ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އެ ސިޓީގެ ކައުންސިލުން ކުރި އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ، އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އަންގައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ވަނީ އެ ރަށުގައި އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެދި ހުށަހެޅުމަށް ހުޅުވާލައި އިއުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ ހައުސިން ޔުނިޓު އިމާރާތްކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތް މިނިސްޓްރީގެ މެންޑޭޓޫގައި ހިމަނާފައި ވާކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުތަކާ އެއްގޮތަށް ކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. ތިނަދޫގައި އިމާރާތްކުރެވެމުންދާ ހައުސިން ޔުނިޓުތަކަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތްކުރެވޭ ހައުސިން ޔުނިޓުތަކަކަށް ވުމުން، އެ ޔުނިޓުތައް ދޫކުރުމުގެ ކުރީން ޔުނިޓުތައް ދެވޭނޭ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދަންވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަކީ މިނިސްޓްރީގެ ހުއްދައެއްނެތި ކޮށްފައިވާ އިއުލާނަކަށް ވުމުން އެ އިއުލާނު ބާތިލުކުރުމަށް އެރަށުގެ ކައުންސިލަށް އަންގާފައެވެ.
އަދި ހައުސިން ޔުނިޓުތައް ދޫކުރާ އުސޫލު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ފޮނުވުމަށް ކައުންސިލަށް އަންގާ ހައުސިން ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް މިނިސްޓްރީގެ އިރުށާދުގެ ދަށުން ކުރުމަށް އެ ކައުންސިލަށް ވަނީ އަންގާފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ އެ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހުގެ 13:00ން ފެށިގެން 30 އޭޕްރިލް 2025ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.