ކަންކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އުމުރުން 40-59 އާ ދެމެދުގެ މީހުން

އިންސާނުންގެ ތެރެއިން، ކަންކަމާ އެންމެ ބޮޑަށް ކަންބޮޑުވެ، ދިރިއުޅުމުގައި އުފާވެރިކަން ލިބިގަންނަން އެންމެ ދަތިވަނީ، އުމުރުން 40 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ތަފާސް ހިސާބުތަކާ ބެހޭ ގައުމީ އިދާރާ (އޯއެންއެސް) އިން ކުރި ސާވޭއެއް ދައްކާ ގޮތުގައި، މެދު އުމުރުގެ މީހުންނަށް ވުރެ، 90 އަހަރުން މަތީގެ މީހުންނަށް ދިރިއުޅުމުގެ އުފާ ހާސިލުކުރާ މިންވަރު މައްޗެވެ.

ެމެދު އުމުރުގެ މީހުން ނުވަތަ 40 އަހަރާއި 59 އަހަރާއި ދެމެދުގެ އުމުރުގެ މީހުންގެ ތެރެއިން، ކަންކަމާ އެންމެ ބޮޑަށް ހާސްވަނީ އަންހެނުން ކަމަށް އޯއެންއެސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެހެން ނަމަވެސް އެ އުމުރުގެ ފިރިހެނުންނަށް ވުރެ އަންހެނުންނަކީ ދިރިއުޅުމާއި ހަޔާތާ މެދު މާ ބޮޑަށް އުފާކޮށް، ހިތްހަމަޖެހޭ ބައެކެވެ.

ސާވޭ ކުރިޔަށް ދިޔައީ، އިނގިރޭސި ވިލާތުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ފަރާތުން މައުލޫމާތު ހޯދައިގެންނެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، 35 އަހަރަށް ވުރެ އުމުރު މަތިވާ ވަރަކަށް މީހުން، އެމީހުންގެ ދިރިއުޅުމާ މެދު ހިތްހަމަޖެހޭ މިންވަރު ދަށްވެ އެވެ.

އެހެން ނަމަވެސް 60 އަހަރުން އުމުރު މަތިވުމުން މިކަން ބަދަލުވެ އެވެ. ފަސްދޮޅަސް އަހަރުން މަތީގެ މީހުން ދެކޭ ގޮތުގައި އެމީހުންގެ ދިރިއުޅުން ވަރަށް ރަނގަޅެވެ. އަދި ވިސްނާ ފިކުރުކޮށް، ހާސްވުމަށް މާ ބޮޑު ކަމެއް ނެތުމުން، އެމީހުން ދިރިއުޅުމާ މެދު ވަރަށް ހިތްހަމަ ޖެހެ އެވެ.

ތަފާސް ހިސާބުތަކާ ބެހޭ އޮފީހުން ނެރުނު ރިޕޯޓު ބުނާ ގޮތުގައި، މެދު އުމުރުގެ މީހުން ދިރިއުޅުމާ މެދު ހިތްހަމަނުޖެހި، ކަންކަމާ މެދު މާ ބޮޑަށް ފިކުރުކޮށް ހާސްވަނީ، އެ އުމުރުގައި އެމީހުން ނަގަންޖެހޭ ޒިންމާތަކުގެ ބޮޑު ކަމުންނެވެ. އެގޮތުން އެމީހުންގެ ޒުވާން ދަރީން ބަލައި ބޮޑުކޮށް ތަރުބިއްޔަރު ކުރުމުގެ އިތުރުން، މުސްކުޅި ވަމުން އަންނަ އެމީހުންގެ މައިންބަފައިންގެ ކަންކަން ބެލެހެއްޓުމަކީ އެމީހުން އުފުލަން ޖެހޭ ޒިންމާތަކެކެވެ.

ރިޕޯޓުގައި ބުނާ ގޮތުގައި، އުމުރުން ހަގު މީހުންނަކީ ތައުލީމު ހާސިލުކުރާ ބަޔަކަށް ވެފައި، އުމުރުން ދޮށީ މީހުންނަކީ ރިޓަޔާ ކުރުމަށް ފަހު، އަމިއްލަ ކަންކަމަށް ހުސް ވަގުތު ގިނައިން ލިބޭ ބަޔަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ހަގު އުމުރުގެ މީހުންގެ ކަންބޮޑުވުން އިތުރުވެ، ދޮށީ އުމުރުގެ މީހުންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތުމަކީ މި ސަބަބާ ހުރެ ވެދާނެ ކަމެކެވެ.

މަސްދަރު: ދަ ގާޑިއަން

comment ކޮމެންޓް