މޫސުން ގޯސްވާތީ ރަށްކާތެރިވުމަށް ޑިޒާސްޓާ މެނޭޖްމަންޓުން އިލްތިމާސްކޮށްފި

ވިއްސާރަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ: މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކުރޭ ----- ފައިލް ފޮޓޯ

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހިދާނެކަމަށް ލަފާކުރެވޭތީ، ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުން ފަދަ ކަންކަމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރަށުފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އިލްތިމާސްކޮށްފި އެވެ.

އެ ސެންޓަރުން އާންމުންނަށް ނެރުނު އިލްތިމާސެއްގައި ބުނީ، މޫސުން ކުރިއަށް ލަފާކުރާ ގޮތުން މިއަދުގެ 13:20 އާއި ހަމައަށް މެދުރާއްޖެތެރެ އާއި ދެކުނު އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައި ކަމަށާއި މޫސުން ގޯސްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރަށުފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން އެ ސެންޓަރުން ވަނީ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށް ލިސްޓެއް އާންމުކޮށްފަ އެވެ. ތިރީގައި އެވަނީ އެ ސެންޓަރުން ފާހަގަކޮށްފައިވާ ކަންކަމެވެ.

  • ރަށުތެރޭ ފެންބޮޑުވެ ގޭގެތެރެއަށް ފެން ވަދެދާނެ ކަމަށް ލަފާ ކުރެވޭ ނަމަ ގެއަށް ފެން ނުވަންނާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. އެގޮތުން ވެލިބަސްތާ ޖެއްސުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެލުން.
  • ފެން ބޮޑުވެދާނެ ކަމަށް ސަމާލުކަންދީ ފެންބޮޑުވެތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ފެނުގެ އަސަރު ނުފޯރާނެ ރައްކާތެރި ތަނެއްގައި ބެހެއްޓުން.
  • ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ، ހާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާ ގެދޮރުފަދަ ތަންތަނުގެ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
  • ކޮޅިގަނޑުގައި ގަދަވަޔާ އެކު ވިއްސާރަ ބެހޭ އިރު، ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމަށް ސަމާލުވުން.
  • ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ވަޔާއި އެއްލާނުލާނެ ގޮތަކަށް ހައްޔަރުކޮށްފައި ބެހެއްޓުން.
  • ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުމާއި އެކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުން ދެއްވާ އިރުޝާދަށް ސަމާލުވުން.
  • މޫސުމާ ގުޅޭ ގޮތުން ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މައުލޫމާތައް ސަމާލުވުން.

އޭގެ އިތުރުން ކުރިއަށް އޮތީ ހޫނު މޫސުންކަމަށް ވުމުން، ބޯފެން ނެގުމަށް ސަމާލުވުމަށް ވެސް އެ ސެންޓަރުން އިލްތިމާސްކުރެ އެވެ. އެގޮތުން ބޯފެން ނަގާ ތަންގިތައް ސާފުކޮށް ފެން ނެގުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.

މުސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފަ އެވެ.

comment ކޮމެންޓް