މި އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތައް ފެށިފައިވާއިރު، މި މަހުގެ މިހާތަނަށް އެންމެ ހޫނު ގަދަވީ، މިދިޔަ ހޯމަ ދުވަހު ހދ. ހަނިމާދުއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހަކީ އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާ ދުވަސްވަރެކެވެ.
އެގޮތުން، މި މަސް ފެށުނު ފަހުން އެންމެ ހޫނު ގަދަވީ، މިދިޔަ ހޯމަ ދުވަހު ހަނިމާދޫއަށެވެ. އެ ދުވަހު ހަނިމާދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 39 ޑިގްރީ ސެލިއަސްގައެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް 39 ޑިގްރީއަށް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން، އެންމެ ހޫނު ގަދަވާނެ ގަޑިއަކީ 14:00 ކަމަށެވެ.
އިއްޔެ 17:00ގައި މެޓުން ނެރުނު ހިސާބުތަކަށް ބަލާއިރު، އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ މާލެ ސަރަހައްދުން ހުޅުލެއަށެވެ. އެ ސަރަހައްދުގައި އެ ވަގުތުގައި ހޫނުމިން ހުރީ 35.5 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދަށް އިހުސާސްކުރެވޭ ހޫނު މިން ހުރީ 29 ޑިގްރީއިން މަތީގައެވެ.
ހޫނު ދުވަސްތައް ފެށިފައިވާއިރު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ވަރަށް ބޮޑަށް ހޫނުވުމުން، އަމިއްލަ ނަފުސާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ޚާއްސަކޮށް، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ނުވަތަ ހޫނުވުމުގެ ސަބަބުން ޖެހޭ ސްޓްރޯކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން ޖެހެއެވެ.
ހީޓް ސްޓްރޯކުން ރައްކާތެރިވުމަށް ޓަކައި، ގިނައިން ފެންބުއިމާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމާއި، އެންމެ ހޫނުގަދަ ވަގުތުތަކުގައި އަވީގައި ނޫޅުމަކީ، އެޅިދާނެ ފިޔަވަޅުތަކެކެވެ.