އަންގާރައާއި ބުދައިގައި ވިއްސާރަ ކުރާނެ، އެއަށްފަހު އަނެއްކާވެސް އޮތީ ހޫނު ގަދަ ދުވަސްތަކެއް

ހޫނުގަދަ ދުވަހެއްގައި މީހަކު ކުޑައެއް ނަގައިގެން: އަންގާރައާއި ބުދައިގައި ވިއްސާރަ ކުރިޔަސް، ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް ކަމަށް މެޓުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެއެވެ. ނަމަވެސް މި ދެ ދުވަހަށްފަހު މޫސުން ރަނގަޅުވެ، މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ހޫނުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މާރިޗު އަދި އޭޕްރީލް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މިއަދުވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.

  • އަންގާރަ އަދި ބުދަ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ
  • ވިއްސާރަ ދުވަސްތަކުގައި ވައިޖެހޭނީ 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި
  • މި ދެ ދުވަހަށްފަހު މޫސުން ރަނގަޅުވެ ވަރަށް ބޮޑަށް ހޫނުގަދަވާނެ
  • މިއަދުވެސް ގިނަ ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައި

އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރިނަމަވެސް، ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މެޓު އޮފީހުން މިއަދު 'ސަން'އަށް ބުނީ، މާދަމާ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އަންނަ އަންގާރައާއި ބުދަ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ. އެ ދުވަސްތަކުގައި ވައިޖެހޭނީ 10 މޭލާ 20 މޭލާ ދެނެދު ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި، އަންގާރައާއި ބުދަ ދުވަހުގައި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އޭގެފަހުން މޫސުން ރަނގަޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ހޫނު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

https://sun.mv/220129

އާންމުކޮށް ކޮންމެ އަހަރެއްގެ އޭޕްރީލް މަހާއި މާރިޗު މަހަކީ، ހޫނު ގަދަ ދުވަސްވަރެކެވެ. އެގޮތުން، މިއަދު ވެސް އިހުސާސްކުރެވޭ ހޫނުމިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ.

comment ކޮމެންޓް