ގދ. ތިނަދޫގައި ކުރިން ކަރަންޓު ދެމުންގެންދިޔަ ގޮތަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓާނުލައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އަލިފާނުގެ ހާދިސާގައި، ތިނަދުއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދިޔަ ހުރިހާ އިންޖީނެއް ހަލާކުވެ، އިންޖީނުގެވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވުމުން، ކުރިން ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ޚިދުމަތްތައް ދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް، ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި ފެނަކަ ކޯޕަރޭޝަނާއި އަދި އެހެނިހެން ކުންފުނިންތަކުން ހުއްޓާނުލައި ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެ މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަވަނީ ތަހުގީގު ކުރަމުން ކަމަށާއި، އެފަދަ ކަންކަން ތަކުރާރުނުވާނޭ ފަދައަކުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށެވެ.
ތިނަދޫގައި ރޭގައި ދިމާވި އަލިފާނުގެ ހާދިސާގައި، ތިނަދޫގެ އިންޖީނުގެ އެކުގައި އަނދާ ހުލިވެ އަދި ނަތީޖާއެއްގެ ގޮތުން، މުޅި ރަށުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ކަމީ، ރައީސުލްޖުމްހޫރިއްޔާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އަދި މިކަމުގެ ސަބަބުން މިއަދު ތިނަދޫގެ ސްކޫލްތަކުގެ ކިޔެވުންވަނީ މެދުކަނޑާލެވިފައިކަންވެސް ހިތާމައާއެކު ފާހަގަކުރައްވައެވެ. ނަމަވެސް ކޮންމެހެން ދޭންޖެހޭ ޞިއްޙީ ފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހޮސްޕިޓަލަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވައެވެ،" ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.
ތިނަދޫ ހޮސްޕިޓަލްގެ މުހިންމު ސެކްޝަންތަކަށް މިހާރު ވަނީ ވަގުތީ ގޮތުން ކަރަންޓުގެ ޚިދުމަތްދީފައެވެ. އަދި އެ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށްޓަކައި ގއ. ވިލިނގިއްޔާއި އެއަތޮޅު މާމެންދޫން ދެ ޖަނެރޭޓަރު ގެންދިޔުމަށް ވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ހަމައެހެންމެ ލ. އަތޮޅުންނާއި އަދި އެނޫންވެސް ރަށްތަކުން އެރަށަށް ޖަނެރޭޓަރުތައް ގެންދިޔުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.