ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަހުގެ ތާރީހެއްގައި ހިތްދަތި ކާރިސާއެއް ކުރިމަތިވި މަހެކެވެ. މާލެ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލޭން ފެނުގެ ހިދުމަތް ކެނޑުނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކާރިސާއަށް އަހަރެއް ފުރިފައިވާ އިރު އެއީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމެއްކަން ނުވަތަ ޓެކްނިކަލް މައްސަލަކުން ދިމާވި ކަމެއްކަން އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.
ނިމިގެން ދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އަލިފާނުގެ ހާދިސާތަކެއް ހިނގައިފަ އެވެ. އެ ހާދިސާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހާދިސާއަކީ ގދ. ތިނަދޫ އިންޖީނު ގޭގައި ރޯވެ، 10،000 މީހުންނަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި ތިން އިންޖީނު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވުމުގެ ހާދިސާ އެވެ. އެ ހާދިސާގައި ތިނަދޫން ފަސް ދުވަސް ވަންދެން ކަރަންޓް ކެނޑި، ދައުލަތަށް އެތައް ބުރައެއް އުފުލަން ޖެހި، ބޮޑެތި ހަރަދުތައް ކުރަން ޖެހުނެ އެވެ. ސުވާލަކީ އެއީ ބަޔަކު ގަސްތުގައި ހިންގި ކިއްތޯ ނޫނީ ހަމަ ރޯވީތޯ އެވެ؟
ތިނަދޫ އިންޖީނު ގޭގައި ރޯވީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ފ. ނިލަންދޫ މަރިޔާދުގޭގައި ރޯވެ އަނދައި ހުލިވި އެވެ. ހއ. އިހަވަންދޫގައި އެހަލާފައި ހުރި ލޯންޗެއްގައި ރޯވީ ވެސް މިދިޔަ މަހުގެ ފަހުކޮޅު އެވެ. އޭގެފަހުން ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަސްމަންދޫގައި އަލިފާންގެ ހާދިސާއެއް ހިނގައި އެ ރަށުގެ ބޮޑުބައެއްގައި ހުރި ރުއްގަސްތައް އަނދައިގެން ދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއްވި އެވެ. މިއީ ހަމަ ވިދިވިދިގެން ހިނގައި ދިޔަ ކަންތައްތަކެވެ. ސުވާލު އުފެދޭ އެތައް ކަމެއް އެ ހާދިސާތަކުގެ ފަހަތުގައިވެ އެވެ.
ތިނަދޫ އިންޖީނުގޭގައި ރޯވުން:
ގދ. ތިނަދޫ އިންޖީނުގޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އަދި ވެސް އަންނަނީ ތަހުގީގު ކުރަމުން ނެވެ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވީ ކަމެއް ނުވަތަ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމެއް އަދި ސާފެއް ނުވެ އެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އިންޖީނުގޭގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ. ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނާއި އާންމުގެ އެތައް ބަޔަކާ ވާހަކަ ދައްކާލުމުން ވެސް އެތުހުމަތު އެ ގޮތަށް އެބަކުރެ އެވެ. ތިނަދޫ އިންޖީނުގެއަށް ލިބުނު ގެއްލުން 22 މިލިއަން ރުފިޔާ އަށް އަރަ އެވެ. ނަމަވެސް ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމަށް އުފެދޭ ސުވާލަށް އަދި ޖަވާބެއް ނުލިބޭތާ ރަސްމީ އެއްވެސް ފަރާތަކުން އެކަމާ ބެހޭ ގޮތުން ކޮމެންޓެއް ނުކުރެ އެވެ.

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި: ސަން ފޮޓޯ
ނިލަންދޫ މަރިޔާދުގޭގައި ރޯވުން:
ފ. ނިލަންދޫ މަރިޔާދުގޭގައި އަލިފާން ރޯވެ، މުޅިތަން އަނދައި ހުލިވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ތަނަކީ ކަރަން ހުންނަ ތަނެެއް ނޫނެވެ. އެހެންވުމުން ކަރަންޓް ޝޯޓެއް ނުވަތަ ޓެކްނިކަލް މައްސަލައަކުން އެ ތަނުގައި ރޯވުމުގެ ފުރުސަތަކީ އޮތް ފުރުސަތެއް ނޫނެވެ. ނިލަންދޫ މަރިޔާދު ގެއަކީ އެ ރަށުގެ އާސާރީ އެއްޗެހި ބަހައްޓާފައި ހުންނަ ތަނެކެވެ. އެތަނުގައި ރޯވުމުން އެ ރަށު މީހުނަށް ވެސް ވަނީ ހައިރާން ކަމެއް ކުރިމަތިވެފަ އެވެ.
"އެތަނަކީ ރަށުގައި ހުރި ވަރަށް ގިނަ އާސާރީ އެއްޗެހި ހުރިތަނެއް. އެއްވެސް ވަރަކަށް [އެތަނުގައި ހުރި އެއްޗެތި] ބޭނުން ކުރެވޭ ވަރެއް ނުވޭ. މުޅިތަން އެއްކޮށް އަނދައިގެން އެ ދިޔައީ،" ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު އަލީ "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނިލަންދޫ މަރިޔާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކިހިނެއް ހިނގި ހާދިސާއެއް ކަމަށް ސިފަކޮށް ދިނުމަށް ކައުންސިލަށް ވެސް ވަނީ ދަތިވެފަ އެވެ.

