އެންމެ ހޫނުގަދަ ވާނީ އޭޕްރިލް މަހު، އުތުރަށް އޮތީ ވަރަށް އަވިގަދަ ހަފުތާއެއް

ބަޔަކު މޫދުގައި: އޭޕްރިލް މަހަކީ އެންމެ ހޫނުގަދަ ވާނެ މަސް ކަމަށް މެޓް އޮފީހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އޭޕްރިލް މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ މަހެވެ. މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު ވިދާޅުވި ގޮތުގައި، މާޗް މަހާއި އޭޕްރިލް މަހަކީ އަބަދުވެސް ރާއްޖޭގައި އެންމެ ހޫނުގަދަ ދެ މަސް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ދުވަސްވަރު ހޫނުމިން 36 ޑިގްރީ ސެލްޝިއަސްއާ ގާތްކުރާ މިންވަރަކަށް މައްޗަށް ދެއެވެ. މި ހޫނުގަދަވުމުގެ މައިގަނޑު ސަބަބަކީ ފެބުރުވަރީ މަހުގެ މެދާ ހިސާބުން ފެށިގެން މިހާތަނަށް ވާރޭ ނުވެހި ޖައްވު ވަރަށް ބޮޑަށް ހިކިފައި ހުރުމެވެ. މި ދުވަސްވަރު މެދުކެނޑުމެއްނެތި އަވިގަދަކޮށް އޮތުމުން، ދުވާލުގެ ހޫނުކަން ރޭގަނޑަށްވެސް ދެމިގެންދެއެވެ. ނަމަވެސް، އޭޕްރިލް މަހުގެ މެދުތެރެއިން ފެށިގެން މޫސުމީ ބަދަލުތަކާ އެކު ވާރޭވެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވެއެވެ.

  • އޭޕްރިލް މަހަކީ މި އަހަރުގެ އެންމެ ހޫނު ގަދަ މަސްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
  • ޖައްވު ހިކިފައި ހުރުމާއި ވާރޭ ނުވެހުމުގެ ސަބަބުން ހޫނުމިން 36 ޑިގްރީ ސެލްޝިއަސްއާ ގާތްކުރާ މިންވަރަށް މައްޗަށް ދެއެވެ.
  • އޭޕްރިލް މަހުގެ މެދުތެރެއިން ފެށިގެން ވިއްސާރައިގެ އަސަރު ފެންނަން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
  • މޭ މަހާ ގާތްކުރާއިރު ހުޅަނގު މޫސުމަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމުން ގުގުރުމާއި ހޮނުއެޅުން ފަދަ ހާދިސާތަކަށް ސަމާލުވާން ޖެހެއެވެ.

ކުރިއަށް އޮތް އޭޕްރިލް މަހަކީ މި އަހަރު އެންމެ ހޫނު ގަދަވާނެ މަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާކަހަދައްކަވަމުން މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު ވިދާޅުވީ، ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަ ދެމަސް ކަމަށެވެ.

އެހެންކަމުން ކޮންމެ އަހަރެއްގައިވެސް މިދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން މުޅި އަހަރަށް ބަލާއިރު ވަރަށް ބޮޑަށް މަތިވާ ކަމަށާއި، އާންމުކޮށް މި ދުވަސްވަރު އެވްރެޖް ހޫނުމިން އުޅެނީ 36 ޑިގްރީ ސެލްޝިއަސްގައި ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން ކަމަށެެވެ. ނިމިދިޔަ ފެބުރުވަރީ މަހުގެ މެދާ ހިސާބުން ފެށިގެން މާޗް މަސް ނިމެންދާއިރު، ރާއްޖޭގެ އެއްވެސް ހިސާބަކަށް ވާރޭގެ އަސަރެއް ނެތްކަން ވަޙީދު ވަނީ ފާހަގަކުރައްވައިފައެެވެ.

ޖައްވު މިއޮތީ އަނެއްހެން ބުނަންޏާ ވަރަށް ބޮޑަށް ޑްރައިވެފަ. އެހެންވީމަ ދުވަހުގެ ގަދަ ހޫނު، ހިފެހެއްޓިފަ މިހުންނަނީ މުޅި ދުވާލު ހަތަރުދަމު. އޭގެ ފަހުގަ ރޭގަނޑުވެގެންދާއިރު ވެސް މި ހޫނު މަޑު ނުވެގެން އުޅެނިކޮށް އަނެއްކާވެސް އަނެއްދުވަހު އިރު އަރާ ހޫނުވެގެން މި ދަނީ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު

ވަޙީދު ވިދާޅުވީ، ކުރިއަށް މި އޮތް ހަފުތާއެއްހައި ދުވަހު ވަކިން ޚާއްސަކޮށް، އުތުރުގެ ހިސާބުތަކަށް ވިއްސާރައިގެ އަސަރު ވަރަށް ކުޑަކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުވެސް އޮންނާނީ މިހާރެކޭ ވެސް އެއްގޮތަކަށް ވަރަށް އަވިގަދަކޮށްކަން ވަޙީދު ވިދާޅުވިއެވެ.

ނަމަވެސް މިއަދާއި މާދަން ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ފޯރާނެ ކަމަށާއި ރޭވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަކޮށް މާބޮޑު ވިއްސާރައެއް ނުދައްކާ. އެހެންވީމަ މިހާރު މާރިޗް ނިމިގެން މި ދަނީ. ދެން އޭޕްރިލް ފެށޭއިރުވެސް ވަރަށް ޑްރައިކޮށް ދާނީ އޭޕްރިލް މަހަކީ ވަރަށް ހޫނުގަދަ، އެންމެ ހޫނުގަދަ މަސް އެއީ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު

އޭނާ ވަނީ ވާރޭ ނުވެހި ދިގުލައިގެން މިދާ ދުވަސްވަރު، އޭޕްރިލް މަސް ނިމުމަކާ ހިސާބަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އޭޕްރިލް މަހުގެ މެދުތެރެއަށް ދާއިރު، ވިއްސާރައިގެ އަސަރު ފެންނަން ފަށާނެ ކަމަށާއި ނަމަވެސް ވައި މަޑުވާނެކަން ވަޙީދު ވަނީ ފާހަގަކޮށްފައެވެ.

ވަހީދު ވަނީ މިހާރު ވާރޭ ނުވެހުނުކަމުގައި ވީނަމަވެސް އޭޕްރިލް މަސް ނިމި މޭމަސް ފެށޭއިރު، ހުޅަނގު މޫސުމަށް އެޅޭނެ ކަމަށާއި އެހެންކަމުން އަންނަ އޭޕްރިލް މަހުގެ މެދުތެރެއިން އަންނަ ވާރޭއާއެކު ވަރަށް ބޮޑަށް ވިދާ ގުގުރުމާއެކު ހޮނުއެޅުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ވިދާޅުވެފައެވެ. އެފަދަ ކަަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް