ސައުތު އޭސިއަން ގޭމްސްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމް ކުޅުނު ފުރުތަމަ މެޗުން ދެ ޓިމް ވެސް ބަލިވެއްޖެ އެވެ.
އިންޑިއާގައި މިއަދު ފެށުނު ގޭމްސްގައި ގުވަހާޓީގެ ސަރުސަޖާއި ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށް ދިޔަ ދެ މެޗުގެ ތެރެއިން މިސަރަހައްދުގެ ދެވަނަ ޓީމު، ޕާކިސްތާނު އަތުން ރާއްޖޭގެ ފިރިހެން ވޮލީ ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ. ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުގެ ސެޓްތައް ޕާކިސްތާނުން ގެންދިއައީ 25-22, 25-14, 25-20 އިންނެވެ.
ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް މި ސަރަހައްދުގެ ރޭންކިންގެ އެއްވަނަ އިންޑިއާ އަތުން ވަނީ ބޮޑު ތަފާތަކުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. އެ މެޗުގެ ސެޓްތައް އިންޑިއާ އިން ގެންދިޔައީ 25-9, 25-9, 25-10 އިންނެވެ.
މިއަދުން ފެށިގެން މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާފްގޭމްސް މިއަދު ބޭއްވި ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާފައި ވަނީ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އެވެ. އަދި މާދަމާ ޝިލޮންގައި ކުރިއަށްދާ ރަސްމިއްޔާތުގައި ދިދަ އުފުލާނީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ(އެމްއޯސީ) ބުނެ އެވެ.