ފ. ނިލަންދޫ މަރިޔާދުގޭގައި އަލިފާން ރޯވެފައި: ސަން ފޮޓޯ/ ކިޔުންތެރިއެއް
ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއްގައި ރޯވުން:
ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަސްމަންދޫ އަކީ މިއީ މީހުން ނޫޅޭ ފަޅު ރަށެކެވެ. ހަމަގައިމު ވެސް އެ ރަށުގައި ކަރަންޓު ޝޯޓެއް ވާނެ އިންޖީނުގެ އެއް ނުހުންނާނެ އެވެ. ނަމަވެސް އެ ރަށުގެ ވެސް ބޮޑު ބައެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރޯވެފަ އެވެ. ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ އެ ރަށުގައި ރޯވާން ޖެހުނީ ކީއްވެގެން ހެއްޔެވެ. ގިނަބަޔަކު ބުނަނީ އެ ރަށުގައި ރޯވީއެއް ނޫން ކަމަށާއި އެ ރަށުގައި ބަޔަކު މީހުން ރޯކޮށްލީ ކަމަށެވެ.
އިހަވަންދޫގައި އެހެލާފައި ހުރި ލޯންޗެއްގައި ރޯވުން:
މިދިޔަ މަހުގެ ފަހު ހަފްތާ ދިޔައީ މުޅިން ވެސް އެކަހަލަ ގޮތަކަށެވެ. ކޮންމެވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގަ އެވެ. އެންމެފަހުން ހއ. އިހަވަންދޫގައި އެހަލާފައި ހުރި ލޯންޗެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާ ލޯންޗު އެއްކޮށް އަނދާ ހުލިވެފަ އެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު އިބްރާހިމް "ސަން"އަށް ވިދާޅުވީ އެ ލޯންޗު އެހަލާފައި އޮންނަތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ލޯންޗުގައި ބަޔަކު މީހުން ރޯކޮށްލި ކަމެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ރޯވުން:
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ރައްޔިތުންގެ މަޖިލިސް، ރައީސް އޮފީސް ފަދަ ތަންތަނުގެ ސެކިއުރިޓީ ސަލާމަތީ ބާރުތަކުން ބަލަހައްޓަމުން އަންނަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށެވެ. ނަމަވެސް ނިމިދިޔަ މަސް ތެރޭގައި އެންމެނަށް ވެސް ހައިރާކަން ކަމެއް ލިބިގެން ދިޔައީ މަޖިލިސް ކުރާ ގޭގައި އަލިފާނުގެ ހާދިސާ ހިނގައި އުޅޭ ކަމުގެ ހަބަރަށެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނީ ބާރުގަދަ އަޑެއް ގޮވުމަށް ފަހު ދުން އަރަން ފެށީ ކަމަށެވެ. އެކަމުގެ ހަގީގަތެއް އަދިވެސް ނޭނގެ އެވެ.
ކޮންމެއަކަސް އެ މައްސަލާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދިޔަ އެވެ. ބައެއް ފަރާތްތަކުން އެކަމަކީ މަޖިލިސް ހުޅުވުން ކައިރިވެފައިވާތީ ސަރުކާރުން ޖެހި "ރޮކެޓެއް" ކަމަށް ސިފަ ކުރި އެވެ.
ސިޔާސީ ކަމަކަށް ވެދާނެބާ؟
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ ގައުމުގައި ސިޔާސީ އެތައް ވާހަކަތަކެއް ދެކެވެމުން އައިސްފައިވާ ދުވަސްވަރެއްގަ އެވެ. ޝޯޝަލް މީޑިއާގައި ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ އެތައް ފަރާތްތަކުގެ ވާހަކަތައް އެކި ގޮތްގޮތަށް ދެކެވެމުން އައި ދުވަސްވަރެއްގަ އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އިސް މެމްބަރަކު "ސަން" އަށް ވިދާޅުވީ މާޒީގައި ކަން ހިނގާ ގޮސްފައިވާ ގޮތަށް ބަލާ އިރު ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ކޮށްފައިވާ ކަމެއް ކަމާ މެދު ޝައްކު އުފެދުމުގެ ޖާގަ ރައްޔިތުންގެ ހިތްތަކުގައި އެބައޮތް ކަމަށެވެ.
މެމްބަރު ވިދާޅުވިހެން ފަހަރުގައި އެ ހާދިސާތަކަކީ ބަޔަކު މީހުން ގަސްތުގައި ކުރި ކަމަކަށް ވުން އެކަށީގެންވެ އެވެ. ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގެ މާޒީއަށް ބަލާއިރު އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން މިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގައި ދިޔަ އަލިފާނުގެ އެ ހާދިސާތަކަކީ ސިޔާސީ ބަޔަކު ގަސްތުގައި ކުރިކަންކަން ނޫން ބާވަ އެވެ؟ ނޫނީ ހަމަ އިއްތިފާގެއްބާ އެވެ.