ތިނަދޫ ކައުންސިލްގެ މައްސަލަ: މިނިސްޓަރު އެދިވަޑައިގަތީ އޭސީސީއަށް އެއްބާރުލުން ދިނުމަށް

ލޯކަލް ގަވަމެންޓް މިނިސްޓާރު އާދަމް ޝަރީފް އުމަރު: އެދިވަޑައިގަތީ ކައުންސިލްތަކުން ވެސް މިނިވަން މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

މިނިވަން މުއައްސަސާތަކުން ބަލާ މައްސަލަތަކުގައި ކައުންސިލްތަކުން ވެސް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް އެ ކޮމިޝަނުން ވަނުމުން، އެ ކައުންސިލުންވަނީ އެއީ ވައްކަން ކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ.

މި މައްސަލައިގައި އޭސީސީންވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އަދި ފުލުހުން ވެސް ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިނުވާ ކަމަށެވެ.

https://www.sun.mv/201865

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވީ، މިނިވަން މުއްސަސާއަކުން ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ، ދެ ފުށް ފެންނަ ގޮތެއްގައި އެ ފުރުސަތު ބޮޑަށް ފަހިކޮށްދިނުމަކީ ތަހުޒީބު ގޮތް ކަމަށެވެ.

މިނިވަން މުއައްސަސާތަކަކީ ގާނޫނުން ވަކި ދުސްތޫރީ ބާރުތަކެއް ލިބިފައިވާ މުއައްސަސާތަކެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ހުރިހާ ގޮތަކުން ބަލާއިރު ވެސް، ކައުންސިލްތަކަށް ވެސް އެންމެ ޒިންމާދާރު ގޮތަކީ އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ތިނަދޫ ކައުންސިލުން އޭސީސީއަށް ކުރި ވައްކަމުގެ ތުހުމަތު އޭސީސީންނާއި ފުލުހުން ވެސް ދޮގުކޮށްފައިވާއިރު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދެމުން ދަނިކޮށް، އޭނާ ރަށުގައި ނެތް ވަގުތެއްގައި މައުލޫމާތު ސާފުކުރަން އޭސީސީގެ ނަމުގައި ތިން މީހަކު އައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުން ބޭނުންވާ މާއުލޫމާތު އަނެއް ދުވަހުގެ މެންދުރު 2:30ގައި ހިއްސާކުރާނެ ކަމަށް އޭސީސީއަށް ލިޔުމުން އަންގާފައިވަނިކޮށް، ރަސްމީ ގަޑީގައި އޮފީހަށް ތިން މީހަކު ވަތް ކަމަށެވެ.

އަދި އޮފީހުގައި މުވައްޒަފުން ނެތް ވަގުތު ބަލައި، ލިޔެކިޔުންތައް ނަގައިގެން ފިލީ ކަމަށާއި އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ފޮނުވައިގެން އޭސީސީގެ ނަމުގައި އައި ބަޔެއް ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.

comment ކޮމެންޓް