްޗިހި ކިޔައި ބަދުނާމު ކުރަމުން ގެންދާތަން. އެހެންނަމަވެސް ޑިމޮކްރަސީގެ ހަމަތަކަކީ އެއްވެސް ހާލެއްގައި މީހެއްގެ އަބުރު ކަތިލުމެއް ނޫން. އަދި އަނެއް މީހާގެ އަބުރު ކަތިލުމެއް ވެސް ނޫން. ޑިމޮކްރަސީގެ ހަމަތަކުގެމަތީން އެއްވެސް މީހަކާ ދިމާލަށް އެއްވެސް ހައްގެއް ނެތްގޮތުގައި އެއްވެސް އެއްޗެއް ނުކިޔޭނެ. ޑިމޮކްރަސީގެ ހައްގުތަކަކީ އަނެއް މީހާގެ ހައްގުތަކަށް އަރައިނުގަންނަ ހިސާބުގައި އަޅުގަނޑުމެން ޚިޔާލުފާޅުކުރަމުން ގެންދިޔުން،" ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ ޑިމޮކްރަސީއޭ ކިޔައިގެން ސްޓޭޖެއްގެ މައްޗަށް އަރައި ހިތުހުރިހައި އެއްޗެއް ގޮވުމުގެ ފުރުސަތު އެއްވެސް ގައުމެއްގައި ނުދޭނެ ކަމަށެވެ.
ގައުމުގެ އެންމެ މަތީ މަގާމުގައި ހުންނަ މީހެއްގެ އަބުރު ކަތިލުމުގެ ގޮތުން އެމީހަކާ ދިމާލަށް އެއްޗިހި ގޮވަމުން ދިޔުމަކީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ އެދުމެއް ހާސިލުކުރަން ކުރާ ކަމެއް ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޑުގަދަ މީހާ ކިތަންމެ ދޮގެއް ހަދާފައި އެއްޗެއް ބުނިނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ބަޔަކު ނަމަވެސް އަވައިގަ ޖެހިގެން އެއަށް ތަރުހީބުދީގެން އެގޮތުގެމަތިން ހިތުހުރިހައި އެއްޗެއް ގޮވަމުންދާތަން. އަޅުގަނޑުމެން ހިތުހުރިހައި އެއްޗެއް މިގޮވަނީ ގައުމުގެ އިސް މަގާމެއްގައި މީހަކު ހުރިނަމަ އަބުރު ކަތިލުމަށް. ގައުމުގެ އިސް މަގާމެއްގައި ހުރިނަމަ އަބުރު ކަތިލުމަށް މި ކުރެވޭ މަސައްކަތަކީ ޑިމޮކްރަސީގެ ތެރެއިންނޭ ކިޔާފަ ނަމަވެސް އަމިއްލަ އެދުމަށް ކުރެވޭ މަސައްކަތެއް،" ޒުހޫރު ވިދާޅުވިއެވެ.
ރާއްޖެއަށް ޑިމޮކްރަސީ އައުމަށްފަހު ޑިމޮކްރަސީގެ ރައީސްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދިވެހީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރި ކަމަށާއި ނަމަވެސް އެމަނިކުފާނު ކަންތައްތައް ކުރައްވަމުން ގެންދެވީ ޑިމޮކްރަސީގެ ނަމުގައި އެހެން މީހުންގެ އަޑު ނާއްސަވައި އަމިއްލަފުޅަށް ފެނިވަޑައިގެންނެވި ގޮތަކަށް ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޑިމޮކްރަސީ ފެއިލްވެގެންދިޔަ ކަމަށާއި ދެން ޖެހުނީ އަނެއްކާވެސް ރާއްޖޭގައި އަލުން ޑިމޮކްރެސީ ބިނާކުރަން ކަމަށެވެ.